ކޮލަމް

ނިރުބަވެރިކަމުގެ މައްސަލަ: އިންސާފުވެރި ބަލައިލުމެއް

އަބްދުﷲ ފާރޫގް ހަސަން

އިންސާނެއްގެ ދިރިހުރުމަށް އެންމެ އަސާސީގޮތެއްގައި ބޭނުންވަނީ، ނޭވާލާނެވަޔާއީ، ހައިހޫނުކަން ފިލުވައިދޭނެ ކާބޯތަކެއްޗެވެ. ހަމައެފަދައިން މުޖުތަމައެއްގެ އެންމެ އަސާސީ އެއް ބޭނުމަކީ އަމަން އަމާންކަމާއި ސަލާމަތްކަމެވެ. އެހެންކަމުން އަރަހުށި މާތް ﷲ އަރަބި އުންމަތަށް ދެއްވި އިހްސާންވަންތަކަން ހަނދާންކޮށްދެއްވަމުން ވަޙީ ކުރައްވައިފައިވަނީ ގަހެއް ރުކެއްނެތް ވާދީއަކުން އެބައިމީހުންނަށް ރިޒުޤުދެއްވިކަމެވެ. ހައިހޫނުކަމުން ސަލާމަތްވެވޭނެ ވަސީލަތްތައް ތަނަވަސްކޮށްދެއްވިކަމެވެ. ދެވަނަ ކަމަކީ ވެރިކަމުގެ ނަންކިޔާ ނިޒާމެތްނެތް ޤާނޫނަކީ ޤާނޫނެއް ނެތުންކަމުގައި ވެފައިވާ ބައެއްގެ ތެރޭގައި އެބައިމީހުންނަށް އަމާންކަން ދެއްވިކަމެވެ. (ޤުރައިޝު:4)

ނިރުބަވެރިކަން: ސުންޕާ މުސީބަތެއް

ޝައްކެއްނެތެވެ. ނިރުބަވެރިކަމަކީ، މުޖުތަމައެއްގެ އަމަންއަމާންކަމާއި، ސަލާމަތަށްޓަކައި އެންމެ ވިހަގަދަ ޒަހަރެވެ. އަމާންކަމެއް ހަމަޖެހުމެއްނެތް ޖައްވެއްގައި އިންސާނާ އަބަދުވެސް ހުންނަނީ ތިމާގެ ޖާނާއި މާލު ރައްކާތެރި ކުރާނެ ގޮތަކާމެދު ފިކުރުވެރިވެފައެވެ. ވޭތުވެދާ ކޮންމެ ސިކުންތަކުވެސް އޭނާ ހުންނާނީ ތިމާގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރާނެ ގޮތެއްގެ ވިސްނުމުގައެވެ. އެފަދަ ތަންތާގެ ޢިލްމީ ތަރައްޤީގައި ބުރަކިޖެހެއެވެ. ތަމައްދުނާއި ތަހްޒީބު ފިލައިދާން ފަށައެވެ. އަޚްލާޤު ދަށްވާން ފަށައެވެ. ރައްކާތެރިކަމެއްނެތް ކަމުގެ އިހްސާސްގެސަބަބުން ހަޔާތުގެ ހުރިހާ މައިދާންތަކެއްގައިވެސް ތަރައްޤީ ހުއްޓުމަކަށް އާދެއެވެ. އެހެންކަމުން ނިރުބަވެރިކަމާމެދު އިންސާނުން ފިކުރު ބޮޑުވުމާއި ނިރުބަވެރިކަންދެކެ ބިރުގަތުމަކީ ޠަބީޢީކަމެކެވެ.

