ރޯދަމަސް

ރޯދަމަހުގެ ދެވަނަ ދުވަސް: ކަރަލާއި ކަނޑޫދޫ މިރުހުގެ އަގު ދަށްވާން ފަށައިފި

މުހައްމަދު އައުޒަމް

މިއަހަރުގެ ރޯދަމަސް ފެށިގެން އައީ ދިވެހިން އާންމުކޮށް ބޭނުންކުރާ ބާވާތްތަކުގެ އަގުތައް އަގުބޮޑުވެ އަތް ނުފޯރާފަށުގައި ހުރެގެންނެވެ.

ދިވެހިން ފަނި ގިރުމުގައި އެންމެ ގިނައިން ބޭނުންކުރާ ކަރާގެ އަގު އިއްޔެ 45ރ، 50ރ އަށް ކިލޯއެއް ހުރި އިރު މިއަދު މިވަނީ ބާޒާރުގައި ކަރާގެ އަގު ދަށްވެފައެވެ. 30ރ، 35ރ އަށް ބާޒާރުގައި މިއަދު ކަރާ ކިލޯއެއް ލިބެން އެބަހުއްޓެވެ. ވަން އޮންލައިން އަށް މައުލޫމާތު ދެމުން ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއެއް ބުނީ ރޯދަމަހުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ކަރާ ތިޔާގިވެ އަގު ދަށްވެގެން ދާނެ ކަމަށެވެ.

ރޯދަމަސް ފެށުމާއެކު އެންމެ މަޝްހޫރުވެގެން ގޮސްފައިވަނީ ދިވެހި މިރުހުގެ އަގުގެ ވާހަކައެވެ. ހާއްސަކޮށް ކަނޑޫދޫ މިރުހުގެ ވާހަކައެވެ. ރޯދަމަސް ފެށުނު އިރު ކަނޑޫދޫ މިރުހުގެ އަގު ހުރީ 1200ރ އަށް ކިލޯއެއްގެ ރޭޓުގައެވެ. އިއްޔެ ބާޒާރުގައި ކަނޑޫދޫ މިރުސް ލިބުނީ 1000ރ އަށް ކިލޯއެކެވެ. ކަނޑޫދޫ މިރުހުގެ އަގު ބޮޑު ވެގެން ދިޔައީ މިރުސް ނެތިގެން ނޫންކަމަށް ވިޔަފާރިވެރިން ދިޔައީ ބުނަމުންނެވެ. މިއަދު ވެސް ބާޒާރުގައި ކަނޑޫދޫ މިރުސް ވަކި އިތުރުވީ ކަމަކަށް ނުފެނެ އެވެ. ނަމަވެސް އަގު ވަނީ ދަށަށް ދާން ފަށައިފައެވެ. އިއްޔެ 1200ރ. އަށް ވިއްކި މިރުސް މިއަދު މިވަނީ 850ރ ،750ރ، އަށް ތިރިވެފަ އެވެ.

އިއްޔެ ބާޒާރުގައި 150ރ އަށް ކިލޯ ލިބުނު ލެޓިއުސް މިއަދު ލިބެން ހުރީ 190ރ އަށް ކިލޯ އެކެވެ. އަދި ކޮޕީ ފަތް ވެސް އިއްޔެ 10ރ އަށް ލިބުނު ބޮނޑިއެއް މިއަދު ހުރީ 15ރ އަށެވެ.

މިއަދު މެންދުރު 12:00 އެހާ އިރު ބާޒާރުގެ އަގުތައް:

1. ކަރާ 30ރ ، 35ރ ކިލޯ
2. ލެޓިޔުސް 190ރ ކިލޯ
3. ތޮޅި މިރުސް 250ރ ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 750ރ ، 850ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 40ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާށްޓެއް 5ރ އާއި 20ރއާ ދެމެދު
9. ގަބުޅި 20ރ އާއި 40ރއާ ދެމެދު
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 65ރ ކިލޯ
12. ފެޝަން ފުރުޓް 50ރ ކިލޯ
13. ބީންސް 65ރ ކިލޯ


މަސް:
14. ގޮދާ 30ރ ކިލޯ
15. ކަންނެލި 35ރ ކިލޯ
16. ބޮޑު ކަންނެލި 45ރ ކިލޯ
17. ދޮން ނޫމަސް 20ރ އަށް 4 މަސް
18. މުށިމަސް 20ރ އަށް 4 މަސް
19. މާނިޔާމަހެއް 60ރ.
20. ރިއްމަސް 20ރ އަށް 4 މަސް
21. ގިނިމަސް 30ރ.
22. ރަތްމަސް 100ރ އާއި 500ރ އާ ދެމެދު
23. ރެހި 25ރ ޖޯޑެއް