ކޮލަމް

ކޮލަމް ހަޅަ: ކަނޑޫދޫ ރަން މިރުހާއި މާލޭގެ ރަން ބިމުުގެ ބަހުސް!

ހަސަން ހަލީމް

ކުދިކުދި މައްސަލަތައް ގުޅިގެންދާނީ ބޮޑެތި މައްސަލަތަކާ އެވެ. މިއީ އޭގެ އެއް މައްސަލަ އެވެ. މުޅި ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެންމެ ބޮޑު މައްސަލަ މިފަހަރު ގުޅިފައި މިއޮތީ، މި ބަރަކާތްތެރި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަގުބޮޑުވެގެން އުޅޭ ތ. ކަނޑޫދޫ މިރުހާ އެވެ. އެއީ މާލޭގެ ކުލީގެ މައްސަލަ އެވެ.

ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު މިފަހަރު މި އުޅެނީ ކިލޯއެއް ހާހުން މަތީގަ އެވެ. މިއީ އެވްރެޖްކޮށް 300 ވަރަކަށް ރުފިޔާ އަށް ކިލޯއެއް ލިބެން ހުންނަ އެއްޗެކެވެ. އެކަމަކު އެ ރަށުގެ މިރުސް ދަނޑުތަކަށް ހޫނުވެ ދަނޑުތައް ހަލާކުވުމާ އެކު، މިރުސް ލިބުން ކުއްލިއަކަށް ދަތިވީ އެވެ. މާލޭގެ ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އަރައިގެން ދިޔައީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވިގެންނެވެ. މިއީ ހަމަ މާލޭގެ ކުއްޔަށް ވެސް ވީ ގޮތެވެ.

ކަނޑޫދޫ މިރުހުގެ އަގު މައްޗަށް އެރުމާ އެކު، ސޯޝަލް މީޑިއާގައި އެ މިރުހާ ދެކޮޅަށް ވެސް، އަދި އެއްކޮޅަށް ވެސް ވަރަށް ގިނަ ވާހަކަތަކެއް ދެކެވިއްޖެ އެވެ. އޭގެ ތެރެއިން ބައެއް ޚިޔާލުތައް ގޮސް މި ގުޅެނީ މާލޭގެ ކުއްޔާ އެވެ. އާންމުން ސުވާލު ކުރަނީ، ކަނޑޫދޫ މިރުހުގެ އަގު މައްޗަށް އެރުމަކީ މައްސަލައެއް ހެއްޔޭ އެވެ؟ މާލޭގެ އަގުތަކުގެ ވާހަކަ ނުދެކެވެނީ ކީއްވެގެން ހެއްޔޭ އެވެ؟

މާލޭގެ ކުލީގެ މައްސަލައަކީ ކުޑަ މައްސަލައެއް ނޫނެވެ. އެއީ ވެސް ވަރަށް ބޮޑު މައްސަލައެކެވެ. ކޮންމެ މަހަކު އެއްފަހަރު ދައްކަން ޖެހޭ ކުލި ބޮޑުވުމަކީ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މީރު ކާއެއްޗެއް ވެސް ކާލަން ފައިސާކޮޅެއް ބާކީކޮށް ނުލެވޭ މައިިގަނޑު ސަބަބެވެ. ކުލި ކުޑަވެއްޖެ ނަމަ، ކަނޑޫދޫ މިރުސް ކިތަންމެ ބޮޑު އަގުގައި ގަތުމަށް ވެސް ފައިސާ ހުރީސް ކަމަށް އެތައް ބަޔަކު ބުނަނީ އެހެންވެ އެވެ.

އެއްބަައެއްގެ ނަޒަރުގައި މިރުހުގެ އަގު ބޮޑުވުން މައްސަލައަކަށްވާ އިރު ކުލީގެ އަގުގެ ވާހަކަ ނުދެކެވެނީ އެއްވެސް ހަމައެއް ލަމައެއް ނެތި އެވެ. މާލޭގެ ތަންތަން އެތައް އަހަރެއްގެ އެޑްވާންސް ނަގައި، އެހާ ބޮޑު ކުއްޔެއް ނަގާއިރު ކަނޑޫދޫ މީހުންނަށް އެ މީހުން އުފައްދާ އެއްޗެއްގެ އަގު ބޮޑު ނުކުރެވެންވީ ކޮން ސަބަބަކާ ހުރެތޯ އާންމުން ދަނީ ސުވާލު އުފައްދަމުންނެވެެ. މިއީ ވަރަށް ވަރުގަދަ ބަހުސެކެވެ. އަޅުގަނޑު ދަންނަވާނީ މި މައުލޫއު ގޮސް ގުޅިފައި އޮތީ ވެސް ހަމަ ރަނގަޅު މައްސަލައެއްގެ ތެރެއަށް ކަމަށެވެ.

ބޮޑު ކުއްޔެއް ދައްކަން ޖެހުމަކީ އާންމުން ނިކަމެތިވެގެން އުޅޭ މައިގަނޑު ސަބަބެވެ. މުސާރައިގެ ބޮޑު އެއްޗެއް މި ދަނީ ކުއްޔަށާއި ބިލްތަކަށް އެކަންޏެވެ. ތަރައްގީ ރަށެއްގެ ގޮތުގައި ހަމައެކަނި މާލެ ހަމަޖައްސާފައި އޮތުމުން، މި ރަށަށް ނައިސް، ނުވަތަ ދިރިނޫޅެ ވާކަށްް ނެތެވެ. އެހެންވެ، މާލޭގެ ބިމުގެ އަގު މި ވަނީ ރަނަށް ބަދަލުވެފަ އެވެ. ކުއްޔަށް ތަނެއް ނުލިބެ އެވެ. ޑިމާންޑް އެހާ ބޮޑެވެ.

ކަނޑޫދޫގައި ހައްދާ މިރުހާ، މާލޭގެ ކުއްޔާ އެއްވަރެއް ނުކުރެވޭނެ އެވެ. ކުލީގެ މައްސަލައަކީ ގައުމީ މައްސަލައެކެވެ. އެހެން ނަމަވެސް މިރުހުގެ ވާހަކަ، ކުލީގެ ތެރެއަށް ގޮސް ވެއްޓިގަތީ އާންމުންގެ އުދާސްތައް ބޭރުކޮށްލުމުގެ ނިޔަތުގައި ކަމަށް ވެދާނެ އެވެ. އެ މީހުން ބުނާ ފަދައިން، ރަށެއްގައި ހައްދާ އެއްޗެއް އަގުބޮޑުވެއްޖިއްޔާ މާލޭ މީހުން ވަރަށް ކަންތައް ބޮޑުކޮށްލާނެ އެވެ. އެކަމަކު މާލޭގެ ކުލީގެ އަގު ކިތަންމެ މައްޗަށް އަރައިގެން ދިޔަޔަސް ހެވެވެ.