ވާހަކަ

ކުރުވާހަކަ: އުފަންދުވަސް 01

"މިހާރު ސަބަބުވެސް އެނގިއްޖެއެއްނު. ދެންވެސް އަހަންނަށް ރަނގަޅީ މަށަށް ނުގުޅިއްޔާ" މަދީހާ ވާހަކަދެއްކީ ނުރުހުމުގެ ރާގަކަށެވެ.

"އެކަމަކު ތިއީ ހާދަ ގަބޫލުކުރަން ދަތި ވާހަކައެކޭ. މަދީހާއާ ރައްޓެހިވުމަށްފަހު އަހަރެން ޝިހުނާއާ އެއްވެސް ގުޅުމެއް ނުބާއްވަން. އެހެންނޫނަސް މަދީހާ ފިޔަވާ އެހެން މީހަކާ ދޭތެރޭ ވިސްނުމަކީވެސް އަހަރެން ބޭނުންވާ ކަމެއްނޫން،" ޝާހިދުގެ ވާހަކައިގައި އެކުލެވިފައިވަނީ ހިތާމަވެރިކަމެވެ. މާޔޫސްކަމެވެ. މަދީހާގެ ލޯބި ހާސިލް ކުރުމަށް މިހާ ދުވަސް ވަންދެން ކުރި މިންނެތް މަސައްކަތަކީ އެއްވެސް އަގެއް ނެތް މަސައްކަތެއް ކަމުގެ އިހްސާސްތައް އޭނާއަށް ކުރެވެމުންދިޔައެވެ.

އިތުރު ވާހަކައެއް ނުދައްކައި މަދީހާ ފޯނު ބޭއްވިއެވެ. ޝާހިދުގެ ހިތަށް އިތުރުތަދެއް އިހްސާސް ވެގެން ދިޔައެވެ. މަދީހާގެ ލޯތްބާ ނުލާ އުޅޭނީ ކިހިނެއް ބާވައޭ ހިތަށްއެރިއެވެ. އޭނާގެ ހުރިހާ ހުވަފެންތަކަކާއި އުއްމީދުތަކެއް ގުޅިފައިވަނީ މަދީހާއާއެވެ. މަދީހާގެ ލޯބި ހާސިލް ކުރުމަށްޓަކައި ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޭނާ ކޮށްފައި ނުކުރަނީވެސް ކޮންކަމެއް ހެއްޔެވެ؟ ތަކުރާރުކޮށް އެތައް ފަހަރަކު އެލޯތްބަށް އެދި އާދޭސްކުރިއެވެ. ރަށުންބޭރުގައި ހުއްޓަަސް އެއްގޮތުން ނޫނީ އަނެއްގޮތަކުން މަދީހާއަށް ގުޅާލުމަކީ ޝާހިދަށް މިދުނިޔެމަތީގައި ލިބޭނެ އެންމެ ބޮޑު އުފާ ކަމުގައި އޭނާ ދުށްޓެވެ. އެނޫން އެއްވެސް މަގުސަދެއް އޭނާގެ ހަޔާތުގައި ނެތް ކަހަލަ އެވެ.

*******************************************

ޝާހިދަށް މަދީހާގެ ލޯބި ހާސިލްވީ އޭނާ ނުވެސް ވިސްނައި ހުއްޓައެވެ. އެއީ ހުކުރުދުވަހެކެވެ. ޝާހިދު ގެއިން ނިކުތީ ހުކުރަށްދިޔުމަށްޓަކައެވެ. އޭރު ގާތްގަނޑަކަށް މެންދުރު ބާރަޖަހާ ބޮޑު ވެއްޖެއެވެ. ޝާހިދު އަބަދުވެސް ހުކުރަށްދަނީ އިސްލާމީ މަރުކަޒަށެވެ. ޝާހިދުމެންގެ ގެ ހުންނަނީ މައްޗަންގޯޅީގައެވެ. އެހެންދުވަސް ދުވަހެކޭ އެއްފަދައިން އެދުވަހުވެސް ޝާހިދު ގެއިން ނިކުމެގެން މިސްރާބު ޖެހީ ސީދާ ހެންވޭރު ދަނޑާ ދިމާއަށެވެ. އެއީ އަބަދުވެސް އޭނާ ހުކުރަށް ދިއުމަށް ހިޔާރުކުރާ މަގެވެ. ސަބަބަކީ މަދީހާ އުޅޭ ގެ ހުންނަނީ ހެންވޭރު ދަނޑުކައިރީ ކަމަށް ވާތީއެވެ. ޝާހިދު ހުކުރަށް ދަނީ މަދީހާ އުޅޭ ގޭ ދޮރުމަތިން ލައިފައެވެ. މަދީހާމެން ގޭގެ ދޮރުމައްޗަށް އަރައި އެގެ ފަސްދީ މާދުރަށް ނުދެވިގެން އުޅެނިކޮށް މަދީހާ ގޮވާލި އަޑު ޝާހިދަށް އިވުނެވެ. އެއަޑާއެކު ޝާހިދުގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ވިންދު އަވަސްވެގެން ދިޔައެވެ.

"ޝާހިދު! މިކޮޅަށް އައިސްދީފާނަންތަ؟" އެއީ މަދީހާ އެހާ ލޯތްބާއެކު ޝާހިދުއާ މުހާތަބުކުރި ފުރަތަމަ ފަހަރެވެ. ޝާހިދަށް ސައިކަލުމަތީގައި އިންގޮތަށް އިނދެވުނީއެވެ. ދޮރުމަތީގައި ފަރި ހިނިތުންވުމަކާ އެކު ހުއްޓިގެން ސީދާ ޝާހިދުއާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި މަދީހާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެއީ ކޮންފަދަ ޖާދުވީ ހިތްގައިމު ބެލުމެއްހެއްޔެވެ. އެ އަޑުގައިވަނީ ކޮންފަދަ ހިތްދަމައިގަންނަ މަސްތީ ގޮތެއް ހެއްޔެވެ؟ ހެދި ފުރިހަމަވެފައިވާ އެހަށިގަނޑާ ދިމާއަށް އޮޅިގެން ނަމަވެސް ނަޒަރު ހުއްޓައިލެވިއްޖެ މީހަކަށް އެހެން ދިމާއަކަށް ބަލައިލަން ހަނދާން ނެތިފައި ކިތަންމެ ގިނައިރަކު ވެސް ހުރެވިދާނެއެވެ.

އެއް އަތް ދޮރުކަނީގައި ވިއްދާލައިގެން އަނެއް އަތް އުނަގަނޑުގައި ވިއްދާލައިގެން މަޑު ނޫކުލައިގެ ހެދުމެއްގައި މަދީހާ އެހެން ހުންނައިރު ކުރެހުން ތެރިޔަަކަށްވެސް އެމަންޒަރު ސިފަކުރުން އުނދަގޫވާނެއޭ ޝާހިދުގެ ހިތަށްއެރިއެވެ. އާނއެކެވެ! އެއީ ރީތީގެ ދެވަނަ ނަމެވެ. އެހާވެސް ފުރިހަމަވެފައި ޗާލެވެ.

"ތިހިރީ ހިތްހަމަނުޖެހިފަތަ؟" ދެންވެސް ވާހަކަދެއްކީ މަދީހާއެވެ. ޝާހިދު ދިޔައީ ސިއްސައިގެންނެވެ. "އަހަރެންނަށް އާދެވޭނީ ވަށާލާފަ" ޝާހިދު އިޝާރާތްކުރީ 'ވަންވޭ' އަށެވެ. އެއީ މަދީހާމެންގެ ފަސްދީ އަނެއްމަގުން ބަޔަކަށް އޭނާއަށް ދެވިފައިވުމާއެކު އެތަނުގައި ޕާކްކުރާނެ ތަނެއް ނެތީމައެވެ. "އެންމެ ރަނގަޅު" މަދީހާގެ މިޖަވާބަށް މާބޮޑު އިންތިޒާރެއް ކުރުމަކާވެސް ނުލައި ޝާހިދު ޖެހިގެން އޮތް ގޯޅިން ސައިކަލު އަޅުވާލިއެވެ. އަދި މަޖީދީމަގުން އަނބުރާލާފައި އައިސް މަދީހާމެންގޭ ދޮރުމައްޗަށް ހުއްޓާލިއެވެ.

"ކިހިނެއްތަ؟" ޝާހިދަށް މަދީހާއާ މުހާތަބުކުރެވުނީ ވެސް ވަރަށް ހިތްވަރުންނެވެ. އެހެންނަމަވެސް މިއިން ދުވަހަކުވެސް އޭނާއަށް ލިބިފައިނުވާ ފަދަ ހިތްހަމަޖެހުމަކާއި އުފަލެއް އޭނާގެ ހިތަށް އެވަގުތު ވެރިވަމުން ދިޔައެވެ. "މިއީ އަހަރެން ޝާހިދަށް ދޭން ބޭނުންވެފަ އޮތް ހަދިޔާއެއް" މަދީހާ ދިއްކޮށްލީ ސިޓީއުރައެކެވެ.

"މިއަދު ހުކުރަކަށްވެސް ނުދަންތަ؟" ޝާހިދު ސިޓީއުރަ ކަނޑާލަން ދިމާކުރުމުން ޅަގޮތަކަށް މަދީހާ ބުނެލިއެވެ. ހުކުރު މަތިން ޝާހިދު ހަނދާންވީ އެވަގުތުއެވެ. "ފަހުން ގުޅާނަން" ޝާހިދު އަވަސްވެގަތީ މިސްކިތާ ދިމާއަށް ދިއުމަށެވެ.

ހުކުރުންއައިސް މެންދުރުގެ ކެއުމަށްވުރެ ކުރިން ޝާހިދު އެސިޓީ ކިޔާލިއެވެ. އެއީ ޝާހިދު މި ހުރިހާ ދުވަހު ކުރި ދިގު އިންތިޒާރުގެ ނިމުމެވެ. އެދުވަހަކަށްޓަކައި އެތައް ހުވަފެންތަކެއް ޝާހިދު ދެކެމުން އައި ދުވަހަކީ އެއީއެވެ. އެއީ މަދީހާގެ ލޯބި ކާމިޔާބުކުރުމުގައި އޭނާއަށް ފަތަހަ ލިބުނު ދުވަހެވެ. އޭނާދެކެ ލޯބިވާ ވާހަކަ ވަރަށް ސާފު ފޮނި އިބާރާތްކޮޅަކުން މަދީހާގެ އެސިޓީގައި ލިޔެފައިވެއެވެ. އެސިޓީ ކިޔައި ނިމުމުން ޝާހިދުގެ ހިތް އުފަލުން ފުރުނެވެ. އޭނާއަށް އެ ސިޓީ ބޭއިހުތިޔާރުގައި ނަގައި މޭގައި ޖައްސައިލެވުނެވެ. އަދި އެތައް ފަހަރަކު އެސިޓީގައި ބޮސްދެމުންދެވުނެވެ.

ޝާހިދުގެ ހަޔާތަށް ބަހާރު މޫސުން އައީ އެވެ. ދުވަސްތަކާއި ރޭތަކުގައި އެކިތަންތަނުގައި އެދެލޯބިވެރިންގެ އެތައް ބައްދަލުވުންތަކެއް ބޭއްވެމުންދިޔައެވެ. ލޯބީގެ ވައުދުތަކާއި އެތައް ހުވާތަކެއް ކުރެވުނެވެ. ދުވަހަކުވެސް އެކަކު އަނެކަކަށް އޮޅުވާނުލުމާއި އަބަދުވެސް އެކުގައިވުމަށް އެތައް ހުވަފެންތަކެއް ދެކެމުން ދިޔައެވެ.