އިސްލާމްދީނުގެ ފިތުރަތާ އެކުވެފައިވަނީ ސަލާމަތްކަމާއި އަމާންކަމެވެ. އެދީނުގެ އަހްލުވެރީން ސިފަކޮށް ދިނުމަށްޓަކައި ދެލަފުޒެއް ބޭނުން ކުރެވެއެވެ. އެއްލަފްޒަކީ "މުއުމިން" އެވެ. އަނެއް ލަފްޒަކީ "މުސްލިމް"އެވެ. މިދެ ތަޢުބީރަކީވެސް އިސްލާމްދީން އަމަން އަމާންކަމަށް ލޯބިކުރާ މިންވަރާއި މަސަލަސްކަމަށް އެދޭއެދުން ހާމަވާ ދެލަފްޒެވެ. މުއުމިން މިލަފްޒުގެ މުލަކީ "އަމަން"އެވެ. އާދެ މުއުމިނަކީ އަނެކުންނަށް އަމާންކަން ލިބިދޭ މީހާއެވެ. އެމީހެއްގެ ކިބައިން އަނެއްކުންނަށް ސަލާމަތްކަން ލިބިފައިވާ މީހާއެވެ. "މުސްލިމު" މިލަފްޒުގެ މުލަކީ ސިލްމެވެ. މާނައަކީ ސުލްޙައާއި ސަލާމަތްކަމެވެ. އެހެންކަމުން މުސްލިމަކީ ސުލްޙަޔަށް އެދޭމީހައެވެ. އެމީހެއްގެ ފުށުން އަނެކުންނަށް ސަލާމަތްކަން ލިބިގެންވާ މީހާއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިދެންނެވި ޙަޤީޤަތް ބަޔާންކޮށްދެއްވަމުން ޙަދީޘް ކުރައްވައިފައިވެއެވެ.

"ޙަޤީޤީ މުއުމިނަކީ، އޭނާގެ އަވަށްޓެރިޔާއަށް އޭނާގެ ކިބައިން އަމާންކަން ލިބިގެންވާ މީހާއެވެ" (ބުޚާރީ: 6)

ކަންމިހެން ހުރި އިރު ހަމައެއް އިންސާފެއްނެތި މުޖުތަމަޢުގައި ބިރުވެރިކަން އުފައްދާމީހުންނާއި ތިމާގެ އަތްމައްޗަށް ޤާނޫނު ނަގައިގެން އުޅޭމީހުންނާއި، އަންހެނެއް ފިރިހެނެއް، ކުޑަކުއްޖެއް މުސްކުޅިއެއް ބަލައިލުމެއްނެތި މީހުން މަރަމުން ގެންދާ މީހުން މުސްލިމުންކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް އޮންނާނެއެކޭ ނުދެންނެވޭނެއެވެ.

ޙަޤީޤީ ނިރުބަވެރިންނަކީ ކޮބާ؟

ނަމަވެސް މިނަތީޖާއަށް ދިޔުމުގެ ކުރިން ޙަޤީޤީ ނިރުބަވެރީންނަކީ ކޮބައިތޯ ބަލައިލުމަކީވެސް ބޭނުންތެރި ކަމެކެވެ. އާދެ ނިރުބަވެރީންނަކީ އަނެކުންނަށް އަނިޔާކޮށް މަރައިސުންނާފަތިކޮށް މުޖްތަމައުގައި ބިރުވެރިކަން އަށަގަންނަވާ މީހުންތޯއެވެ؟ ނުވަތަ އަނިޔާވެރީންގެ ވަކިތަކުގައި ހިފަހައްޓަން މަސައްކަތްކުރާ މީހުންނަކީވެސް ނިރުބަވެރީންތޯއެވެ؟ އިންސާފަށް ލޯބިކުރާ އެއްވެސް މީހަކު އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމަކީ ނިރުބަވެރިކަމޭ ބުނާނެކަމަކަށް އަޅުގަނޑުގެ ވިސްނުމަކަށް ނާދެއެވެ. ދުނިޔޭގެ ހެޔޮލަފާ އެތައް ބަޔަކާއި ސުލްޙަމަސްލަހަތަށް ލޯބިކުރާ އެތައް ޤައުމުތަކަކުންވަނީ އަނިޔާވެރި ޖައްބާރު ޤައުމުތަކާ ދެކޮޅަށް އިހްތިޖާޖުކޮށްފައެވެ. ޤައުމުތައް އިސްތިއުމާރުކޮށް އިންސާނުން އަޅުވެތިކުރި އެތައް ބަޔަކާއި ދެކޮޅަށް ޖިހާދުގެ މައިދާނަށް ނުކުމެފައެވެ. މިދެންނެވި މިނިވަންކަމުގެ ހަނގުރާމަތަކުގައި މުސްތައުމިރުންވަނީ ސުމާރެއްނެތްހައި ގިނަ މީހުން ޝަހީދުކޮށްފައެވެ. އެތަކެއްހާސް ބައެއްގެ ލެއިން އެ އަނިޔާވެރިންގެ ކަރުހިއްކުން ފިލުވައިފައެވެ. އެހެންވީއިރު މިނިވަންކަމުގެ މުޖާހިދުންނަކީވެސް ނިރުބަވެރިންނޭ ބުނެވޭނެތޯއެވެ؟ ނޫނެކެވެ. ހަމަކަށަވަރުންވެސް ނޫނެކެވެ. އަނިޔާލިބޭ މީހުން ތެދުވެ ހިންދެމިލުމާއި އަނިޔާވެރީންގެ ކުރިމަތީގައި ދިފާއީ ސަފުތައް ރުކުރުވައިލުމަކީ، ނިރުބަވެރިކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެއީ ނިރުބަވެރިކަމާ ދެކޮޅަށް ޖިހާދުކުރުމެވެ. މުޤައްދަސް ޖިހާދެއް ކުރުމެވެ.

