މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު

އަބްދުﷲ ފާރޫގް ހަސަން

1

ރަށުގެ މައްޗަށް ބަލައިލުމެއް

ނޯޓު:
މިފޮތަކީ ދިވެހި ސަރުކާރުން ޔުނެސްކޯ މެދުވެރިކުރައްވައި ހޯއްދަވައިދެއްވި ފުރުޞަތެއްގައި އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރި އަޚު ޢަބްދުﷲ ޞާދިޤާ ދެމީހުން 1990 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި މަލިކަށް ކުރި ދަތުރުގައި އަޅުގަނޑު އެއްކުރި މަޢުލޫމާތުގެ އަލީގައި ލިޔެފައިވާ ފޮތެކެވެ. އަޅުގަނޑުމެން މަލިކުގައި ހޭދަކުރި މަހެއްހައިދުވަހުގެ ތެރޭގައި އަޅުގަނޑު މަސައްކަތްކުރީ ވީހައިވެސް ތަފާތު ދާއިރާތަކަކުން ގިނަ މަޢުލޫމާތުތަކެއް ޖަމާކޮށްލެވޭތޯ ބެލުމަށެވެ. އެހެންކަމުން ފޮތް ޗާޕުކުރުމުގެކުރިން އިޞްލާޙީ ނަޒަރެއް ހިންގައިލާން ޖެހޭނެކަން އަޅުގަނޑަށް އޮތީ ޤަބޫލުކުރެވިފައެވެ. އަޅުގަނޑުގެ ހިތުގައި ރާވައިފައިއޮތީ މަލިކުގެ އެކުވެރިންކުރެ އެފް.ޖީ. އާއި ކޭ.ޖީ. އާއި އަތިރީގަނޑުވަރު މުޙައްމަދުމަނިކުފާނު ފަދަ ބޭފުޅުންނާއެކު އަލުން އިއްތައިލައިގެންތިބެ މޮށެލައި އަތްދަށުން ގޮސްފައި އޮތްތަންކޮޅެއް އޮތްނަމަ ހަމަކޮށްލުމަށެވެ. ނަމަވެސް ކަންދިމާވިގޮތުން އަޅުގަނޑަކަށެއް އެފުރުސަތެއް ނުލިބެއެވެ.

މިފޮތް ލިޔެ ނިންމައިލުމަށްފަހު އަޅުގަނޑު މިފޮތް އެރުވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ އަތްޕުޅަށެވެ. މިފޮތަކީ ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްވި ޚިޔާލުފުޅަކާ ގުޅިގެން އަޅުގަނޑު ކުރި މަސައްކަތަކަށްވާތީއެވެ. އަޅުގަނޑު މިފޮތް ތަޚުސީސްކޮށްފައިވަނީ އެމަނިކުފާނަށް ކަމުގައިވާތީއެވެ.

އޮނަރަބްލް ޙަމީދު މިފޮތް ޗާޕުކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވައިގެންނެވިއެވެ. ޗާޕުކުރެއްވުމަށްޓަކައި މިފޮތް ޓައިޕްވެސް ކުރުއްވިއެވެ. ހަމައެއާއެކު މިފޮތް އިޞްލާޙުކޮށް އިތުރަށް ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުމެންނަށް މަލިކަށް ދިޔުމުގެ ދެވަނަ ފުރުޞަތެއް ހޯއްދަވައިދެއްވަންވެސް އުޅުއްވިއެވެ. ނަމަވެސް އެމަނިކުފާނު ޤައުމީ މަރުކަޒާ ދުރަށް ވަޑައިގަތުމާއެކު މިފޮތުގެ މަސައްކަތްވެސް ދުނިޔޭގެ ސުންނަތާ އެއްގޮތަށް ބަދަލުވެއްޖެއެވެ. ޚުދު އަޅުގަނޑުވެސް މިފޮތުގެމަތީން ހަނދާންވަނީ ލިޔެވިފައި ނުނެރެވި ހުރި ފޮތްތަކުގެ ލިސްޓެއް ހަދައިލުންފަދަ ކަމެއް ދިމާވާ ފަހަރުފަހަރުއެވެ.