މިފަދަ އުފާވެރި ކަމާއެކު ކުރިއަށްދިޔަ ލޯބީގެ ގުޅުމަށް ކުއްލިގޮތަކަށް ހުއްޓުންއެރީ މަދީހާގެ 22 ވަނަ އުފަންދުވަހުއެވެ. އެދުވަހު ޝާހިދު މަދީހާއަށް ވަރަށް ރީތި އުފަންދުވަހުގެ ކާޑެއް ފޮނުވި އެވެ. މަދީހާގެ އުފަންދުވަހު ޝާހިދުގެ ގެއަށް މަދީހާ އައުމަށް ދައުވަތު ދޭ ވާހަކަ އެ ކާޑުގައި ލިޔުނެވެ. ލޯބި ލޯބި އިބާރާތްތަކުން އޭނާގެ ހިތުގެ އިހްސާސްތައް އެ ކާޑުގައި ފަވައިލިއެވެ. އެއަށްފަހު އެކާޑު ޝާހިދުގެ އޮފީހުގައި އުޅޭ ކުއްޖެއްގެ އަތަށް ދިނުމަށްފަހު މަދީހާމެންގެ ގެއަށް ފޮނުވާލިއެވެ. އެއީ އޭނާ ހުދު އެގެއަށް ނުދާންވެގެން ނޫނެވެ. ނަމަވެސް އަމިއްލަ އޮފީހުގެ މަސައްކަތްތައް ހުރި ގޮތުން އޮފީހުން ނިކުންނާނެ ވަގުތެއް ނުވެގެންނެވެ.

ކަންތައްވީ ޝާހިދު ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އެދުވަހަށްފަހު މަދީހާ އޭނައާ އެއްގޮތަކަށްވެސް ވާހަކައެއް ނުދެއްކިއެވެ.

***************************************

ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި މިއަދު ނޫނީ މަދީހާ އޭނާއާ ވާހަކައެއް ނުދައްކައެވެ. މިއަދުވެސް މަދީހާ އޭނާއާ އެވާހަކަ ދެއްކީ އުނދަގޫ ބޮޑުވެގެން ނޫން ބާވައޭ ޝާހިދުގެ ހިތަށް އެރިއެވެ. މަދީހާ އޭނާއަށް ޖަވާބުދިނީ ވަރަށްވެސް ކުރުކޮށެވެ.

"މިހާރު ބުނެފީމެއްނު އަހަރެންމީ މީހެއްގެ އަންބެކޭ. ޝާހިދު އަހަރެންނަށް ހެދީ މުޅިން މަކަރު. ޝާހިދު ބުނީމެއްނު ޝިހުނާއަކާ ތިމަންނަ މިހާރު ގުޅުމެއް ނުބާއްވަމޭ. އެކަމަކު އެއީ ހުސްދޮގު. އޭނާގެ އުފަންދުވަހަކީ އަހަރެންނާ އެއް ދުވަހަަކަށް ވުމުން ޝާހިދަށް އަހަރެންނަށް އޮޅުވައިނުލެވުނީ. އަހަރެންނަށް އޮޅުވައިލަން އުޅުމުގެ ތެރޭގައި ޝާހިދަށް އޮތީ އޮޅިފަ. ޝާހިދު އަހަރެންގެ އުފަންދުވަހު ފޮނުވާފަ އޮތީ ޝިހުނާއަށް ފޮނުވަން ތައްޔާރުކުރި އުފަންދުވަހުގެ ކާޑު" މަދީހާ ފަތިވަރު އަމުނާލީ ވަރަށް ހިތްހަމަނުޖެހި ހުރެއެވެ. ޝާހިދުގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާވެސް ނުލައި އޭނާ ފޯނު ބޭއްވީއެވެ.

ޝާހިދުގެ ވިސްނުން ސުމަކަށް ދިޔައެވެ. އޭނާވިސްނާލިއެވެ. މަދީހާ ދެއްކި ވާހަކަތަކާ މެދުގައެވެ. އެވާހަކަތަކަކީ ހަމަގައިމުވެސް ހަގީގަތެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް މަދީހާ އެވާހަކަތައް ދެއްކުމުގައި ކޮންމެވެސް ސަބަބެެއް އޮންނާނެ ކަމަށް އޭނާގެ ހަވަނަ ހިއްސު އޭނާގެ ސިކުނޑިއަށް ވިސްނައިދިނެވެެ. އޭނާގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދިޔައެވެ.

(ނުނިމޭ)