ޙައިރާންވެއަންތަރީސްވާފަދަ ކަމެކެވެ. މިއަދުގެ ދުނިޔޭގައި ނިރުބަވެރިކަމުގެ ވާހަކައިން އެންމެ ވަރުގަދައަށް ނަގައިކިޔައި އަޑުގަދަ ކުރަނީ އެންމެ ބޮޑެތި ނިރުބަވެރީންނެވެ. އާދެ، ނިރުބަވެރީންގެ އިމާމަކީ އެމެރިކާއެވެ. ތަންކޮޅެއްކުރީގެ ތާރީޚަށް ބަލާއިރު ރިޟާޝާހުޕެހެލަވީ އަށްޓަކައި އެމެރިކާއިން އީރާނުގައި ހިންގި ނިރުބަވެރި އަމަލުތަކާއި ބާޣީ ޤަބީލާތަކުގެ ހިމާޔަތުގެ ނަމުގައި ސޫދާނުގައި ހިންގި ނިރުބަވެރިކަމާއި އަފްޣާނިސްތާނާއި އިރާގުގައި ރޯމާދުވާލު ހިންގި ނިރުބަވެރި ޖަރީމާތަކުގެ ވާހަކައިން ތާރީޚުގެ ޞަފްޙާތައް އެވަނީ ފުރިފައެވެ. ކަޅުވެފައެވެ.

އިސްރާއީލުން ހުއްޓައިނުފައި ހޯބޯލަވަނީ ސޫރިޔާއާއި ފަލަސްތީނުގެ ނިރުބަވެރީންނާހުރެ ނޭވާހައްޓަށް ނުފެތިގެންނެވެ. އެކަމަކު އިސްރާއީލުވަނީ ސޫރިޔާގެ ބަޔަކަށް ޣަޞްބުން ވެރިވެގެންފައެވެ. އިސްރާއީލުގެ ނާޖާއިޒު ދައުލަތް އުފައްދައިފައިވަނީ ފަލަސްޠީނުގެ ބިމުގައެވެ. ޔަހޫދީންވަނީ އެތައް ފަހަރަކު އަރަބީންގެ ގަތުލުއާއްމު ހިންގައިފައެވެ.

ދެން އޮތީ އިންޑިޔާއެވެ. ފާޅުގައި ނިކުމެ ބާބަރީ މިސްކިތް ޝަހީދުކޮށްލީ ނިރުބަވެރީންނެއް ނޫނެވެ. ބޮމްބޭއާއި ގުޖުރާތާއި ސޫރަތުގައި މުސްލިމު އަންހެނުންނާއި ކުޑަކުދިންގެ ލެއިން ފެންކުޅިކުޅުނީ ނިރުބަވެރިކަމުގެ ނަންވެސް އަޑުނާހާބައެކެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސްނެތި ކަޝްމީރުގެ މުސްލިމުން ކަތިލަމުން ގެންދަނީ ނިރުބަވެރީންނެއްނޫނެވެ. އެކަމަކު އަނިޔާ ވެރިކަމާއި ބޭއިންސާފު ގެ ރާޅުތައް އިސްކޮޅުން ނުކާވަރަށް އުފުލުމުން އެކަމާ ދެކޮޅަށް އަޑުއުފުލަމުން ގެންދަނީ ނިރުބަވެރީންނޯލައެވެ. އަދި ބައެއް ފަހަރު ފަހަރު އަނިޔާއިން ރެކެން އަތްފައި ހޫރުވަނީ ނިރުބަވެރީންނޯލައެވެ. ޝައްކެތްނެތެވެ. މިއީ "ނިރުބަވެރިކަން" މިލަފުޒާމެދުވެސް އިންސާފުން އެއްކިބާވުމެވެ. ތިމާގެ ޒަމީރަށް ތެދުވެރިވާ އެއްވެސް މީހަކަށް މިކަން ބަލައެއްނުގަނެވޭނެއެވެ.

