ޔޫއެފާ ޔޫރޮޕާ ލީގު

ޔޫރަޕުގެ ދެ މުބާރާތުގެ ފައިނަލުގައި އިނގިރޭސި ޓީމުތައް، ޔޫރޮޕާ ލީގުގެ ފައިނަލަށް އާސެނަލާއި ޗެލްސީ

ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގެ ޖާގަތައް އާސެނަލާއި ޗެލްސީން ހޯދައިފިއެވެ.

އިނގިރޭސިވިލާތުގެ ދެ ޓީމު ކަމަށްވާ އާސެނަލާއި ޗެލްސީން ވަނީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުތަކުން މޮޅުވެފައެވެ. ޔޫރޮފާ ލީގުގެ ފައިނަލަށް އާސެނަލާއި ޗެލްސީ ދަތުރުކުރި އިރު، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކުރީ އިނގިރޭސި ދެ ޓީމު ކަމަށްވާ ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާއެވެ.

ސްޕެއިންގެ ވެލެންސިއާއާ ދެކޮޅަށް ރަށުން ބޭރުގައި ރޭ ކުޅުނު ސެމީގެ ދެވަނަ ލެގު މެޗުން އާސެނަލް މޮޅުވީ 2-4ގެ ނަތީޖާއަކުންނެވެ. އާސެނަލުން ފައިނަލުގެ ޖާގައެއް ހޯދީ 3-7ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗުގެ 11 ވަނަ މިނެޓުގައި ވެލެންސިއާއަށް ކެވިން ގެމޭރޯ ލީޑު ހޯދައިދިން ނަމަވެސް ޕިއެރޭ އެމެރިކް އޮބަމަޔާންގް ވަނީ މެޗުގެ 17 ވަނަ މިނެޓުގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ފަސް މިނެޓު ތެރޭ އާސެނަލަށް އެލެކްސެންޑާ ލަކަޒެޓް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި ގެމޭރޯ ވަނީ އިތުރު ލަނޑެއް ޖަހައި ވެލެންސިއާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 69 ވަނަ މިނެޓުގައި އާސެނަލަށް އޮބަމަޔާންގް ލީޑު ހޯދައިދީ، އޭނާ ވަނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ. އެ ދެ ލަނޑާއެކު އޮބަމަޔާންގްގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.

ޖަރުމަނުގެ އެންޓްރެޗް ފްރެންކްފާޓްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، ދެ ޓީމު ވަނީ 1-1ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގެ އިތުރު ވަގުތު ނިމުނު އިރު، ދެ ޓީމު 2-2ގެ އެގްރިގޭޓަކުން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ޗެލްސީ ކުރި ހޯދީ 4-3ގެ ނަތީޖާއަކުންނެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޗެލްސީއަށް ރުބެން ލޮފްޓަސް ޗީކް ކާމިޔާބުކޮށްދިން ލަނޑާއެކު އެޓީމު ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓު ތެރޭ ލޫކާ ޖޮވިޗް ވަނީ ފްރެކްފާޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިތުރު ވަގުތުގެ ދެ ހާފަށް ފަހު، ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ޗެލްސީގެ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރޮސް ބާކްލީ އާއި ޖޯޖީނިއޯ އާއި ޑޭވިޑް ލުއިޒް އަދި އެޑެން ހަޒާޑެވެ. ޗެލްސީން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ސެޒާ އަޒްޕްލިކުއެޓާ ފޮނުވާލި ޕެނަލްޓީގެ ހުރަހަކަށްވީ ފްރެންފާޓްގެ ކީޕަރު ކެވިން ޓްރެޕްއެވެ.

ފެރެންކްފާޓްގެ ތިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސަބެސްޓިއަން ހޯލާ އާއި ލޫކާ ޖޮވިޗް އަދި ޖޮނަތަން ޑި ގުޒްމަންއެވެ. ފްރެންކްފާޓް އިން ފޮނުވާލި ޕެނަލްޓީގެ ތެރެއިން މާޓިން ހިންޓެރެގާ އަދި ގޮންކާލޯ ޕެސިއެންސިއާ ފޮނުވާލި ޕެނަލްޓީ، ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ ވަނީ ދިފާއުކޮށްފައެވެ.

އަޒަރުބައިޖާންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅޭ ޔޫރޮޕާ ލީގުގެ ފައިނަލަށް އާސެނަލާއި ޗެލްސީ ނުކުންނާނީ މިމަހުގެ 29 ވަނަ ދުވަހުއެވެ.