މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

މިއަހަރުގެ ފުރަތަމަ 4 މަހު ދައުލަތަށް 7.9 ބިިލިޔަން ލިބުނު، ހަރަދުވީ 7.5 ބިލިޔަން: ފިނޭންސް

އިބްރާހިމް ޒަކީ

މިއަހަރުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ 7.9 ބިލިއަން ރުފިޔާއަށް އަރާކަމަށާއި، މި މުއްދަތުގެ ތެރޭގައި ކުރެވުނު ހަރަދު 7.5 ބިލިއަން ރުފިޔާއަށް އަރާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ހަރަދުވެފައިވާ އާމްދަނީގެ ތެރެއިން 79 އިންސައްތަ ކަމަށްވާ 5.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ސަރުކާރު ހިންގުމަށެވެ. އަދި ތަރައްގީއަށް 21 އިންސައްތަ ނުވަތަ 1.5 ބިލިއަން ރުފިޔާވަނީ ހަރަދުކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ނިމުނުއިރު ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ޓެކްސްގެ ގޮތުގައި ދައުލަތަށް 6 ބިލިއަނަށްވުރެ ގިނަ ރުފިޔާ ވަނި ލިބިފައެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޖީއެސްޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

އިތުރު ޓެކްސްތަކަށް ބަލާއިރު ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.05 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހަތަރުމަސްދުވަހުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި 320 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 257 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ރެމިޓަންސް ޓެކްސްގެ ގޮތުގައި 34.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ހަތަރުމަހުގެ ތެރޭގައި 1.5 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ލިބިފައިވާ 459.7 މިލިއަން ރުފިޔާ އާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބިފައިވާ 259 މިލިއަން ރުފިޔާ ހިމެނެއެވެ.