ވާހަކަ

ކުރުވާހަކަ: ކެހިވެރިޔާ - 01

ޝިފާގެ ހިތާމަތައް ކޮޅުންލައިފިއެވެ. ވިސްނުމުގެ ބާރު މުޅިން ނެތިގެން ހިނގައްޖެ ކަހަލައެވެ. އޭނާގެ ހުރިހާ އުންމީދެއް މުޅިން ފުނޑުފުނޑުވެއްޖެއެވެ. މިހާރަކު ދެން އިތުރަށް ވިސްނާނެ ޖާގައެއް ނެތެވެ. ފުރުސަތު ގެއްލިއްޖެއެވެ. ވަގުތު މާބޮޑަށްވެސް ފާއިތުވެއްޖެއެވެ.

އެކަމަކު މިކަމުގައި އޭނާގެ ކުށަކީވެސް ފަހެ ކޮބައިހެއްޔެވެ؟ ދުނިޔޭގައި އެކި އިންސާނުންނަށް ކަންތައްތައް ދިމާވާނީ އެކިގޮތަށެވެ. އެއްބަޔަކު އުފަލުން ހެމުން އުފާކުރަމުން ގެންދެއެވެ. އަނެއްބަޔަކު އަބަދުވެސް ތިބެންޖެހިފައި އޮންނަނީ ރޮއިލަރޮއިލައެވެ. ކޮންމެވެސް ހިތާމަތަކެއްގެ ތެރޭގައެވެ. އެއީ ދުނިޔެ ހިނގަމުން އަންނަ އުސޫލެވެ.

ޝިފާގެ ހިތުގައި އެތައްއެތައް ސުވާލުމާކުތަކެއް ޖެހިފައިވެއެވެ. އެކަން އޭނާގެ ނިއްކުރިމައްޗަށް އަރައި ފައިބަމުންދާ ރޫތަކުން އެނގެއެވެ. އޭނާގެ ހިތްވަނީ ޒަހަމްވެފައެވެ. މިކަމުގެ ހެއްކަކަށް އެމައުސޫމު ދެލޮލުން ފައިބަމުންދާ ކަރުނަތައް އެކަނިވެސް ފުދެއެވެ. އެކަރުނަތަކަށް ހިތުން އެއްވެސް ޖާގައެއް ދެވިފައިނުވާ ކަހަލައެވެ. ނޫނީ އެއީ ހިތާ ދެކޮޅަށް އޭނާއަށް ކުރަންޖެހިފައިވާ ހަނގުރާމައެކެވެ. އެހަނގުރާމައިގައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހުނީއެވެ.

އެހެން އިންނައިރު، ޝިފާއަށް ފެންނަމުން އެދާމަންޒަރަކީ އެއް އިރެއްގައި އެހިތުގެ ހަމަޖެހުމެވެ. އަބަދު އެދިމާއަށް ބަލަން އޭނާ އިނދެއެވެ. ކެތްމަދުވެފައެވެ. ހިނިތުންވެހުރެއެވެ. އެއީ އޭނާގެ ލޯބިވާ ނިޒާމުގެ ގެއެވެ. އެކުޑަދޮރަކީ ނިޒާމުގެ ކޮޓަރީގެ ކުޑަދޮރެވެ. އެހާގިނައިން އެދިމާއަށް ޝިފާއަށް ބެލެނީ އެހެންވެގެނެވެ.

ނިޒާމު ދެކެ ޝިފާ އިންތިހާއަށް ލޯބިވެއެެވެ. ކުރިއަކުންނޫނެވެ. މިހާރުވެސްމެއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ނިޒާމަކީ ޝިފާގެ ފުރަތަމަ ލޯބިވެރިޔާއެވެ. ޝިފާގެ ހިތްއެދޭ ހުރިހާ ސިފަތަކެއް ނިޒާމަށް ގުދުރަތުންވަނީ ހަދިޔާކޮށްފައެވެ. އިސްކޮޅާ ރޫފައެޅިގެންވެއެވެ. ވާހަކަދެއްކުމުގައިވާ ހިތްގައިމު ކަމާއި އަޑުގައިވާ ފިރިހެންވަންތަ ކަމަކީ ޝިފާގެ ބަލިފައެވެ. އެހިތްގައިމު އަޑުޖެހޭ ކޮންމެ ފަހަރަކު ޝިފާއަށް ދެލޯ މަރައިލެވެނީ ބޭއިހުތިޔާރުގައެވެ. އަބަދުވެސް ނިޒާމުގެ އެލޯބި ލޯބި ޖުމުލަތައް އިވުމަށް އޭނާއަށް އެދެވެއެވެ.

