ހުތުބާ

ހެޔޮ ނިޔަތުގައި ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެއް: ހުތުބާ

ހެޔޮ ނިޔަތުގައި ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަހުގެ ރޯދައަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުން ކަމަށާއި އެމަހުގެ ރޯދަ ފަރުޟުވެގެންވަނީ ﷲއަށް ތަގުވާވެރިވުމަށްޓަކައި ކަމަށެވެ.

"ރަމަޟާން މަހަކީ އަޅުކަމާއި ޞާލިހު އަމަލުކުރުމުގެ މައްސަރެވެ. ތައުބާގެ މައްސަރެވެ. ތަގުވާގެ މާނައަކީ ކޮބައިތޯއެވެ؟ އެއީ ހަމައެކަނި ރޯދަ ހިފާލުމެއް ނޫނެވެ. ނުވަތަ ހަމައެކަނި ނަމާދުކޮށްލުމެއް ވެސް ނޫނެވެ. އޭގެ ތެރޭގައި ﷲ ލޯބިވެވޮޑިގަންނަވާ އެންމެހައި ކަންތައްތައް ހިމެނެއެވެ. ހެޔޮ ނިޔަތުގައި ޘަވާބާއި ދަރުމަ އެދިގެން ކުރެވޭ ކޮންމެ ހެޔޮކަމަކީ އަޅުކަމެކެވެ. ތަގުވާވެރިކަމެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ނަމާދުކުރުމާއި ޞަދަގާތްކުރުމާއި ތިމާގެކަމުގެ ގުޅުން ދެމެހެއްޓުމާއި މައިންބަފައިންނަށް ކަމޭހިތުމާއި އެއްބަޔަކު އަނެއް ބަޔަކަށް ހިތްހެޔޮކުރުމާއި މައާފުކުރުމާއި ހެޔޮބަސް ބުނުމާއި އަނބިދަރީންނަށް އަޅައިލުމާއި ވަފާތެރިވުމާއި، މިއިން ކޮންމެ ކަމަކީ ތަގުވާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށެވެ.

"ރަމަޟާން މަހުގައި ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަގުވާވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރަމަޟާން މަހުގައި ރޯދަ ފަރުޟު ކުރައްވާފައިވަނީ ތަގުވާވެރިކަމުގެ މިފަދަ ރީތި ސިފަތަކުން ސިފަ ލިބިގަތުމަށެވެ. ތަގުވާގެ ފޭރާމުން ޒީނަތްތެރިވުމަށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރަމަޟާން މަހުގައި ރަށުގައި ގާއިމުވެ ހުރި މީހާގެ މައްޗަށް ރޯދަ ހިފުން ވާޖިބުވާ ކަމަށާއި ދަތުރުމަތީގައިވާ މީހާ ފަހުން ގަޟާކުރާ ގޮތަށް ރޯދަ ފަސްކޮށްލުމަކީ ﷲ އޭނާއަށް ދެއްވާފައިވާ ލުޔެއް ކަމަށެވެ. އަދި މާބަނޑުމީހާއަށާއި ހައިޟު ނިފާސް ވެރިޔާއަށް ފަހުން ރޯދަ ގަޟާކުރެވޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަދި ބައްޔެއްގެ ސަބަބުން ރޯދަ ހިފެން ނެތް މީހާއަށް ފަހުން ގަޟާކުރާ ގޮތަށް ރޯދަ ފަސްކޮށްލެވިދާނެއެވެ. މުސްކުޅި ބަލީގެ ސަބަބުން، ނުވަތަ އެނޫންވެސް ފަސޭހަވުމެއް ނެތް ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަ ނުހިފޭ މީހާ، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދޭނީއެވެ. ރޯދަ ހިފުމަށް ކިރިޔާވެސް ކުޅަދާނަކަމެއް ހުރެއްޖެ ނަމަ، ރޯދަ ހިފުން ހެޔޮކަން ބޮޑުވެގެންވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރޯދަ މަހުގެ ދުވާލު ޖިމާއުވެއްޖެ މީހާގެ މައްޗަށް ކައްފާރާ ވާޖިބުވެގެންވާ ކަމަށާއި އެއީ އަޅަކު މިނިވަން ކުރުން ކަމަށެވެ. މިނިވަންކުރާނެ އަޅަކު ނުވާ ނަމަ، ޖެހިޖެހިގެން ދެމަސް ދުވަހު ރޯދަ ހިފުން ކަމަށާއި އެކަމަށް ކުޅަދާނަ ނުވާ ނަމަ، 60 މިސްކީނުންނަށް ކާން ދިނުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.