އުރީދޫ މޯލްޑިވްސް އިން ގާއިމުކޮށްފައިވާ ފައިބަ އޮޕްޓިކް ނެޓްވޯކުން އިންޓަނެޓުގެ ހިދުމަތް ފުވައްމުލަކު ސިޓީއަށް ތައާރަފްކޮށްފިއެވެ.
އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރުގެ އެހީގައި، ފުވައްމުލަކަކީ މިހާރު ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށް ވެފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.
އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބާ އެހީގައި ސުