ދުނިޔެ

ލޮސް އެންޖެސްގެ ގެޔަކުން 1000 އަށްވުރެ ގިނަ ބަޑި ފެނިއްޖެ

ލޮސް އެންޖެލްސްގެ ގެޔަކުން 1000 އަށް ވުރެ ގިނަ އެކި ވައްތަރުގެ ބަޑި ފެނިއްޖެ އެވެ.

މި ބަޑިތައް ހޯދައިފައި ވަނީ މީހަކު ގަވައިދާ ޚިލާފަށް ހަތިޔާރު އުފައްދައި ވިއްކާ ކަމަށް ފުލުހުންނަށް ލިބުނު އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ރަސްމީ އިދާރާތަކާ ހަވާލާދީ ސީއެންއެންގައި ބުނެފައިވާ ގޮތުގައި އޭގެން އެއްވެސް ހަތިޔާރެއް ޓެރަރިޒަމްގެ ހަރަކާތަކަށް ބޭނުންކޮށްފައިވާ ކަމުގެ ހެއްކެއް މިހާތަނަށް ބެލި ބެލުމުން ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ތަހުގީގު ކުރިޔަށް ދާ ވަރަކުން އިތުރު ހޯދުންތަކާ އެކު ނަތީޖާ ބަދަލުވެދާނެ ކަމަށް ބުނެފައިވެ އެވެ.

ސީއެންއެންގައި ބުނެފައިވާ ގޮތުގައި ހަތިޔާރުތައް ރައްކާކޮށްފައި ހުރިގެ ހުސްކޮށް، ލިސްޓުތަކާއި އިންވެންޓްރީތައް ނެގުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން 30 މުވައްޒަފުން ހަރަކާތްތެރިވި އެވެ. އަދި އެކަމަކަށް 15 ގަޑިއިރު ހޭދަވި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ގިރާޑް ސައެންޒް ނަމަކަށް ކިޔާ އުމުރުން 57 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އޭނާ ވަނީ 50000 ޑޮލަރު ދެއްކުމުން ބެއިލްގެ ދަށުން ދޫކޮށްލައިފަ އެވެ. ދޫކޮށްލި އިރު ކޮށްފައިވާ ޝަރުތުތައް ސާފުވެފައި ނުވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ.

މި މައްސަލައިގެ މާ ބޮޑު ތަފްސީލު މައުލޫމާތުތަކެއް ފުލުހުން އާންމުކޮށްފައި ނުވާ އިރު، ތަންފީޒީ އިދާރާތަކުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި ސައެންޒް އާ ޓެރަރިޒަމްއާ ގުޅުމެއް އޮތް ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އެގެއިން ހޯދި ތަކެތީގެ ތެރޭގައި އެކި ވައްތަރުތަކުގެ ބަޑިތަކުގެ އިތުރުން، އެ ތަކެތި އުފައްދަން ބޭނުންކުރާ އާލާތްތަކާއި ކަމާ ގުޅުން ހުރި އެކި ކަހަލަ ފޮތްތައްވެސް ހިމެނެ އެވެ.