މިނިސްޓަރު އަހުމަދު މަޙުލޫފް

މިއަހަރު އަޅާ ފުޓްބޯޅަ ދަނޑުތަކަށް 100 މިލިއަން ރުފިޔާ ހަރަދުވާނެ: މަހުލޫފު

ޝަހީދާ އަބްދުﷲ ސައީދު

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރު އަޅާ ބޮޑެތި ފުޓްބޯޅަ ދަނޑުތަކަށް 100 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ ރާއްޖޭގައި ރަނގަޅު ފެންވަރުގެ 10 ފުޓްބޯޅަ ދަނޑު ހަދަން އިއުލާން ކުރާނެ ކަމަށެވެ.

އަދި މިނިސްޓްރީގެ ބަޖެޓުގައި މިވަގުތު 10 ދަނޑަށްވާ ފައިސާ އެބަހުރި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން 20 ދަނޑު އެޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ. މަހުލޫފު ވިދާޅުވީ ފުޓްބޯޅަ ދަނޑު އެޅުމުގެ ވިސްނުން ހުރިކަން އެނގުނު ބައެއް ފަރާތްތަކުން މާލީ އެހީތެރިކަން ދޭނެކަންވެސް ހާމަކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން އދ. މާމިގިލީގައި ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހަދާ ވާހަކަ ދެކެވުނު ހިސާބުން އެދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ފޯނުކުރައްވައި އެކަމަށް ހިނގާ ހަރަދުގެ 50 އިންސައްތަ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް މަހުލޫފު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ނ. ކުޑަފަރީ ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ކުރާނަމަ އެރަށުގައި ކައުންސިލު މެންބަރެއްގެ އެހީތެރިކަން ދޭނެ ކަމަށް އަންގާފައިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުގެ މަތިން ވަރަށް އަވަހަށް ފަސް ރަށެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި މިއަހަރު ނިމޭއިރު 20 ދަނޑުގެ މަސައްކަތް ފެށި އޭގެ ތެރެއިން ގިނަ ދަނޑުތަކެއް ނިމޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.