ދެ ދެވަހެއްގެ ތެރޭގައި ވަގުތީ މާރުކޭޓުތައް ހުޅުވާނެ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.
"ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު މިއަދު ވިދާޅުވީ މާލެއާ ވިލިނގިލީގައި ހުޅުވަން ހަމަޖައްސައިފައިވަނީ ވަގުތީ މާރުކޭޓުތައް ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ހުޅުވާލެވެނޭ ކަމުގައެވެ. އެގޮތުން މިހާރު ޓެންޓުތައް ޖެހުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިމާރުކޭޓުތަކުގައި ވިއްކުމަށް ހަމަޖައްސައިފައިވަނީ ރާއްޖޭގެ ރަށްރަށުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައްކަމުގައެވެ.
މާރުކޭޓުތައް ހުޅުވަން ހަމަޖައްސައިފައިވަނީ މާލޭގެ ވެސްޓް ޕާކް ހިމެނޭ ޖާގައާއި އެމްޕީއެލްގެ ނޯތު ހާބަރު ހިމެނޭ ސަރަހައްދުތަކުގައެވެ. މި މާރކޭޓުތައް ހުޅުވުމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި ކާބޯތަކެތި ލިބޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.