ބައެއްފަރާތްތަކުން މިފޮތުގެ މަޢުލޫމާތު ނަކަލުކުރުމުގެ ހުއްދަ އޮވެއެވެ. އަޅުގަނޑު އެހުއްދަ ދެމެވެ. އަޅުގަނޑުގެ އެކުވެރި ޙަސަން ޝާކިރު މުޙައްމަދު ވެސް އަޅުގަނޑުގެ އާނބަސް ހޯއްދަވައިގެން ލިޔުންތެރިޔާގައި މިފޮތް ޝާއިޢުކުރެއްވިއެވެ. އެހެންކަމުން ކޮންމެވެސް ދުވަހަކުން ބަޔަކު މިފޮތް ޗާޕުކުރުމަކީ ވެދާނެކަމެކޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

މިފަހަރު އަނެއްކާވެސް މިފޮތުގެމަތިން ހަނދާންކުރީ އަޅުގަނޑުގެ ކޮއްކޮ ސިނާން ޢަލީ ޝަރީފެވެ. މިފޮތް އިޞްލާޙު ނުކުރެވުނު ކަމުގައިވިޔަސް މިފޮތުގައިވާ މަލިކުގެ ތާރީޚާ ބެހޭބަޔަށް މިވަނީ ފަތްތޫރައިގައި ޝާއިޢުކުރިވަރަށްވުރެ ތަންކޮޅެއް އިތުރުކޮށްފައެވެ. ކޮންމެއަކަސް މަލިކުގެ ތާރީޚާއި ޘަޤާފަތަށް މިފޮތަކީ ބޭނުންތެރި ފޮތަކަށްވާނެކަމާމެދު އަޅުގަނޑުގެ ހިތުގައި ޝައްކެއްނެތެވެ.

-ޢަބްދުﷲ ފާރޫޤު ޙަސަން -

**********************

އެރަށުގެ އަހުލުވެރީންގެވެސް މާދަރީބަހަކީ އަޅުގަނޑުމެންގެ މާދަރީބަހެކެވެ. އެރަށުގެ އަހުލުވެރީންނަކީ އަޅުގަނޑުމެންނާ އެއްދީނެއްގެ އެއްމަޒުހަބެއްގެ ބަޔެކެވެ. އެމީހުންގެ ޘަޤާފަތަކީ ހަމަ އަޅުގަނޑުމެންގެ ޘަޤާފަތެވެ. އެރަށުގެ މީހުންނަކީ އަޅުގަނޑުމެންނާ އެއްނަސްލުގެ ބަޔެކެވެ. އެއީ އަޅުގަނޑުމެންގެ ލެއެވެ. ޢިލްމުވެރީން އިންސާނީ ޖަމާޢަތްތަކުގެ އެއްބައިވަންތަކަން ސާބިތުކުރެއްވުމުގައި ބައްލަވާ ހުރިހާ ސިފަތަކަކާމެދު ވިސްނާއިރުވެސް އެއީ ހަމަ އަޅުގަނޑުމެންނާ ވަކިކޮށްނުލެވޭނެ އަޅުގަނޑުމެންގެ އަޚުންތަކެކެވެ. އުޚުތުންތަކެކެވެ. އެމީހުންގެ ރަށަކީ ޖިއޮގްރަފީގޮތުން ބަލާއިރު އަޅުގަނޑުމެންގެ ރާއްޖޭގެ ބައެކެވެ. އިންޑިޔާ ކަނޑުގެ ކަނޑުއަޑީގެ ޗާޓަށް ވިސްނާމީހަކަށް އެމީހުންގެ ރަށް ހިކިފައިވަނިކޮށް ފެންނާނީ، އަޅުގަނޑުމެންގެ ރާއްޖެ ހިކިފައިވާ އަށީގެ އެންމެ އުތުރުކޮޅުންނެވެ. އަޅުގަނޑުމެންގެ ކާބަފައިން ރާއްޖޭގެ ސަރަޙައްދު ފާހަގަކުރެއްވުމުގައި އެމީހުންގެ ރަށް ރާއްޖެއާ ވަތްކެއް ނުކުރައްވައެވެ. ނަމަވެސް މިއަދު އެބައިމީހުންނަކީ ދިވެހީންނެއް ނޫނެވެ. އިންޑިޔަނުންނެވެ. އެމީހުންގެ ރަށަކީ ރާއްޖޭގެ ރަށެއް ނޫނެވެ. އިންޑިޔާގެ ރަށެކެވެ. އާދެ، އެއީ މަލިކެވެ. މަލިކު މީހުންނެވެ.

އިންސާނުންގެ ވިސްނުން ނުފޯރާ ޤުދުރަތީ ސަބަބުތަކެއް ދުނިޔޭގެ ސިޔާސީ ޗާޓު އެކިއިރަށް އެކިގޮތަށް ބަދަލުކުރަމުން ގެންދެއެވެ. އިންޑިޔަން ސަބްކޮންޓިނެންޓްގައި މިއަދުވަނީ ތިންޤައުމު އުފެދިފައެވެ. ކޮރެޔާވަނީ ދެބައިވެފައެވެ. ބާރލިން އިއްޔެއާ ހަމައަށް އޮތީ މެދުން ފާރެއް ރާނާފައެވެ. ބައްޕައާއި ދަރިފުޅާ ތިބީ އެފާރުގެ ދެފަރާތުގައެވެ. މިއީ ޤުދުރަތުގެ ޤާނޫނެވެ. އެއަށް ބޯލެނބުމަކީ އިންސާނުންނަށް ލާޒިމުކަމެކެވެ. މިހަމައިގެމަތިން އަޅުގަނޑުމެން ކަންހުރިގޮތް ޤަބޫލުކުރާކަށް ފަހަކަށް ނުޖެހެމުއެވެ. ޝައްކެއްނެތެވެ. މިހާރު މަލިކަކީ އިންޑިޔާގެ ރަށެކެވެ.

ރަށުގެ ޖޯގްރަފީ

އާދެ، މަލިކަކީ މިއަދު އިންޑިޔާގެ ޔުނިއަން ޓެރެޓަރީ އޮފް ލަކްޝަދީބުގައި ހިމެނޭ ރަށެކެވެ. ލަކްޝަދީބާވެސް އަދި އިންޑިޔާއާވެސް މާދުރުގައި އޮންނަ މަލިކު އޮންނަނީ އުތުރު ޢަރުޟުން 8°.17’ އާއި އިރުމަތީޠޫލުގެ 73°.04’ އާ ދެމެދުގައެވެ. މަލިކު ހިކިފައިވަނީ ދިވެހިރާއްޖެ ހިކިފައިވާ އަށީގައެވެ. މަލިކާއި އިންޑިޔާއާ ދެމެދު މިދެންނެވި އަށްޓެއް ނެތެވެ. މަލިކުގެ ދެމޭލެއްހައި ބޭރަށް ނުކުންނައިރު އިންޑިޔާއާ ދެމެދުއޮތީ 1100 ފެދަމަށްވުރެވެސް ފުންކަނޑެވެ.

މަލިކުއަތޮޅާއި ރާއްޖޭގެ އިހަވަންދިއްޕޮޅާ ދެމެދުހުރީ ގާތްގަނޑަކަށް 70 މޭލެވެ. ލަކްޝަދީބުގެ ރަށްރަށުގެ ތެރެއިން މަލިކާ އެންމެ ކައިރިއަށްއޮތް ކަލްޕެނީއާ ދެމެދު 114 މޭލު އެބަހުއްޓެވެ. މަލިކާ އިންޑިޔާގެ ކޮއްޗެއާ ދެމެދު 215 މޭލު ހުރެއެވެ. ކާލީކޯޓާ ދެމެދު 240 މޭލު ހުރެއެވެ.

މަލިކުގެ ބޮޑުމިނަކީ 4.4 އަކަކިލޯމީޓަރެވެ. މަލިކުއަތޮޅު އޮންނަނީ ގާތްގަނޑަކަށް ކުކުޅުބިސް ބުރަށެވެ. ރަށުގެ ހުޅަނގުފަރާތުން ރަށާ ގުޅިފައިވަނީ ރަށުގެ ފަޅެވެ. މަލިކު ފަޅަކީ ވަރަށްބޮޑު ފަޅެކެވެ. ރަށުގެ ފަޅަށް ވަދެވޭއިރު ރަށުގެ ވެލި ފެންނަނީ ކިރިޔަކިރިޔާއެވެ. ފަޅުގެ މެދުތެރޭގައި ފުންވިލެއް އޮވެއެވެ. މަލިކު ފަޅަކީ ވަރަށްގިނައިން ފަރުމަސްލިބޭ ފަޅެކެވެ.

