ނިއުޕޯޓުގެ އިތުރު މައްސަލައެއްގެ އަޑުއެހުމެއް މިއަދު ސިވިލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލްކޮށްފިއެވެ.
ނިއުޕޯޓު ވިއުގެ ކޮންޓްރެކްޓް ބާތިލް ކުރި މައްސަލައިގައި، ނިއުޕޯޓް ހިންގާ ކުންފުނި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން، ޕްލޭނިންގް މިނިސްޓްރީއާ ދެކޮޅަށް ކުރާ ދައުވާގެ ޝަރީއަތުގެ މިއަދު އަޑުއެހުން ޝެޑިއުލް ކޮށްފައި އޮތީ 11:00 ގައެވެ.
މީގެ ކުރިން އެކުންފުނިން ސިވިލް ކޯޓަށް ހުށަހަޅަފައިވާ ތިން މައްސަލައެއް ވަނީ ސްޓްރާޑާ ކުންފުންޏާއި އެއްކޮޅަށް ނިމިފައެވެ. އެގޮތުން އެ ތިން ތަނުގެ އެއްބަސްވުން ބާތިލްނުވާ ކަމަށް ނިންމައި، އެ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.
މާލޭ އިރުމަތި ފަރާތުން ބުރިޖު ކައިރީގައި ހަދާފައިވާ ނިއު ޕޯޓް ވިއު ރެސްޓޯރެންޓް ސަރުކާރުން ހުސްކުރަން އެންގީ ރެސްޓޯރެންޓް ހުރި ބިމަށް ބޮޑު ކުއްޔެއް ސަރުކާރަށް ދައްކަމުން އަންނަނިކޮށް، ކުންފުނިން ކުރި ހަރަދު ވެސް ނުލިބެނީސް ކަމަށް ސްޓްރާޑާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒާހިދު ރަމީޒު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. އަދި މި ސަބަބަށް ޓަކައި އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ރެސްޓޯރެންޓު ބަންދުކޮށް ތަން ހުސްކުރުމަށް އެންގި އެންގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޒާހިދު ވިދާޅުވެފައި ވެއެވެ.
ނިއު ޕޯޓް ރެސްޓޯރެންޓް ބަންދުކޮށް، އެތަން ހުސްކުރަން ސަރުކާރުން އަންގާފައިވަނީ މިއަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހު އެވެ.
ނިއުޕޯޓް ރެސްޓޯރެންޓަކީ ސްޓާރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ރެސްޓޯރެންޓެކެވެ. ނަމަވެސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ޒާހިދު ދޫކޮށްލުމުން، މިހާރު އެ ކުންފުނި ހިންގަނީ އޭނާގެ އަންހެނުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ޕްލެޓްފޯމާ އެކު ރެސްޓޯރެންޓެއް ހިންގާ ގޮތަށް އެ ސަރަހައްދު ސްޓާރާޑާއަށް ފުރަތަމަ ދިނީ ތިން އަހަރަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ އަށް އަހަރަށް އިތުރުކޮށްފައެވެ.