އަމިއްލަ ހުރިހާ ކަމެއްގެ އިހްތިޔާރު ނިޒާމުގެ އަތްމައްޗަށް ޝިފާއަށް ދޫކޮށްލެވުނީ އިތުބާރުކުރެވޭތީއެވެ. ހިތުގައިވާ ނިޒާމުގެ ލޯބީގެ ބާރުގައެވެ. ނިޒާމަކީ އޭނާގެ ހަޔާތުގެ އެއްބައިކަމުގައި ދެކެވޭތީއެވެ. ލޯބީގައި ދެގޮތެއް ނުވާނެކަމުގެ ޔަގީންކަން އޮތީތީއެވެ. ހިތުގައި އެނަން ފިޔަވައި އެހެން އެއްވެސް ނަމަކަށް ޖާގައެއް ދެވިފައިނުވާތީއެވެ.

ޝިފާއަށް ކުރަންޖެހިފައިވާ ހިތާމަތަކުގެ އަސްލަކީ ނިޒާމަށް ކުރެވުނު އިތުބާރުކަމަށް އޭނާ ގަބޫލުކުރެއެވެ. "އިތުބާރު" މިލަފްޒުގެ އަޑު ޝިފާގެ ކުރިމަތީގައި މިއަދުވަނީ ވެއްޓިފައެވެ. ދިރިހުރުމުގެ އުންމީދުވަނީ ގެއްލިފައެވެ. މިހުރިހާ ކަމެއްވެސް ވީ އަމިއްލައަށް ވިސްނައި ނުލެވުމުގެ ސަބަބުންނެވެ. ލޯބި އެއީ ކަނު އެއްޗަކަށްވީތީއެވެ.

***************

"ދަރިފުޅާ! ކާންހިނގާ! މެންދުރުވެސް ނުކައެއްނު ތިހިރީ. ތިހެން އުޅެނިކޮށް މާބޮޑަށް ބަލިވެދާނެ..." ޝިފާގެ ބައްޕަ މަންސޫރުގެ އަޑުގައި ހުރީ މޮޅިވެރިކަން އެކުލެވިފައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ޝިފާއަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިއަދާ ހަމައަށް އައިއިރު ޝިފާގެ ކޮންމެ އެދުމެއް އޭނާ އައީ ފުއްދައިދެމުންނެވެ. ޝިފާގެ ކޮންމެ އުފަލަކަށް މަރުހަބާކީ ހިތްހަމަޖެހުމާއެކު ބައްޕައެއްގެ ލޮބުވެތި ފިރުމުންތަކުންނެވެ. އެދަރިފުޅު ދެރަވާފަދަ ކަމެއް ދުވަހަކުވެސް އޭނާ ނުކުރެއެވެ. އަމުދުން ޝިފާ ދެރަވެފައި ހުންނަ މަންޒަރު ދުށުމަކީ އޭނާގެ ދެލޮލަށް ކުޅަދާނަ ކަމެއް ނޫނެވެ. އެއަށްވުރެ މާބޮޑަށް އޭނާ ޝިފާ ދެކެ ލޯބިވެއެވެ.

ބައްޕަގެ އަޑާއެކު ޝިފާ އިށީނދެގެން އިން ގޮނޑިން ތެދުވިއެވެ. އަބަދުވެސް ބައްޕައަށް ގަދަރުކުރުމަކީ އޭނާގެ އާދައެކެވެ. ބައްޕަގެ ކުރިމަތީގައި އިސްވެ ވާހަކަދައްކައި ހެދުމަށް އޭނާ ލަދުގަނެއެވެ. ބައްޕަގެ ކޮންމެ އަމުރަކަށް ކިޔަމަންތެރިކަން އަދާކުރުމަކީ ޝިފާގެ އެންމެބޮޑު އުފަލެވެ. އެއީ އޭނާއަށް ދެރަގޮތެއް ވުމަށް އޭނާގެ ބައްޕަ ނޭދޭނެކަން އެނގޭތީއެވެ.

ކާމޭޒު ދޮށުގައި އިށީނދެގެން އިންއިރު މޭޒުމަތީގައިވާ އެއްވެސް އެއްޗެއް ޝިފާއަށް ނުފެންނަ ކަހަލައެވެ. ނޫންނަމަ އޭނާގެ ދެލޯ އެއެއްޗެތި ދުށުމަށް ނުކުޅެދުންތެރިވެފައިވަނީއެވެ. ނޫންނަމަ އެހެން މަންޒަރެއް ދުށުމަށް އެދި އެދެލޯ އެދި ގޮތަވުން ދަނީއެވެ. ހިތުގެ އެދުމުގެ ކުރިމަތީގައި އެހެން ހިއްސުތަކެކޭ އެއްފަދައިން ދެލޮލަށްވެސް އިސްޖަހައިލަން މަޖުބޫރުވެފައި ވަނީއެވެ. މޭޒުމަތީގައި ތަފާތު ވައްތަރުތަކުން ކާތަކެތި އަތުރާލައިފައިވެއެވެ. ތެދަށް ބުނާނަމަ ހުސްޖާގައެއްވެސް ނެތެވެ. އެއީ ހައްތާވެސް ޝިފާގެ ފޭވަރިޓް ކާތަކެއްޗެވެ.