އެހެންކަމުން ނިރުބަވެރިކަމަކީ ކޮބައިތޯ ބަލައި ގޮތެއް ކަނޑައެޅުމަކީ މިއަދު އެންމެ ފުރަތަމަ ކުރާންޖެހިފައިވާ މަސައްކަތެވެ. އެހެނީ އަނިޔާވެރީންނަށް ނިރުބަވެރިންނޭ ކިޔާން ނުކެރުމާއި އަނިޔާލިބޭ މީހުންނަށް ނިރުބަވެރީންނޭ ކިޔުންވާނީ އަޚްލާޤީ ނިރުބަވެރިކަންކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނިރުބަވެރީން އިތުރުވާނެކަމީ ޝައްކަކަށް ވަސްވާހަކަށް ތަންދޭކަމެއް ނޫނެވެ. އެކަމަކު މީގެކުރިންވެސް އަޅުގަނޑު އިޝާރާތްކޮށްފައިވާނޭ ފަދައިން، އަނިޔާލިބޭ މީހުންވެސް ޤާނޫނާ ޚިލާފުވެ، އިންތައްފަހަނަޅައި ބޭރަށް ނުކުތުމަކީ އިސްލާމްދީން ހުއްދަދޭ ކަމެއްނޫނެވެ. އަނިޔާލިބޭ މީހުން އިންސާފުލިބިގަތުމަށާއި، ނަފްސުގެ ދިފާއުގައި މަސައްކަތްކުރުމަށްވެސް އިސްލާމްދީނުގައިވަނީ އުސޫލުތަކެއް ކަނޑައަޅައިފައެވެ. ނުބައިކަމެއްގެ ބަދަލުގައި ކުރެވޭ ނުބައިކަމެއް ވާންޖެހޭނީ ހަމައެފަދަ ނުބައިކަމަކަށެވެ. ނުބައިކަމެއްކޮށްފި މީހަކަށް މާފުކޮށް ސުލްހަވެއްޖެ މީހާގެ ޘަވާބު މާތް ﷲ ގެ ޙަޟްރަތުގައިވެއެވެ.(އައްޝޫރާ:40 ) ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަ އިރްޝާދު ދެއްވާގޮތުގައި މީހަކަށް ގެއްލުމެއް ދިނުމެއްވެސް ތިމާ ގެއްލުމެއް ލިބިގަތުމެއްވެސް ނުވެއެވެ. (މުވައްޠާ:އިމާމު މާލިކު) އާދެ އިސްވެ އަނެކަކަށް ގެއްލުމެއް ދިނުމަކީވެސް ޖަވާބުގައި ކުރާކަމެއްގައި ހައްދުންނެއްޓިގެން ދިޔުމަކީވެސް އިސްލާމްދީން ރުހޭކަމެއް ނޫނެވެ.

