ރަމަޟާން މަހު ބާޒާރުގައި އަސާސީ އެއްޗެހި ހަމައަގުގައި ވިއްކުމަށް އައްޝައިޚު އަލީ ޒައިދު ވިޔަފާރިވެރިންނަށް އިލްތިމާސްކުރައްވައިފިއެވެ.
ރަމަޟާން މަހު އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ އަގުތައް އުފުލެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ޝައިޚު ޒައިދު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓުގައި ވަނީ ރައްޔިތުންނަށް ރަހުމު ކުރުމަށް ވިޔަފާރިވެރިންނަށް ގޮވައިލައްވައިފައެވެ.
ޒައިދުގެ ޓުވީޓުގައި ވަނީ 1200 ރުފިޔާއަށް މިރުސް ކިލޯއެއް ގަންނާނީ ކިހިނެއްތޯ ސުވާލުކުރައްވައިފައެވެ. އަދި އަމިއްލަ ފައިދާއަށް މީހުންނަށް ދަތި ނުކުރުމަށާއި ވަގުތުގެ ނާޖާއިޒު ފައިދާ ނުނެގުމަށް ގޮވައިލެއްވިއެވެ.
''ވިޔަފާރިވެރިންނޭ ހެޔޮނުވާނެ. ވަގުތުގެ ނާޖާއިޒު ފައިދާ ނުނަންގަވާ. 1200 ރުފިޔާއަށް މިރުސް ކިލޯއެއް ގަންނާނީ ކިހިނެއްތޯ. އަސާސީ އެއްޗިހި ހަމައަގުގައި ވިއްކަވާ. އަމިއްލަ ފައިދާއަށް މީހުންނަށް ދަަތި ނުކުރައްވާ. ކުރިއަށް އޮތީ ރޯދަ މަސް. ބަދު ދުއާ ޖެހިދާނެ.'' ޒައިދުގެ ޓުވީޓުގައި ވެއެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހު ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައިގައި ރައްޔިތުން ޝަކުވާ ކުރެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް ހަނދުބެލި އިރު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 15 ރުފިޔާއަށެވެ. ނަމަވެސް މިއަދު ކަރާ ކިލޯއެއް ވިއްކަނީ 45 ރުފިޔާއާއި 50 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ކަނޑުދޫ ގިތެޔޮ މިރުސް ކިލޯއެއް މިއަދު ވެސް ހުރީ 1200 އަށެވެ. ލެޓިއުސް ކިލޯއެއްގެ އަގު އިއްޔެ 150 ރުފިޔާގައި ހުރި އިރު މިއަދު ލެޓިއުސް ކިލޯއެއް ހުރީ 200 ރުފިޔާއަށެވެ.
ރޯދަމަހު ކެއުން ބުއިމަށް އާންމުކޮށް ބޭނުންކުރާ ގިނަ ތަކެތީގެ އަގުތައް ބާޒާރުގައި އުފުލެމުންދާތީ މާލޭ ސިޓީ ކައުންސިލުން މިހާރު އަންނަނީ މާލޭގެ އެކި ސަރަހައްދުތަކަުގައި މާރުކޭޓުތައް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.