އިނގިރޭސި ޕްރިމިއާ ލީގު

ސިޓީން ޕްރިމިއާ ލީގުގެ ތަށި ދިފާއުކޮށްފި

މެންޗެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ދިފާއުކޮށްފިއެވެ.

ސިޓީން ޕްރިމިއާ ލީގުގެ ތަށި ދިފާއުކޮށްފައިވަނީ ރަށުން ބޭރުގައި މިރޭ ކުޅުނު މެޗުގައި 4-1ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްގެންނެވެ. މިއީ ސިޓީން ޕްރިމިއާ ލީގު ކާމިޔާބުކުރި ހަތަރުވަނަ ފަހަރެވެ.

އެ މެޗަށް ނުކުތް އިރު، މެޗުން ސިޓީ ބަލިވެ ނުވަތަ އެއްވަރުވެއްޖެ ނަމަ، ލިވަޕޫލަށް ތަށި ލިބުމުގެ ފުރުސަތު އޮތެވެ. ސިޓީ ސަލާމަތްވީ މިރޭ ކުޅުނު މެޗުގައި ބްރައިޓަން އަތުން ތިން ޕޮއިންޓް ހޯދުމުންނެވެ. މިރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ވަނީ 2-0ގެ ނަތީޖާއަކުން ވުލްވްސް އަތުން މޮޅުވެފައެވެ.

މިރޭ ކުޅުނު މެޗުގައި ސިޓީން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް، ބްރައިޓަން އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޕަސްކަލް ގްރޮބް ނަގައިދިން ކޯނަރަކުން ބްރައިޓަންއަށް ލީޑު ހޯދައިދިނީ ގްލެން މަރޭއެވެ.

ބްރައިޓަން އިން ލީޑު ހޯދިތާ މިނެޓެއް ތެރޭ ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސާޖިއޯ އަގުއެރޯ ވަނީ ވަރަށް ހަމަޖެހިލާފައި ބްރައިޓަންގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އެ ލަނޑާއެކު ވެސް މެޗު ކޮންޓްރޯލްކޮށްގެން ކުޅެމުންދިޔައީ ސިޓީންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ ލީޑު ހޯދައިފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ރިޔާދް މަހްރޭޒް ނަގައިދިން ކޯނަރަކުން ސިޓީއަށް ލީޑު ހޯދައިދިނީ ޑިފެންޑަރު އޭމެރިކް ލަޕޯޓްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ހަމަލާތަކަކަށްފަހު ސިޓީން ވަނީ މެޗުގެ 63 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ފުޅާކޮށްފައެވެ. ޑޭވިޑް ސިލްވާ ދިން ބޯޅައަކުން ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ މަހްރޭޒެވެ.

މެޗުގައި ސިޓީން ޖެހި ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ރަހީމް ސްޓާލިންއަށް ބްރައިޓަންގެ ޔެވޭސް ބިސޫމާ ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ސިޓީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އިލްކާއި ގުންޑޮގަންއެވެ.

މިސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ލިވަޕޫލްގެ ފަރާތުން މިރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ދެ ލަނޑުގެ ތަފާތުން ލިވަޕޫލް މޮޅުވި އެ މެޗުގައި ލިވަޕޫލްގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ސާޑިއޯ މާނޭއެވެ. މެޗުގެ 17 ވަނަ މިނެޓުގައި މާނޭގެ ފުރަތަމަ ލަނޑު ފެނިގެންދިޔަ އިރު، އޭނާގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ 81 ވަނަ މިނެޓުގައެވެ.

މިރޭގެ މެޗުތަކާއެކު މިސީޒަނުގެ ޕްރިމިއާ ލީގުގެ ކުޅުން ވަނީ ނިމުމަކަށް އައިސްފައެވެ. ލީގުގެ އެއްވަނަ ހޯދި ސިޓީއަށް 98 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި ލިވަޕޫލަށް ލިބިފައިވަނީ 97 ޕޮއިންޓެވެ. ސިޓީއާއި ލިވަޕޫލާއެކު ގަދަ ހަތަރަކުން ޖާގަ ހޯދީ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާއެވެ. ތިންވަނައިގައި ނިންމާލި ޗެލްސީއަށް 72 ޕޮއިންޓް ލިބިފައިވާ އިރު، ހަތަރުވަނައިގައި ނިންމާލި ޓޮޓެންހަމްއަށް ލިބިފައިވަނީ 71 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގެ ތަށި ކާމިޔާބުނުކުރެވުނު ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. އަންނަ މަހުގެ އެއްވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލް ނުކުންނަން ޖެހޭނީ ޓޮޓެންހަމްއާ ދެކޮޅަށެވެ.