މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 2

އަބްދުﷲ ފާރޫގް ހަސަން

(7 މެއިގެ އަދަދާ ގުޅޭ)

ރަށުގެ އިރުމަތީ ފަރާތަކީ ފުށްޓަރު (މަލިކު ބަހުރުވައިގައި ފުރުވަތްފަރާތް) ފަރާތެވެ. ހުޅަނގު މޫސުމުގައި އެރަށަށްދާ ބޮޑެތި އުޅަނދުފަހަރަށް މުދާއަރުވައި ބޭލުމާއި، އަރައިފޭބުމާއި މަސްދޯނިފަހަރު ވަދެނިކުމެވުމަށް ބޭނުންކުރަނީ ފުށްޓަރުފަރާތެވެ. މަލިކުގެ ފުށްޓަރުފަރާތުގައި ގޮނޑުދޮށުން ފެށިގެން ސަތޭކަވަރަކަށް ފޫޓުގެ ފުޅާމިނުގެ ފަރެއް އޮވެފައި ދެން އޮންނަނީ ރާޅުބިންދާ ހިސާބެވެ. އޭގެބޭރުން ފެންކަނޑެވެ. ވަދެނިކުމެއުޅެނީ އެކިދިމަދިމާއިން ހުންނަ "ތަންހެޔޮ" ތަންތަނުންނެވެ. މީހުންއުޅޭ ހިސާބުގައި ހޭޅިއެއް ނޯވެއެވެ. ހޭޅިފަށުން ސަތޭކަ ފަންސާހަކަށް ފޫޓު ފުޅާ ސަރަޙައްދެއްގައި އޮންނަނީ ގަލާއި އަކިރިޔާ އެކުވެފައިވާ ފަސްގަނޑެކެވެ. އެތާނގައި ހުންނަނީ ހައްތާވެސް ރުކެވެ. ރުއްތަކުގެ ތެރޭގައި އުވަދެވުމަށް ކޮނެފައި ހުންނަ ވަޅުތައް ފެނުމުން ދިވެހިވަންތަކަން ހިތަށް ވެރިވެގެން ދެއެވެ. މަލިކުގެ ފުށްޓަރުފަރާތް ފެނުމުން ހަނދާނަށް އަންނަނީ ރާއްޖޭގެ އަތޮޅުތަކުގެ ބޭރުދުނީގެ ރަށްރަށުގެ ފުށްޓަރުފަރާތެވެ.

މަލިކުގެ ފުށްޓަރުފަރާތުގައި ވަރަށްގިނަ ބޮޑެތި ފަސްފުނިތައް ހުރެއެވެ. މަލިކުމީހުން އެތަންތަނަށް ކިޔަނީ ކުންނެވެ. ފާހަގަކޮށްލެވޭ ކުންނުތަކަކީ:-

1. މުންޑަފޮރުޅާކުންނު
2. ފެންތަށިބޯކުންނު
3. ކިލައުމަގުކުންނު
4. ރައިމަގުކުންނު
5. ހުދުވެލިކުންނު
6. ކަޅުބޭކުންނު
7. ބާވައްޓަކުންނު
8. ސޭކުފާލިކުންނު
9. ދޮންކުންނު
10. އަރައްޕާލިކުންނު
11. ދަތިވަޅުކުންނު
12. ކަޅުކުންނު
13. ކަންޏާރުކުންނު
14. ތަށިކުންނު
15. ތިރީސްމީހުންކާލިކުންނު
16. އީސަކުންނު
17. ދިގުކުންނު މިކުންނުތަކެވެ.

މަލިކުގައި ނުވަ އަވަށް އޮވެއެވެ. އެއީ:-

1. ފަލައްސޭރި
2. ކުދެހި
3. ފުންހިލޯޅު
4. އަލޫޑި
5. ސޭޑިވަޅު
6. ރަށްމެދު
7. ބޮޑުއަތިރި
8. އައުމަގު
9. ބާޑަ

މި ނުވަ އަވަށެވެ. މިއަވަށްތަކުގެ އިތުރަށް ކެނޑިޕާޓީގެ ނަމުގައި ވަކިވެގަނެގެން އަމިއްލަގޮތުން އިޖުތިމާޢީ ކަންތައް ހިންގާ ބަޔަކުވެސް އުޅެއެވެ. ނަމަވެސް އެއީ ކަނޑައެޅިފައިވާ ވަކިއޭރިޔާއެއްގެ މައްޗަށް ހިމެނޭ އަވަށެއް ނޫނެވެ.

މަލިކުމީހުން އަވަށްއަވަށަށް ކިޔަނީ "އަތިރި" ކަމުގައި ބޭރުގެ ވަރަށްގިނަ ލިޔުންތެރީން ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް މަލިކުމީހުން އެކަން ޤަބޫލެއް ނުކުރެއެވެ. މަލިކުމީހުން އަވަށް ކިޔަނީ ހަމަ އަވަށަށެވެ.

ތިރީގައި މިދަންނަވަނީ މަލިކު އެކިހިސާބުގަނޑަށް ކިޔާ ނަންނަމެވެ. މިނަންތައް ލިޔެފައި މިވަނީ ރަށުގެ އުތުރުކޮޅުން ފެށިގެން ދެކުނުކޮޅަށެވެ.

1. ބޮޑުމަހަރަގަނޑު
2. ހިކިއަކިރިގަނޑުކޮޅު
3. ރަށްބުރިވިތަން
4. މޮޑޭގަސްގަނޑު
5. ރަނަށްގަތްތަން
6. ދުރުކޯޑި
7. މާކަނާއިއްތާގަސްދޮށް
8. ބޮޑުހަވަލިގަނޑު
9. ކޯޑި (ބަލިމީހުންގާތް –- މިހެންކިޔަނީ އިހުގައި އެތާނގައި ޖުޒާމުބަލިމީހުން ބައިތިއްބާތީއެވެ. މަލިކު ބަހުރުވައިގައި ޖުޒާމުބައްޔަށް ކިޔަނީ ކޯޑިބައްޔެވެ.)
10. ރުއްގަނޑުކޮޅު
11. މައުވަޅު
12. ފައިބެންނަމަގު (ކޮށީމަގު)
13. ފިޔޮޅުރިވެތިމަގު
14. ފަލައްސޭރި (ބޮޑުވަށާނގެ)
15. ފާޑިކަހަލަ (ބަރަބޯމަގު)
16. ކުދެހިމަގު (ބާސުއަށިގެ)
17. ފުންހިލޮޅު
18. ދިހަމަތި
19. މުރަނބު
20. ތިރީސްމީހުންކާލިކުންނު
21. ފަންޖެހިދަނޑި (އަލޫޑިއަވަށު ބިއްދަށުކޮޅު)
22. އަލޫޑި
23. މާލިޔާމަގު
24. ސޭޑިވަޅު
25. ބޮޑުރަށްމެދު
26. އުޑިންނަމަގު
27. ރަށްމެދު
28. ހަތަރެއްމަގު
29. ބޮޑުކޮށިދޮށް
30. ބޮޑުއަތިރި
31. ކަންޑަމާތުމަގު
32. އައުމަގު (ދިގުވަށާނގެ)
33. ބާޑަ
34. ވައިމައްތި
35. ބޮޑުވަޅު
36. ކުދިންގެމަގު
37. އެއްލާމަގު
38. ފުރެއްދޮށް
39. އުނގަށްލާމަގު
40. ކަތުރަންކެއްކިމަގު
41. އޮޑިވަޅު
42. އަންދާތުމަގު
43. ތޭވަރާތުމަގު
44. ވަގުތޮންޑަގާތުމަގު
45. ފާކަނާތެރެ
46. ހައިވަޅުމަގު
47. މުލިމައްތިމަގު
48. ތޮންޑަގާތުމަގު
49. މާލިމީމަގު
50. ގާއިފަޅުމަގު
51. ކަށިމަގު
52. ޒިޔާރަތްދޮށް
53. ކަލޭގެފާނުގާތް
54. ކަލޭގެފާނު ފެންގަނޑު
55. ކޯރު
56. ރަށްބޭރުފަރާތް
57. ތުނޑި

ގަސްގަހާގެހި

މަލިކުގައި އެންމެގިނައިން ހެދޭ ގަހަކީ ދިވެހިރުކެވެ. ރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިންނެވެ. ރަށުގައި ދެން ހެދޭ ގަސްގަހާގެއްސަކީ ދިވެހިރާއްޖޭގައިވެސް ޢާންމުކޮށް ހެދޭ ގަސްގަހާގެއްސެވެ. ފަތްކޭލާއި، ބިލެތާއި، މުރަނގައާއި، ފަޅޮލާއި، ބައްޓާއި، މިރުހާއި، ލުނބޮޔާއި، ވިލާތުބައްޓާއި، ޗިޗަންޑާއާއި، ހިމެރިތޮޅިއާއި، ކޯރައްކައާއި، އުއްދަނޑިއާއި، ތޮރައާއި، ހިކަނދިރާނބާފަތާއި، ކަނޑުލާއި، އުނި، މިދިލި، ދިއްގާ، ހިރުނދު، ކާނިފަދަ ގަސްގަހާގެއްސަކީ މަލިކުގެވެށި ފެހިކޮށްދޭ ގަސްގަހެވެ. މަގުލާއި ބޯއްޓާއި ކުރެއްޖާއި މިފަދަ ގަސްގަސްވެސް ވަރަށް ގިނައެވެ. ކުރުކޮށް ދަންނަވާނަމަ ރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް ހެދޭ ހުރިހާ ބާވަތެއްގެ ގަސްގަހާގެހި މަލިކުގައިވެސް ހުރެއެވެ. ރާއްޖޭގައި ނުހެދޭ އެއްވެސް ބާވަތެއްގެ ގަހެއް މަލިކަކުވެސް ނުހުރެއެވެ.

މޫސުން

މަލިކުގެ މޫސުމާއި ރާއްޖޭގެ މޫސުމާ އެއްވެސް ތަފާތެއް ނެތެވެ. މަލިކުގައި އޮންނަނީ ދެމޫސުމެވެ. އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. މޫސުމުގެ ފެށުމާއި ނިމުން އަންނަނީ ރާއްޖެއާ އެއްދުވަސްވަރެއްގައެވެ. އިރުވައި މޫސުމުގެ ނަކަތްތަކާއި ހުޅަނގު މޫސުމުގެ ނަކަތްތަކުގެ ނަންތައްވެސް މުޅިން އެއްގޮތެވެ. މަލިކަށް އެންމެގިނައިން ވާރޭވެހެނީ މެއިމަހުން ފެށިގެން އޮކްޓޯބަރުމަހުގެ ނިޔަލަށެވެ. އެވްރެޖްކޮށް އަހަރަކު 1640 މިލިމީޓަރުގެ ވާރޭ ވެހޭކަމަށް ވެއެވެ. ޢާންމުކޮށް ފިނިހޫނުމިން ހުންނަނީ ދާދި އެއްވަރަށެވެ. އާދެ، 25’ އާއި 35’ އާ ދެމެދުގައެވެ.

ފަނިފަކުސައާއި ދޫނިސޫފާސޫފި

ވެށްޓާއި މޫސުމުގެ ކުޑަވެސް ފަރަގެއް ނެތް އެއްތަނަކަށްވުމާއެކު މަލިކާއި ދިވެހިރާއްޖޭގައި ދިރިއުޅޭ ފަނިކަފުސައާއި ދޫނިސޫފާސޫތްޕަކީވެސް އެއް ޢާއިލާއެއްގެ މެމްބަރުންތަކެކެވެ. ގާތްތިމާގެ އެއްޗެހިތަކެކެވެ.