ނިރުބަވެރިކަން އުފެދެނީ ކީއްވެ؟

ނިރުބަވެރިކަމަށް ފަރުވާކުރެވޭނެ އެންމެ ނަތީޖާ ރަނގަޅު ގޮތަކީ އެންމެ ފުރަތަމަ އެބަލީގެ ސަބަބުތައް ދެނެގަތުމެވެ. އެސަބަބުތައް ނައްތައިލުމެވެ. ކިޔަވައިގެން ތިބޭ ހެޔޮލަފާ ރަނގަޅު ކުދީން މުޖްތަމައާ ހަތުރުވެރިވާ ސަބަބުތައް ހޯދައި އެކަންކަން ރަނގަޅުކުރުމެވެ. މައިގަނޑުގޮތެއްގައި އެސަބަބުތަކަކީ މަހްރޫމުކުރެވޭކަމުގެ އިހްސާސެވެ. ޤާނޫނީ މަގުން ހިނގައިގެން ޙައްޤުތައް ރައްކާތެރިކުރެވި އިންސާފު ލިބެމުންދާތަން ނުފެނުމެވެ. މިސަބަބުތަކާހުރެ ޒުވާން ހިތްތަކުގައި އުފެދޭ އުންމީދު ގެއްލުމުގެ ބަނޑުން އުފަންވަނީ ނިރުބަވެރިކަމެވެ. އުދަރެސްތަކާ ހަމައަށް ފުޅާކޮށް ރާއްޖޭގެ އަސްދަނޑީން ބޭރަށް ނުކުމެ ވާހަކަ ދެއްކުމުގެ ބަދަލުގައި ރާއްޖެއިންވެސް ފަހަކަށް އައިސް ފެންނާން ފަށައިފައިވާ ދެތިންކަމެއްގެ މިސާލު ދަންނަވައިލާނެމެވެ. އާދެ، ހަމައެއްލަމައެއްނެތި ފަޅުރަށްރަށް ލިބި ރިސޯޓުހަދައިގެންނާއި ސަރުކާރުގެ ކުންފުނިތަކުން "ފާއްދައިގެން" އެއްބަޔަކު މުއްސަނދިވާތަންފެނުމަކީ ކިޔަވައިގެންތިބޭ ހިންގުންތެރި ތެދުވެރި ޒުވާނުންނަށް "ހަޖަމުކުރަން" ފަސޭހަކަންކަމެއްނޫނެވެ. ކެޕިޓަލިސްޓުންނާއި މަހުޖަނުންނާ ދެކޮޅަށް ނިރުބަވެރިކަން އުފެދެނީ އެފަދަ ސަބަބުތަކާ ހުރެއެވެ. ހަމައެފަދައިން ކިޔަވައި މަތީ ސަނަދުތައް ހާސިލުކޮށްގެންތިބޭ ކުދީން މަޤާމެއް ހުސްވޭތޯ ނުވަތަ އަލަށް މަޤާމެއް އުފެދޭތޯ ގެޒެޓްބަލަބަލައިތިއްބައި ނާޤާބިލް އެތައް ބަޔަކަށް ވަޒީފާ ލިބޭތަންފެނެއެވެ. ވީގޮތެއް އޮޅުންފިލުވަން އެކޮޅު މިކޮޅު ބަލައި ހޯދައިލާއިރު ވެފައި އޮންނަނީ ޕާޓީ ނިޒާމުގެ ތެރެއިން ދުރާލާ ރޭވިގެން އައިކަމެއްކަމުގައެވެ. މިފަދަ ހިތި ތަޖުރިބާތައް ހިއްސާކުރާ ޒުވާނުންތަކެއް އުފެދުމުން ޤައުމީ ނާއިންސާފާހުރެ މާޔޫސްވެއެވެ. ލޭކެކެންފަށައެވެ. ސިޔާސީ ނިރުބަވެރިކަން މުޑުވައްވެއެވެ. އެހެންކަމުން އެކަންކަމަކަށް ސަމާލުކަންނުދީ އެކަންކަމުން ނިކުންނަ ނަތީޖާއަށް ނިރުބަވެރިކަމުގެ ނަންދީގެން ބާރުގެ ބޭނުންކޮށްގެން އެކަން ހައްލުކުރާން އުޅުމަކީ ހޫނުމޫސުމެއްގައި ފެންނުލިބި ގަސްތައް ހިކިމަރުވާންފެށުމުން ގަހުގެ މުލަށް ފެންދިނުމުގެ ބަދަލުގައި ހަމައެކަނި ފަތުގައި ހުންނަ ހިރަފުސްކޮޅު ސްޕަންޖަކުން ދޮވެލުން ފަދަކަމެކެވެ.

ނިރުބަވެރިކަމުގެ ހައްލުވަނީ އިސްލާމްދީނުގައެވެ.

އިސްލާމްދީނުގެ މިޖާޒަކީ އަބަދުވެސް މައްސަލަތައް އުފެދޭންފަށާ އަސްލު ސަބަބު ހޯދުމެވެ. ބަލިތަކުގެ ސަބަބު ދެނެގަތުމެވެ. ފަރުވާކުރުމުގައި އެކަމަށް އިސްކަންދިނުމެވެ. ޖާހިލިއްޔަ ޒަމާނުގެ އަރަބީންގެ ތެރޭގައި އޮތްވަރަށް ނިރުބަވެރިކަމާއި ލާގާނޫނިއްޔަތު އޮތް އެއްވެސް ތަނެއް ތާރީޚް ދެކެފައިވާ ކަމެއް ނޭނގެއެވެ. ނަމަވެސް އިސްލާމްދީންވަނީ ނުހަނު ޤާބިލުކަމާއެކު އެކަންކަމަށް ފަރުވާކޮށްފައެވެ. ވަޙްޝީ ކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން އެބަޔެއްގެ ވާހަކައިން މިސާލުޖެހޭ ބަޔަކު އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމުގެ ނަމޫނާ ތަކެއްގެ ގޮތުގައި ދުނިޔެއަށް ނެރެ ދައްކައިފައެވެ.

އިސްލާމްދީނުގެ އެ މަތިވެރި ކާމިޔާބީގެ ސިއްރަކީ ކުރިންވެސް ދެންނެވިފަދައިން ކަންކަމުގެ ސަބަބުތަކާއި ކަންހިނގާން މެދުވެރިވާ ގޮތްތައް ހޯދައި ދެނެގަތުމެވެ. އިންސާނުންގެ ތެރޭގައި ނިރުބަވެރިކަން އުފެދޭ އެންމެމައިގަނޑު ސަބަބަކީ އިޤްތިޞާދީ މަހްރޫމުކަމުގެ އިހްސާސެވެ. އިސްލާމްދީން އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އާޚިރަތާމެދު މީހުންގެ ހިތްތަކުގައި ޔަޤީންކަން އުފައްދައި ވަރުގަދަ ކުރުވިއެވެ. ދުނިޔޭގެ އަރާމާއި ލައްޒަތަކީ ފަނާވެދާނެ ކަންތައްތަކެއްކަން ޤަބޫލުކުރުވިއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަން (އަލްހަދީދު:20 ) މީސްތަކުން ލައްވައި ޤަބޫލުކުރުވިއެވެ.

ދުނިޔަވީ ކަންކަމާއި އެއްޗެހިތަކާމެދު މީސްތަކުންގެ ބޫތުކެއުން ކުޑަވެ އެކަންކަމަކީ ވަގުތީ ކަންތައްތަކެއްކަމުގެ ޔަޤީންކަމާއި ކަށަވަރުކަން ހިތްތަކުގައި ބިންވަޅުނެގުމުން އިސްލާމްދީން މީސްތަކުންނަށް ދަސްކޮށްދިނީ ދުނިޔޭގެ ފިލައިދަނިވި އުފާތަކުގެ ބަދަލު އާޚިރަތުގެ ދުނިޔެއިން ހޯދުމަށެވެ. އެއިހްސާސަކީ މިދުނިޔޭގެ ތަނަވަސްކަމާއި ދަރަޖަވެރިކަމުގެ އަހްލުވެރިންނާމެދު ހަސަދަވެރި ކުރުވާ ކަމެއްނޫނެވެ. ތިމާމެންގެ ނުފޯރާކަމާއި ހަސްފަސްނެތުމާއި އަތްމަތިދަތިކަމުންވެސް ފޮނިކަމާއި މީރުކަން އިހްސާސްކުރުވާކަމެވެ.

އިސްލާމްދީން މީސްތަކުންނަށް އަންގައިދިނީ މުއްސަނދިކަމަކީ މަދުބައެއްގެ އަތްމަތީގައި ޖަމާވެފައި ހުންނަންޖެހޭ ކަމެއް ނޫންކަމެވެ. އެދީން ރޭވީ މުދާ ޖަމާވެފައިނުހުރެ، ބުރުޖަހާނެގޮތްތަކެވެ. އެދީން ތަރިކަބެހުމާއި ޒަކާތާއި ސަދަޤާތުގެ ނިޒާމު ހިންގައިލިއެވެ. އަގުއަރުވާން މުދާ ފޮރުވުން މަނާކުރިއެވެ. ރިބާ ހަރާންކުރިއެވެ. ބޭނުންޖެހިފައިވާ މީހުންނާއި ނިކަމެތިންނަށް އިހްސާންތެރިވެ ހެޔޮކޮށް ހިތުމަށް ގޮވައިލައި އަޚްލާޤީ އިރްޝާދުތައް އާންމުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ފަޤީރުންގެ ހިތްތަކުންވެސް މަހްރޫމުވުމުގެ އިހްސާސްފިލައި މުދަލަށށް ބޭނުންވާ މީހަކު ނުހުންނަ ވަރަށް ފަޤީރުން މުއްސަނދިވިއެވެ.

ސިޔާސީގޮތުން ވަކިބަޔަކު އޮބިއަޅައިފައި ބައިތިއްބުމާއި، މަޤާމުތައް ވަކިބަޔަކަށް ޚާއްޞަކުރުމަކީ އިސްލާމްދީން ހުއްދަކުރާކަމެއްނޫނެވެ. އާއިލާތަކާއި ޕާޓީތަކުގެ ބިންގަލުގެ މަތީގައި މަގާމުތައް ބަހާކަށެއް އިސްލާމްދީން ނުރުހެއެވެ. އަދި ކީއްތޯއެވެ؟ ސަރުކާރުގެ ދަރަޖަތަކާއި މަގާމުތައް ލިބުމުގެ މިންގަނޑެއްކަމުގައި އިސްލާމްދީން ކަނޑައެޅީ ޤާބިލިއްޔަތެވެ. ކަމަށް އެކަށޭނަކަމެވެ. އިންސާފުލިބުމާއި ސަލާމަތާއި ރައްކާތެރިކަން ޔަޤީންވުމުގައި އިސްލާމްދީން ދެމީހަކު ފަރަޤެއްނުކުރެއެވެ. މުސްލިމަކަށްވިޔަސް ޣައިރުމުސްލިމަކަށްވިޔަސްވެހެވެ. ކައުސާހިބާ އިރްޝާދު ދެއްވައިފައިވަނީ މުސްލިމުންގެ ލެޔާއި ޣައިރު މުސްލިމުންގެލޭ އެއްފަދަކަމުގައެވެ. މުދަލުގެ ޙިމާޔަތްވެސް އެފަދަމެއެވެ. އިސްލާމްދީން އިރްޝާދު ދިނީ ބަޔަކު އިންސާފުގެ މަގުން އެއްކިބާވުމުގެ ސަބަބުން ނުވަތަ ބަޔެއްގެ ނުބައިކަމުގެ ސަބަބުން އެބަޔަކުދެކެ ރުޅިއައިކަމުގައި ވިޔަސް އެކަންކަމަކީ އަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާކަމެއްކަމުގައި ނެހެދުމަށެވެ. އަދުލުވެރިވުމަށެވެ. (މާއިދާ:8) ދީނީކަންކަމުގައިވެސް އެއްބަޔަކު އަނެއްބަޔަކު ބަރުދާސްތުކުރުމަށެވެ. ތިމަންމެންނަށް ތިމަންމެންގެ އަމަލުތަކެވެ. އެބައިމީހުންނަށް އެބައިމީހުންގެ އަމަލުތަކޭ (އަލްޤަޞަޞު 55) ބުނުމަށެވެ. އެކަކަކު ހިންގާ ޖަރީމާއެއްގެ ބަދަލު އަނެކެއްގެ ކިބައިން ހިފާކަށްވެސް އިސްލާމްދީން އިޒުނައެއްނުދެއެވެ. މުޖުރިމުންގެ ބައެއްގެ ސަބަބުން ކުށެއްނެތްބަޔަކު ބަދަލުހިފުމުގެ އަމާޒުފަތްގަނޑަކަށް ހަދާކަށެއް އިސްލާމްދީން ހުއްދައެއްނުދެއެވެ. އެދީން އަންގަނީ ފާފަވެރި އެއްވެސް ނަފުސެއް އެހެންނަފުސެއްގެ ފާފައެއް ނުއުފުލާނެކަމުގައެވެ. (ފާޠިރު 18 )

އިސްލާމްދީނުގެ ނަޒަރިއްޔާއަކީ އިހްތިޖާޖުކުރުމުގެ ޤާނޫނީ ރާސްތާ އަބަދުވެސް ހުޅުވައިފައި ބޭއްވުމެވެ. އެ އިޙްތިޖާޖަކީ ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައިވާ އިހްތިޖާޖެއްކަމުގައިވާނަމަ ވެރިކަމުގެ ފަރާތުން އެކަން ޤަބޫލުކުރުމެވެ. ޝަކުވާތައް ފިލުވައިދިނުމެވެ. ޙަޤީޤަތެއްނެތް ކަމެއްކަމުގައިވާނަމަ ޙަޤީޤަތް ބަޔާން ކޮށްދީ ވިސްނައިދިނުމެވެ. ހިތްހަމަޖައްސައިދިނުމެވެ.

އިސްލާމްދީންވަނީ ގައުމުގެ އެންމެ އާއްމުރައްޔިތުންނަށްވެސް ވަލިޔުލްއަމްރަށް ފާޑުކިޔުމުގެ ހުއްދަދީފައެވެ. ކީރިތި ޤުރްއާނުގައި އެކަމަށް ދެއްވައިފައިވާ ނަމަކީ މުންކަރާތައް ނަހީކުރުމުގެނަމެވެ. ޙައްޤުގެމައްޗަށް ހެކިބަސް އަދާކުރުމުގެ ނަމެވެ. ބަޔަކު ނޭދެވޭ ގޮތަކަށް ފާޑުކީކަމުގައި ވިޔަސް ފާޑުކިޔުމަށް ޖަވާބުދިނުމަށް އަންގާފައިވަނީ ރިވެތިގޮތުގައެވެ. ކީރިތި ޤުރްއާނުގައި އަމުރުކުރަނީ އެންމެ ހެޔޮރިވެތި ގޮތުން ނުބައިކަންތައް ދުރުކުރުމަށެވެ. (އަލްމުއުމިނޫން:96 )

އިސްލާމްދީނަކީ ސަރާސަރު ރަހްމަތެކެވެ. އަދުލުއިންސާފުގެ ނަގީބެކެވެ. އެދީނުގެ ދަރުބާރުގައި އެންމެރުހެވޭ އެންމެ ބަލައިގަނެވޭކަމަކީ ރަހްމާއި ހަމްދަރުދީއެވެ. މާފުކުރުމެވެ. ހިތްހެޔޮކުރުމެވެ. އެންމެ ނުރުހެވޭކަމަކީ އަނިޔާވެރިކަމެވެ. ބޭއިންސާފެވެ. ހިތްނުބައި ކުރުމެވެ. އަރަހުށި މާތް ﷲ އެކަލާނގެ ޒާތުފުޅަށް ލާޒިމުކުރައްވައިފައިވާ ނަންފުޅަކީ ރަހްމާނެވެ. ރަހީމެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ލަޤަބުފުޅަކީ ރަޙްމަތުއްލިލްއާލަމީންއެވެ. އެދީނުގެ ވެރިރަށަކީ އެރަށެއްގެ މަތީން އުދުހޭ ދޫންޏަކަށް ގާކޮޅެއް އެއްލުންވެސް މަނާރަށެކެވެ. އެރަށަކުން ގަސްގަހާގެހި އުފުރުންވެސް ހުއްދަނުވާ ރަށެކެވެ. ކަންމިހެން ހުރިއިރު އެދީނަށް ނިރުބަވެރިކަން ނިސްބަތްކުރުމަކީ ދުވާލަށް ރޭގަނޑޭ ބުނުމެވެ. ޙަޤީޤަތުގައި އިސްލާމްދީން ނިރުބަވެރިކަމާ ގުޅުވަނީ ތިމާމެންގެ ނިރުބަވެރިކަން ފޮރުވަން ބޭނުންވާ މީހުންނެވެ. ނިރުބަވެރިކަމަކީ އަނިޔާލިބޭ މީހުންގެ ރޮއިއާދޭސްކުރުމާއި އަނިޔާއިންރެކޭން އަތްފައިހޫރާހޫރުމެއް ނޫނެވެ. ނިރުބަވެރިކަމަކީ އަނިޔާއެވެ. ބޭއިންސާފެވެ. ޙައްޤުތައް ނިގުޅައިގަތުމެވެ.
(ނިމުނީ)