މަލިކުގެ ފަޅަށް ވަދެވޭ ހަތަރު ނެރެއް އޮވެއެވެ. އެންމެ އުތުރަށް އޮންނަ ނެރަށް ކިޔަނީ ސާލުމަގެވެ. މަލިކުސާލަކީ، އެއްވެސް ދިވެއްސަކަށް އާނަމެއް ނޫނެވެ. މަލިކުސާލުން ފުރައިގެން ދެކުނަށް ދުވަންޏާ "ވަނގާރުލާފައި ނުދާނެކަމަށް" ދިވެހި މުސްކުޅިން ބުނެއުޅެއެވެ. އެއީ އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އަލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޡަމް ދިވެހިރާއްޖޭގެ މިނިވަންކަމަށްޓަކައި ކުރެއްވި ޖިހާދުގައި ކަޅުއޮށްފުންމީގައި ވަދެނިކުމެވަޑައިގެންނެވި ކަނޑިންމައެވެ. ސާލުމަގާ ޖެހިގެން ދެން އޮންނަނީ ކަނޑިންމަމަގެވެ. ދެން އޮންނަނީ ނެރުމަގެވެ. ދެން ފޯޗަންޗޯރުމަގެވެ. ފޯޗަންޗޯރުމަގަށް ހަމައެކަނި ޗޯރުމަގޭވެސް ކިޔައި އުޅެއެވެ.

މަލިކު ފަޅުތެރޭގައި މަލިކުގެ އިތުރަށްވެސް އެހެން ކުޑަކުޑަރަށެއް އޮވެއެވެ. އެރަށަށް މަލިކުމީހުން ކިޔައިއުޅެނީ "ވިރިނގިލި" މިހެންނެވެ. މިބަހުގެ އަޞްލަކީ ވިލިނގިލިކަމަށް ފެނެއެވެ. ރާއްޖޭގައި ވިލިނގިލީގެ ނަމުން ނަންލިބިފައިވާ އެތައް ރަށެއް އޮތުމާ އެކުގައެވެ. މަލިކު ބަހުރުވައިގައި ބައެއްފަހަރު ލާމު ރާޔަށް، ރާ ލާމަށް ބަދަލުވެފައި ހުރުމާ އެކުގައެވެ. މަލިކުގައި ތިބެފައި ހިކިދިޔައިގައި ހިނގާލާފައި ވިލިނގިއްޔަށް ދެވެއެވެ.

ވިލިނގިއްޔަކީ މީހުންއުޅޭ ރަށެއް ނޫނެވެ. ނަމަވެސް އިހުޒަމާނުގައި ކަށިވިދުރިޖެހޭ މީހުން ލަނީ އެރަށަށެވެ. ކަށިވިދުރީގެ ސަބަބުން މަރުވާމީހުން ވަޅުލަނީވެސް އެރަށުގައެވެ. އެރަށުގައި ކަށިވިދުރީގެ މީހުން ވަޅުލި ޤަބުރުސްތާނުގެ ބައެއް ގާތައް އަޅުގަނޑުމެން އެރަށަށް ދިޔައިރުވެސް ހުއްޓެވެ. މިހާރު ވިލިނގިއްޔަކީ އިންޑިޔަން ނޭވީގެ ތަނެކެވެ.

ދާދިފަހަކާ ޖެހެންދެން މަލިކު ފަޅުތެރޭގައި ވިލިނގިލި ފިޔަވައި އެހެން "ރަށްގަނޑެއް" (ފިނޮޅެއް) ވެސް އޮތެވެ. ނަމަވެސް މިހާރު އެފިނޮޅުވަނީ ގިރާލާފައެވެ. އެފިނޮޅު ގިރުމުގެ ކުރިން އެފިނޮޅަށް ދަތުރު ދިޔުމަކީ (މަލިކު ބަހުރުވައިގައި ރަށްގަނޑަށް ދިޔުން) މަލިކުމީހުންގެ ވަރަށްމަޖާ ކުޅިވަރެކެވެ.

ހިކިދިޔައިގައި މަލިކުގެ ފަޅު ހިކޭއިރު ނެރުމަގުން ފެށިގެން ދެކުނަށް ރަށްގަނޑާއި (ފިނޮޅު) ވިލިނގިއްޔާއެކު ރަށުގެ ތޮށިމަތި އޮންނަނީ ރީތިކޮށް ހިކިފައެވެ. މަލިކު މީހުން ބޮޑުބޮލި ނަގައި އުޅެނީ އެތަނުންނެވެ. މަލިކު ފަޅަކީ ވަރަށްގިނައިން އެންއަރާ ފަޅެކެވެ. އެންމެ މަޝްހޫރު އެމަކީ ބޯއްޖެވެ.

(ނުނިމޭ)

އެފްޖީ، މަލިކު

ރަނގަޅު. ފޮތް ޗާޕުކުރުމަށްފަހު ކޮޕީ ލިބޭނެތޯ. ޢެފްޖީ، މަލިކު