އެކަމަކު ޝިފާގެ ދެލޮލަށް ފެންނަނީ އެހެން މަންޒަރުތަކެކެވެ. އޭނާގެ ހިތަށް ސިފަވަނީ ނިޒާމުގެ ސޫރައެވެ. ވިސްނެނީ ނިޒާމުގެ ހާލާމެދުގައެވެ. ޝިފާގެ ހިތުގައި އުފެދެނީ އެތައް ސުވާލުތަކެވެ. "ނިޒާމު އެގޮތަށް އަމަލު ކުރީ ކީއްވެހެއްޔެވެ؟ އެހާ ދަށުދަރަޖައަކަށް ނިޒާމަށް ވެއްޓިގަތުމަށް މަޖުބޫރުވާންވީ ކީއްވެހެއްޔެވެ؟ ލޯބީގެ ނަމުގައި ދަޅަތަކެއް ދެއްކީ ކީއްވެހެއްޔެވެ؟ އަދި ދުވާލުގެ ހުވަފެންތަކުން ރޭގަނޑުގެ ނިދި މަހުރޫމުކުރުވީ ކީއްވެހެއްޔެވެ؟ އަހަރެންގެ ކުށަކީ ފަހެ ކޮބައިހެއްޔެވެ؟ އަހަރެންގެ ފުށުން އޭނާއަށް ޓަކައި އުނިވީވެސް ކޮން ކަމެއް ހެއްޔެވެ؟" މިފަދަ އެތައް ސުވާލުތަކެއް ޝިފާގެ ހިތުގައި އުފެދެއެވެ.

"ޝިފާ! ކޮންމެވެސް ވަރަކަށް ކެވޭތޯ ބަލާ ދަރިފުޅާ! ތިހާ ވަރަށް ނުވިސްނާ!.. މިހާރު ދަރިފުޅަށްވެސް ރަނގަޅުވާނީ ނިޒާމުގެ ހިޔާލުތަކާ ދުރަށް ދެވޭތޯ ބެލިއްޔާ. އެއީ ދަރިފުޅު ފަދަ މާތް ކުއްޖަކާ އެކަށީގެންވާ މީހެއް ނޫން. އެއަށްވުރެ މާއަގު ދަށް މީހެއް. ބައްޕަވެސް އޭނާއާ ދޭތެރޭ ކަންތައްތައް ކުރަމުން އައީ ކިހާ ރަނގަޅަކަށް. އެކަމަކު އެންމެ ފަހުން އޭނާ އެކުރީ މައާފުކުރެވޭ ވަރަށްވުރެ މާ ހުތުރު ކަމެއް. އެކަމުގެ ސަބަބުން ދަރިފުޅަށްވެސް ހުތުރު ނަން ލިބިގެންދާނެ. ބައްޕަ އެންމެ ބޮޑަށް ދެރަވަނީ އެކަމާ...." މިވާހަކަތައް ދައްކަމުން ދިޔައިރު މަންސޫރަށް ވެސް ހުރެވުނީ ފެންކަޅިވެފައެވެ. އެހެން ނުވާންނީ ސަބަބެއް ނެތެވެ. އޭނާގެ ފުރާނަފަދަ ލޯބިވާ ދަރިފުޅުގެ ހަޔާތް މިއަދު އެވަނީ މުޅިން އަނދިރިވެފައެވެ. އެކަމުގައި އޭނާއަށް ވެވޭނެ އެހީއެއްވެސް ނެތެވެ. ކުރެވޭނެ އެއްވެސް ކަމެއްނެތެވެ.

އޭނާގެ ދަރިފުޅު ދުވަހަކު މީހަކާ ނީނދެ ހުންނަން ޖެހުނަސް ނިޒާމް ކަހަލަ މީހެއްގެ އަތް މައްޗަށް އެދަރިފުޅު ދޫކޮށްލުމަކީ ހިތަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އަމިއްލަ އަތުން އަމިއްލަ ދަރިފުޅުގެ ހަޔާތް ބަރުބާދު ކޮށްލުންވެސް އެއަށްވުރެ މާރަނގަޅު ވާނެ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ. ނިޒާމަކީ މިއަދު މަންސޫރުގެ ކުރިމަތިގައި އެހާވެސް ދަށުފަންތީގެ މީހެކެވެ. އެއީ ދުވަހަކުވެސް މައާފު ލިބުން ހައްގު މީހެއް ނޫނެވެ. މިއީ މަންސޫރު ދެކޭ ގޮތެވެެ. އޭނާއަށް ގަބޫލުކުރެވޭ ގޮތެވެ.

(ނުނިމޭ)