ދ. މާއެނބޫދޫ

މާއެނބޫދޫ ޕްރީސްކޫލްގައި ގިނަ އަދަދަކަށް ހުވަނި ދުވަނީ، ހައްލުކުރެވޭނެ ގޮތެއް ނެތް!

1

ދ. މާއެނބޫދޫ ޕްރީ ސްކޫލުގެ ބޭރުގައި ހުންނަ ގަސްތަކުގައި އާދަޔާ ޚިލާފަށް ގިނައިން ހުވަނި އަޅައި، އެ ހުވަނިތައް ޕްރީސްކޫލުގެ ފާރު ތަކުގައާއި ގޯތި ތެރޭގެ އެކި ސަރަހައްދުތަކުގައި ދުވަން ފަށައިފި އެވެ.

ޕްރީ ސްކޫލުގެ ބައެއް ފާރުތަކުގެ އިތުރުން އެތެރޭގެ ބައެއް ސަރަހައްދުތަކަށް ވެސް ހުވަނި ވަދެ، ދުވާތަން މިއަދު މީސް މީޑިއާގައި އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެނެ އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ސްކޫލުގެ ޕްރީންސިޕަލް އަލީ މުފީދު މިރޭ ވިދާޅުވީ މިދިޔަ އޭޕްރީލް މަހު ވެސް ކައުންސިލާ ގުޅިގެން އެ ސަރަހައްދަށް ބޭސް ޖެހި ކަމަށާއި އެހެން ނަމަވެސް މައްސަލަ ހައްލު ނުވާ ކަމަށެވެ.

"މިއަދު އަނެއްކާވެސް އަޅުގަނޑު ކައުންސިލަށް ގޮސް އެވާހަކަ ދެންނެވިން. އެބޭފުޅުން ވިދާޅުވަނީ ކައުންސިލުގައި ވެސް އެފަދަ ވަސީލަތެއް ނެތް ކަމަށް. އެހެން ވީމަ ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް. ކައިރީގައި އޮތް ދެ ރިސޯޓަށް އެދިގެން ގޮތެއް ފެނޭތޯ ބަލާނެ ކަމަށް ވިދާޅުވި. އަދި އެއްވެސް ގޮތެއް ހަމައެއް ނުޖެހޭ." މުފީދު ވިދާޅުވި އެވެ.

މުފީދު ވިދާޅުވީ މި މައްސަލަ މިއަދު އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް އަންގަވައިފައިވާނެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވެސް ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު އެދާވަރުން ހުވަނި ކޮންޓްރޯލު ނުވެ ދާނަމަ އެންމެ ފަހުން ސްކޫލު ބަންދުކުރަން ވެސް ޖެހިދާނެ ކަމަށް މުފީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޕްރީ ސްކޫލަށް ހުވަނި އެހާ ގިނަ އަދަދަކަށް ވަންނަނީ އެ ސްކޫލާ އިންވެގެން ހުރި ފުނަ ގަސްތަކެއްގައި ހުވަނި އަޅާފައި ހުރެގެން ކަމަށާއި އެކަމަށް ބޭނުންކުރާނެ އެއްވެސް ބޭހެއް ރަށުގައި ނެތް ކަމަށެވެ. ފުނަ ގަސްތަކާ އެންމެ ގާތުގައި ހުރި ކުލާސްރޫމުގެ ކިޔެވުން ރަށުގެ މައި ސްކޫލަށް ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް މުފީދު ވިދާޅުވި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާދު ދިން މާއެނބޫދޫ ބެލެނިވެރިޔަކު މިއަދު ބުނީ ހުވަނިތައް ދުވާވަރުން އެ ސަރަހައްދުން ހިނގަން ވެސް ނުކެރޭ ކަމަށާއި ރޯދަ މަހު ކުދީންނަށް އޭގެން ނޭދެވޭ އަސަރެއް ކޮށްފާނެތީ ބެލެނިވެރީން ތިބީ ވަރަށް ކަންބޮޑުވެފައި ކަމަށެވެ.