ދިވެހިރާއްޖެއެކޭ އެއްފަދައިން މަލިކުގައިވެސް އެންމެ ޢާންމު ދޫންޏަކީ ކާޅެވެ. ކާޅަކީ މަލިކާއި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ވަޒަންވެރިވި ދޫނިކަމުގައި ބެލެވިދާނެއެވެ. ކާޅު ފިޔަވައި ދެން މަލިކުންވެސް ފެންނަނީ ރާއްޖެއިންވެސް މިފެންނަ ކަނޑުމަތީ ދޫނިތަކާއި، އެއްގަމުދޫނީގެ ބާވަތްތަކެވެ. ހޯރައާއި، މާރަނގައާއި، ދަނޑިފުޅުދޫންޏާއި، ހޯގުޅާއާއި، ބާޒާއި، މާކަނާއާއި، އިރުވައިހުދާއި، ދެވައްތަރުގެ ކޮވެއްޔާއި، ކަނބިއްޔާއި، ހުޅިކުކުޅާއި، ސުރުމުއްޗާއި، ރާބޮންޖާ މިބާވަތުގެ ރާއްޖޭގައި އާބާދުވެއުޅޭ ދޫނިތަކުގެ ޢާއިލާ މަލިކުގައިވެސް އެބައޮތެވެ.

ބަޅިނދާއި ކޮކާލުގެ ވައްތަރުތަކަށް ނަޒަރު ހިންގިޔަސް ރާއްޖެއިން ނުފެންނަ ވައްތަރެއް މަލިކުންވެސް އަޅުގަނޑުމެންނަށް ފެނިފައެއް ނެތެވެ.

ހޯނާއި، ބޮނޑާއި، ބޮކާއި، ނަންނުގައްޗާއި، ގަރަހިތައާއި، ފައިދިގުމަކުނު މަލިކުގައިވެސް އުޅެއެވެ.

މަލިކުގައިވެސް އެއްވެސް ބާވަތެއްގެ މިނިކާޖަނަވާރެއް ނުއުޅެއެވެ. ހަމައެފަދައިން ކުއްތާއާއި، ރާމާމަކުނާއި، ހަރުފައާ މިބާވަތުގެ ރާއްޖޭގައި ނުއުޅޭ ޖަނަވާރުތަކެއްވެސް މަލިކަކު ނުއުޅެއެވެ. ރާއްޖެއާއި މަލިކުގައި އިންސާނުންގެ އެއްދަރިފަސްކޮޅެއް ދިރިއުޅޭ ފަދައިން ދޫނިސޫފާސޫތްޕާއި ފަނިފަކުސައިގެ ނަސްލުވެސް ރާއްޖެއާއި މަލިކުގައިވަނީ ލާމެހިފައެވެ.

ރަށުގައި މީހުން އުޅެން ފެށުމާއި ތާރީޚު

ލަކްޝަދީބާ ބެހޭގޮތުން ލިޔާ ބައެއް ލިޔުންތެރީން ބަޔާންކުރާގޮތުގައި ލަކްޝަދީބަށް (މަލިކުވެސް ހިމެނޭގޮތަށް) މީހުން އައީ ސްރީލަންކާއާއި އިންޑިޔާއާ ދިވެހިރާއްޖެއިންނެވެ. މަލިކަށް މީހުން ދިޔަތަނެއް ކަނޑައެޅިގެން ފާހަގަކޮށްފައެއް ނެތެވެ.

މަލިކަކީ ޖިއޮގްރަފީގޮތުންނާއި ތާރީޚީގޮތުން ބަލާއިރުވެސް ދިވެހިރާއްޖޭގެ ރަށެއްކަމުގައި ވުމާއެކު މަލިކުގައި ވަޒަންވެރިވި ބަޔަކީ ދިވެހިރާއްޖޭގެ އެހެނިހެން ރަށްރަށުގައިވެސް ވަޒަންވެރިވި ބައެއްކަމާމެދު ޝައްކެއްނެތެވެ.

ދިވެހިރާއްޖޭގެ އެންމެފުރަތަމަ ވަޒަންވެރީންނަކީ ދެކުނުއިންޑިޔާގެ އާރިޔަން ނަސްލުގެ ބައެއް ކަމަށާއި ސްރީލަންކާގެ ސިންގަޅަ ނަސްލުގެ ބައެއްކަމަށާ މިދެގޮތަށްވެސް ބުނެވެއެވެ.

(ނުނިމޭ)