އޫއެފާ ޗެމްޕިއަންސް ލީގު

ފަހު ވަގުތު އަޔެކްސް ބަލިކޮށް، ޓޮޓެންހަމް ފުރަތަމަ ފަހަރަށް ފައިނަލަށް

ފަހު ވަގުތު ނެދަލެންޑްސްގެ އަޔެކްސް ބަލިކޮށް، އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފައިނަލަށް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގު މެޗުގައި އަޔެކްސްގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދީ ފަހަތުން އަރައި 3-2ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ނުކުތް އިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗުން 1-0ގެ ނަތީޖާއަކުން ޓޮޓެންހަމް ވަނީ ބަލިވެފައެވެ. ސެމީގެ ދެ ލެގަށްފަހު 3-3ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވި ނަމަވެސް، ޓޮޓެންހަމްއަށް ފައިނަލުގެ ޖާގައެއް ލިބުނީ އަވޭ ގޯލުގެ ފައިދާއާއެކުއެވެ. ޓޮޓެންހަމް އިން އަވޭ ތިން ގޯލު ކާމިޔާބުކުރި އިރު، އަޔެކްސްއަށް ކާމިޔާބުކުރެވުނީ އަވޭ އެއް ގޯލެވެ.

ރޭ ކުޅުނު މެޗު ފެށިތާ ފަސް މިނެޓު ތެރޭ އަޔެކްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ލައްސޭ ޝޯން ނަގައިދިން ކޯނަރަކުން އަޔެކްސްއަށް ލީޑު ހޯދައިދިނީ މެތިއަސް ޑި ލީޓްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް، އަޔެކްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޑުސާން ޓަޑިޗް ދިން ބޯޅައަކުން އަޔެކްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން އަޔެކްސް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމްގެ ކުޅުންް ރަނގަޅުކޮށް، އަޔެކްސްގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ޑެލޭ އަލީ ދިން ބޯޅައަކުން ލޫކަސް މޯރާ ވަނީ ޓޮޓެންހަމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ޓޮޓެންހަމްއިން އެ ލަނޑު ޖެހިތާ ހަތަރު މިނެޓު ތެރޭ އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފައެވެ. ފެނާންޑޯ ލޮރެންޓޭ ފޮނުވާލި ހަމަލާއެއް އަޔެކްސްގެ ކީޕަރު އަންދްރޭ އޮނާނާ ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ލޫކަސް މޯރާއެވެ.

އަޔެކްސް އިން ވެސް ލީޑު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް، ޓޮޓެންހަމްއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދުނީ މެޗުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. ޑެލޭ އަލީ ދިން ބޯޅައަކުން ޓޮޓެންހަމްއަށް އެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. އެ ލަނޑާއެކު އޭނާގެ ހެޓްރިކް ވެސް ފުރިހަމަވެގެންދިޔައެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުގައި ކުޅޭ ފައިނަލުގައި ޓޮޓެންހަމް ނުކުންނަން ޖެހޭނީ ލިވަޕޫލްއާ ދެކޮޅަށެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމެއް ވާދަކޮށްފައިވަނީ 2008 ވަނަ އަހަރެވެ. އެ އަހަރު ބައްދަލުކޮށްފައިވަނީ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑެވެ.