ލައިފް ސްޓައިލް

މޫސާ އިސްމާއީލް: އައިޖީއެމްއެޗްގެ ފުރަތަމަ ހިންގުންތެރިޔާ

އަލީ އިހްސާން

މޫސާ އިސްމާއީލަކީ، ދިވެހިދައުލަތަށް 39 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަށްކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭނާވަނީ މިނިސްޓްރީ އޮފް ޖަސްޓިސްއާއި، މިނިސްޓްރީ އޮފް އެކްސްޓާލަން އެފެއާޒާއި، އެސްޓީއޯއާއި، އައިޖީއެމްއެޗްގެ މުހިއްމު މަގާމުތައް ފުރުއްވައިފައެވެ. އެތަންތަނުގެ ހިންގުން ހަރުދަނާކޮށް އެތަންތަނުން ދެމުން ގެންދިޔަ ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވިއެވެ. މޫސާ އިސްމާއީލުގެ ތައުލީމީ ހަޔާތްޕުޅު ފައްޓަވާފައިވަނީ ކުރީގެ އަމީރު އަހްމަދު ސްކޫލުންނެވެ. އެތަނުގައި ތިން އަހަރުދުވަހު ތައުލީމު ހާސިލުކުރެއްވުމަށްފަހު 1958 ވަނަ އަހަރުގެ ތެރޭގައި އޭނާ ގުޅިވަޑައިގެންނެވީ މަޖީދިއްޔާ ސްކޫލާއެވެ.

ނަމަވެސް ތައުލީމީ ހަޔާތް މުޅިން ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް، ބައްޕަ ނިޔާވުމާ ގުޅިގެން އޭނާގެ ކިޔެވުން ހުއްޓާލަން ޖެހުނީއެވެ. އޭނާ މަޖީދިއްޔާގެ ތައުލީމީ ހަޔާތް ނިންމަވައިލެއްވީ ކޮމާޝިއަލް ކުލާހާ ހިސާބުންނެވެ.

"ސްކޫލުން ވަކިވީ ސްކޫލުގައި އުޅެވޭނެ އެއްވެސް ގޮތެއް ނެތިގެން. ބައްޕައާއި ދެން އެހީވާންހުރި ބޭބެވެސް ނިޔާވުމުން. ދެން ފެމެލީގެ އެއްވެސްކަމެއް ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ސްކޫލުން ވަކިވީ."

ސްކޫލުން ވަކިވުމަށްފަހު މޫސާ އިސްމާއީލު ދެން ބޭނުންވީ މަންމައާއި ކޮއްކޮއަށް އެހީތެރިވުމުގެ ގޮތުން، ވަޒީފާއަކަށްދިއުމަށެވެ. އެގޮތުން އޭނާ އެންމެ ފުރަތަމަ އަދާކުރައްވާފައިވަނީ މާލޭ ސިނަމާ ކުންފުނީގެ ކޭޝިއަރުކަމެވެ. އެތަނުގައި މަސައްކަތް ކުރެއްވުމަށްފަހު، ސަރަކާރާ ގުޅިވެޑައިގެންނެވީ 1970 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން އެންމެ ފުރަތަމަ ވަޒީފާ އަދާކުރެއްވީ ޖަސްޓިސް މިނިސްޓްރީގައެވެ. އެތަނުގައި، ދުވަސްތަކެއް ވާންދެން އުޅުއްވުމަށްފަހު އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ކާތިބުކަން ކުރެއްވުމަށްފަހު، އެތަނުން ޖަސްޓިސް މިނިސްޓްރީގެ ސެކްރެޓްރީކަމަށް ވަޑައިގެންނެވިއެވެ. ޖަސްޓިސް މިނިސްޓްރީގައި ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު މަސައްކަތް ކުރެއްވިއެވެ.

މި ތިންދާއިރާގައި މަސައްކަތްކުރެއްވުމަށްފަހު ދެން ގުޅިވަޑައިގެންނެވީ އެސްޓީއޯއާއެވެ. އެސްޓީއޯގައި މޫސާ އިސްމާއީލު ވަނީ ތަފާތު ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ. އެގޮތުން އެސްޓީއޯގެ ސެކެރެޓްރީކަމާއި ސީނިއާ ސެކްރެޓްރީކަމާއި، އެސިސްޓެންޓް މެނޭޖަރުކަމާއި، މެނޭޖަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމާއި، ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަން އޭނާ ވަނީ ކުރައްވައިފައެވެ.

އެސްޓީއޯގެ މަސައްކަތްތައް މޫސާ އިސްމާއީލު ފާހަގަ ކުރައްވަނީ ވަރަށް ގިނަ ވަގުތު ހޭދަކުރައްވަން ޖެހުނު މަސައްކަތްތަކެއްގެ ގޮތުގައެވެ.

"އެދުވަސްވަރަކީ އެސްޓިއޯގައި ވަރަށް ބިޒީ ދުވަސްވަރެއް. ރޭގަނޑާއި ދުވާލު މަސައްކަތް ކުރަންޖެހޭ. އެތަނުގައި ކައިގެން އެތަނުގައި ގިނައިން އުޅުނީ. އޭރު ހަމަޖެހިފައި އޮންނަ ގޮތުން ކަސްޓަމަށް ބޯޓުން މުދަލެއް ގެނެވޭތާ 24 ގަޑިއިރުގެ ތެރޭގައި އޭތި މާރުކޭޓުން ލިބެން ހުންނަންޖެހޭ."

މޫސާ އިސްމާއީލު އެސްޓީއޯގައި މަސައްކަތް ކުރެއްވި ދުވަސްވަރަކީ ވަރަށް ގިނަ މަޝްރޫއުތަކެއް ހިނގި ދުވަސްވެރެވެ. އެގޮތުން އަތޮޅުތަކުގައި ސިނަމާތައް ހެދުމާއި އަތޮޅުތަކުގައި، ފާމަސީތައް ހުޅުވުމާއި، ފިހާރަތައް ހުޅުވުމާއި، ހަނިމާދޫ އެއާޕޯޓު ހެދުމުގެ ޕްރޮޖެކްޓާއި، ކައްދޫ އެއާޕޯޓު ހެދުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔުން ފާހަގަ ކުރެވެއެވެ. މީގެ އިތުރުން އައްޑުއަތޮޅު ގަމުގައި ހޮންގްކޮންގެ ކުންފުންޏަކާ ގުޅިގެން ގާމެންޓް ފެކްޓްރީއެއް ހުޅުވުމާއި، ގާމެންޓް ފެކްޓްރީއަށް މީހުން ގެނައުމަށްޓަަކައި، ގަމާއި ފޭދޫ ގަލުގެ ފާލަމަކުން ގުޅުވައިލުން ފާހަގަ ކުރެވެއެވެ. އެތަންތަނަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދީފައިވަނީ މޫސާ އިސްމާއީލު އެސްޓީއޯގެ ޑިރެކްޓަރަކަށް ހުންނެވި ދުވަސްވަރުގެ ތެރޭގައެވެ. ހަމައެހެންމެ އެލައިޑް އިންޝިއުރެސްގެ ހިދުމަތް ތައާރަފު ކުރީ ވެސް ހަމަ އެދުވަސްވަރުގެ ތެރޭގައެވެ.

1993 ވަނަ އަހަރު އެސްޓީއޯއިން ވަކިވެވަޑައިގެން އެޓޯލް މިނިސްޓްރީއާއި ހެލްތުމިނިސްޓްރީގައި މަސައްކަތް ކުރެއްވުމަށްފަހު ސަރުކާރުން އައިޖީއެމްއެޗް ހުޅުވުމުން އެތަން ހިންގުން ސަރުކާރުން އޭނާއާ ހަވާލުކުރެއްވި އެވެ. އޭރު ހިންގަމުން އައި ސަރުކާރުގެ ސެންޓްރަލް ހޮސްޕިޓަލުގައި ހުރި ސިއްހީ ހިދުމަތްދޭ ވަސީލަތްތަކާއި ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކޮށް އެތަން އިންތިޒާމުކޮށް ބޭނުންވާނެ މުހިއްމު ކަންތައްތައް ކޮށްދެއްވުމަށް މެނޭޖުމެންޓްގެ އިސްވެރިއެއްގެ ގޮތުން ހުންނެވީ މޫސާ އިސްމާއީލުއެވެ.

"އެންމެ ފުރަތަމަ ހޮސްޕިޓަލް ހިންގުމުގެ ކަންތައްތައް ރާވާ އިންތިޒާމު ކުރުމަށް ވަރަށް ގިނަ ވަގުތުތަކެއް ދިޔަ. ސެންޓްރަލް ހޮސްޕިޓަލުގެ ހިދުމަތްތައް އައިޖީއެމްއެޗަށް ބަދަލުކޮށް އެތަނުގައި ހިދުމަތް ފަށައިގަންނަން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު. ސަރަކާރުގެ ވަޒީފާތަކުގެ ތެރެއިން އެންމެ ބޮޑަށް އުނދަގޫވި މަސައްކަތަކީ ހޮސްޕިޓަލް ހިންގުން"

ނަމަވެސް ކޮންމެ ކަމަކީވެސް މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެ ކަމެއްކަން ގަބޫލުކޮށްގެން އައިޖީއެމްއެޗަށް ވަޑައިގެން ފެއްޓެވި މަސައްކަތް ވަރަށް ކާމިޔާބެވެ.

"ފުރަތަމަކޮޅު ވަރަށް މައްސަލަތައްވެސް ނުކުތް. އެއީ ހޮސްޕިޓަލުގެވެސް އާކޮޅު ވީމަ. ނަމަވެސް މަޑުމަޑުންގޮސް ހުރިހާ ކަމެއް ކޮމްޕިއުޓަރައިޒްކޮށް، ކައުންޓަރުތަކުން ހިދުމަތްލިބި ހުރިހާކަމެއް ހަމަޖެހުނީމަ ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެންދިޔަ.."

މޫސާ އިސްމާއީލު އައިޖީއެމް ހޮސްޕިޓަލުގައި މަސައްކަތްކުރެއްވި ދުވަސްވަރު މެޑިކަލް ޗެކަޕްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރި އެވެ. އައިޖީއެމްއެޗްގެ ހިދުމަތް ނިންމަވައިލެއްވުމަށްފަހު، ދެން އަނެއްކާވެސް ބަދަލުވެވަޑައިގެންނެވީ ޓްރާސްޕޯޓު މިނިސްޓްރީ ހިންގުމަށެވެ. އޭގެ ފަހުން ދުވަސްތަކެއްވަންދެން ހެލްތު މިނިސްޓްރީގައިވެސް މުހިއްމު މަގާމުތަކެއް ފުރުއްވާފައިވެއެވެ.