އޫއެފާ ޗެމްޕިއަންސް ލީގު

ބާސާ ކަޓުވާލުމަށްފަހު، ލިވަޕޫލް ފައިނަލަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ކަޓުވާލުމަށްފަހު، އިނގިރޭސިވިލާތުގެ ލިވަޕޫލުން ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗަށް ނުކުތް އިރު، ފުރަތަމަ ލެގު މެޗުގައި 3-0ގެ ނަތީޖާއަކުން ބާސާ އަތުން ލިވަޕޫލް ވަނީ ބަލިވެފައެވެ. ރޭ ކުޅުނު ދެވަނަ ލެގު މެޗުން ލިވަޕޫލް މޮޅުވީ 4-0ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު މެޗުގައި އަނިޔާއާ ގުޅިގެން ލިވަޕޫލްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު ސަލާހާއި ރޮބާޓޯ ފާމީނޯ ފެނިގެން ގޮސްފައެއް ނުވެއެވެ. ލިވަޕޫލުން ފައިނަލުގެ ޖާގައެއް ހޯދީ 4-3ގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ.

ރޭގެ މެޗު ފެށިތާ ހަތް މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ލިވަޕޫލުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ހަމަލާއެއް ބާސާގެ ކީޕަރު އަންދްރޭ ޓާ ސްޓެގަން ދިފާއުކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ލިވަޕޫލަށް ލީޑު ހޯދައިދިނީ ޑިވޯކް އޮރީގީއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ބްރެޒިލް ތަރި ފިލިޕް ކުޓީނިއޯ އަދި ޖޯޑީ އަލްބާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. އެ ތިން ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އެލެކްސެންޑާ އާނޯލްޑް ދިން ބޯޅައަކުން ލިވަޕޫލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޖޯޖީނިއޯ ވައިނަލްޑަމްއެވެ.

އެ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ވައިނަލްޑަމް ވަނީ އިތުރު ލަނޑެއްޖަހައި ލިވަޕޫލަށް ފައިނަލުގެ އުންމީދު އާކޮށްދީފައެވެ. ވައިނަލްޑަމް އެ ލަނޑު ކާމިޔާބުކުރީ ޒާޑަން ޝަގީރީ ނަގައިދިން ރީތި ހުރަހަކުންނެވެ.

ފުރަތަމަ ލެގުގައި ބާސާ އިން ހޯދި ލީޑު ގެއްލުމުން އެޓީމުން އަލުން ލީޑު ހޯދުމަށް މަސައްކަތްކުރަމުން ދަނިކޮށް، މެޗުގެ 79 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެލެކްސެންޑާ އާނޯލްޑް ނެގި އަވަސް ކޯނަރަކުން ލިވަޕޫލަށް ފައިނަލުގެ ޖާގަ ކަށަވަރުވި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އޮރީގީއެވެ.

ޖޫން މަހުގެ އެއްވަނަ ދުވަހު ސްޕެއިންގެ މެޑްރިޑުގައި ކުޅޭ ފައިނަލުގެ ދެވަނަ ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ މިރޭ ނެދަލެންޑްސްގެ އަޔެކްސްއާއި އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ ސެމީގެ ދެވަނަ ލެގު މެޗަށްފަހުއެވެ. ރަށުން ބޭރުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ސެމީގެ ފުރަތަމަ ލެގު މެޗުން 1-0ގެ ނަތީޖާއަކުން އަޔެކްސް ވަނީ މޮޅުވެފައެވެ. އަޔެކްސްގެ ދަނޑުގައި ކުޅޭ ސެމީގެ ދެވަނަ ލެގު މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.