ދުނިޔެ

ކާރު ދުއްވަމުން ފޯނު ބޭނުން ކުރިކަން ސާބިތުވެ ބެކަމްއަށް ކާރުދުއްވުން މަނާވެއްޖެ

އިންގްލޭންޑްގެ ލެޖެންޑަރީ ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމް ކާރު ދުއްވަމުން ފޯނު ބޭނުންކޮށްފައިވާތީ އެކަން ސާބިތުވުމާ ގުޅިގެން ހަމަސް ވަންދެން ކާރު ދުއްވުން މަނާވެއްޖެއެވެ.

ލަންޑަންގެ ކޯޓުން ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ކާރު ދުއްވިއިރު ބެކަމް ފޯނު ބޭނުން ކުރިކަން ވަނީ ސާބިތު ވެފައެވެ. އެހެންކަމުން އޭނާގެ ލައިސެންސުން ހަ ޕޮއިންޓް އުނިކުރީއެވެ.

މީގެ ކުރިން ވެސް ބެކަމްގެ ލައިސަންސުން ވަނީ ހަ ޕޮއިންޓް އުނިކޮށްފަ އެވެ. އެފަހަރު ހަ ޕޮއިންޓް އުނިވީ މާ ބާރަށް ކާރު ދުއްވައިގެން އެކަން ސާބިތުވެގެންނެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 18 ވަނަ ދުވަހު ބެންޓްލޭ އިން ލަންޑަނަށް ބެކަމް ކާރުގައި ދަނިކޮށް ފޯނުގައި ހުއްޓާ ފެނުނީ އާންމު ރައްޔިތަކަށެވެ. އެމީހާ ވަނީ ބެކަމްގެ އެ އަމަލު ފޮޓޯ ނަގައިފައެވެ. އޭރު ބެކަމް އިނީ މަގަށް ބެލުމުގެ ބަދަލުގައި ފޯނަށް ބަލަންށެވެ.

ބެކަމްގެ ލޯޔަރު ބުނި ގޮތުގައި އެދުވަހުގެ ހަނދާނެއް މިހާރު ބެކަމް ނެތް ކަމަށާއި ނަމަވެސް އެގޮތަށް ރައްޔިތަކު މައްސަލަ ޖައްސާފައިވާތީ އެކަން އޭނާ އެއްބަސްވެ އެކުށަށް އަދަބު ލިބިގަންނަނީ ކަމަށެވެ.