ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ގުޅޭގޮތުން ހޯދުނު މައުލޫމާތުތައް ތަހުގީގީ އިދާރާތަކާ ހިއްސާކުރަން ތައްޔާރަށް ހުންނެވި ކަމަށާއި އެ މައުލޫމާތުތައް ފުލުހުންގެ އިދާރާގައި ވެސް ހުންނާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
މީގެ ހަ އަހަރުކުރިން ރަހުމުކުޑަ ހަމަލާތަކަކާއެކު އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގުގައި އެންމެ އިސްކޮށް އޭރު އުޅުއްވީ އަބްދުﷲ ރިޔާޒެވެ. ޥީޓީވީ ފަސްމަންޒަރު ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ގިނަ މައުލޫމާތުތަކަކީ އާންމު ކުރެވޭނެ މައުލޫމާތުތަކެއް ނޫން ކަމަށެވެ.
"ޑރ. އަފްރާޝީމް އަވަހާރަކޮށްލި އިރުގައި އަޅުގަނޑު ހުރީ ޕޮލިސް ކޮމިޝަނަރަކަށް. އެ މައްސަލަ ތަހުގީގުކުރަން އަޅުގަނޑަށް ލިބުނު އެއް އަހަރު ދުވަސް. އެ މައްސަލައިގައި ގިނަ މައުލޫމާތުތަކަކީ ޕަބްލިކޮށް އަޅުގަނޑަށް ދެއްކޭނެ ވާހަކަތަކެއް ނޫން. ކޮންމެ ފަހަރަކު ވެސް އަޅުގަނޑު ބުނެފަވާނެ އެކަށޭނެ ވަގުތެއްގައި، އެކަށޭނެ ތަނެއްގައޭ އެ މައްސަލައާ ބެހޭ ވާހަކަ ދެއްކޭނީ. އެއީކީ މީޑިއާގައި ދެއްކޭނެ ވާހަކަތަކެއް ނޫން. އެއީ އަދިވެސް ކްލޯސްޑް ކޭސްއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ އޭނާ ރިޓަޔާކޮށްގެން ފުލުހުންގެ އިދާރާއިން ނުކުތް އިރުވެސް އެ މައްސަލައަކީ ތަހުގީގު ކުރަމުންދިޔަ މައްސަލައެއް ކަމަށާއި ނަމަވެސް މިދިޔަ ފަސް އަހަރުތެރޭގައި އެ މައްސަލައިގެ މައުލޫމާތެއް ރައްޔިތުންނާ ހަމައަށް ހާމަކޮށްދީފައިނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި ރައްޔިތުން ކަންބޮޑުވާ އެންމެ ބޮޑު ސަބަބަކީ ރައީސް ޔާމީނުގެ ފަސް އަހަރުގައި އެކަމާ ބެހޭ އެއްވެސް ވާހަކައެއް، އެއްވެސް ޕްރެސް ބްރީފިންއެއް، އެ މައްސަލައިގައި ކުރިއަށްގެންދެވުނު މިންވަރެއް އެއްވެސް ވަރަކަށް ހާމަ ކުރައްވާފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް ވިދާޅުވީ ޕަބްލިކް އޮފީހެއްގެ އެންމެ އިސް މަގާމުގައި ހުއްޓައި ލިބޭ މައުލޫމާތުތަކަކީ ގާނޫނު ބުނާގޮތުން ވެސް ހާމަނުކުރެވޭނެ ކަންތައްތައް ކަމަށާއި އަލުން އެ މައްސަލަ ތަހުގީގުކުރާ ފަރާތްތަކަށް އެ މައްސަލައިގައި ހޯދުނު މައުލޫމާތުތައް ހިއްސާކުރާނެ ކަމަށެވެ.
"އެ މައްސަލަ ވެސް ދެފުށް ފެންނަ ގޮތަކަށް އަލުން ބައްލަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ. އެ މައްސަލަ ތަހުގީގުކުރާ ފަރާތްތަކަށް އެ މައްސަލައިގައި ހޯދުނު މައުލޫމާތުތައް ހިއްސާކުރާނަން. އަޅުގަނޑަށް ލިބިފައި ހުރި ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެ،" އޭނާ ވިދާޅުވިއެވެ.
އަބްދުﷲ ރިޔާޒް އިތުރަށް ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ބެލުމަށް މަސައްކަތްތަކެއް ކުރި ކަމަށާއި ނަމަވެސް އެކަން ކުރިއަށްގެންދެވޭ ގޮތް ވަފައިނުވާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކާ ގުޅުންހުރި މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ ވެސް ކުރިއަށްނުގެންދެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ހ. ލޮބީ، ހުސައިން ހުމާމް، ކްރިމިނަލް ކޯޓު މުއްދަތު މަޖިލީހުގައި ބަޔާން ދެމުން ބުނީ އޭނާ އަފްރާޝީމަށް ކަތިވަޅިއަކުން ހަމަލާ ދިން ކަމަށް ބުނެފައިވެއެވެ. އޭނާއާއެކު ހައްޔަރުކުރި ހ. ހިކޯސްޓު، އަލީ ޝާން ބެނެޓް ވަޅިއަކުން ހަމަލާ ދިން ކަމަށް ހުމާމްގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ ކަންތައްތައް ހަވާލުކުރީ ހ. ހިލްޓަން، އަޒްލީފް ރައޫފް ކަމަށް ހުމާމް ބުނެފައިވެއެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާ އުފުލާފައިވާ ހުމާމް މަރަން ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓާއި ސްޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު، އެ މައްސަލާގައި ދެން ދައުވާ އުފުލި ޝާންގެ މައްޗަށް އެ މައްސަލަ ސާބިތުވެފައެއް ނުވެއެވެ. އެ މައްސަލައިގައި ތުހުމަތު ކުރެވުނު އަޒްލީފް ރައޫފުގެ އިތުރުން މ. ޖަރީމާގެ އަބްދުﷲ ޖާވިދާއި، މ. ޖަރީމާގެ ޝާހީން މުހައްމަދު އަދި ލ. ގަން ތުނޑި، ނޫއަލި އާދަމް ޞަލާހުއާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިނުވާތީ އެމީހުންނަށް ހުކުމެއް އައިސްފައެއް ނުވެއެވެ.