އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއްވެސް ކުށެއް ނުކުރައްވާ ކަމަށާއި އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އެ ދެ ފަނޑިޔާރުން މިނިވަން ކުރާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ މީދޫގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން ރައީސް ޔާމީނަށް ބާރުތައް ލިބޭ ގޮތަށް ގާނޫނަށް ބަދަލުތައް ގެނައި ކަމަށާއި މާލިއްޔަތު ގާނޫނާއި ކައުންސިލްތަކުގެ ގާނޫނާއި ޖުޑީޝަރީ ފަދަ ގާނޫންތައް ބަދަލު ކުރުމަށް ފަހު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ފެއްޓެވި ކަމަށެވެ. އަދި އެކަން ކާމިޔާބު ނުވުމުން ސުޕްރީމް ކޯޓުގެ ފުރާޅު ނަންގަވާ ދެ ފަނޑިޔާރުން ހައްޔަރު ކުރި ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ދެ ފަނޑިޔާރުން މިނިވަން ކުރާނަންއިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
"އެއްވެސް ކުށެއް ކޮށްގެންނެއް ނޫން އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށްފައި އެ ހުރީ. އަޅުގަނޑުމެންގެ ސަރުކާރެއްގައި އެ ދެ ފަނޑިޔާރުން މިނިވަން ކުރާނަން،" އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަކީ ސުޕްރީމް ކޯޓުގައި ތިބި ވަކި ބަޔަކު ބޭނުންވި ގޮތަށް ކުރި ހުކުމެއް ނޫން ކަމަށާއި އެއީ އެ ކޯޓުގެ އިއްތިފާގުން ނެރުނު އަމުރެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ވެސް އެ ހާލުގައި އޮތްކަން އިބޫ ފާހަގަކުރެއްވިއެވެ.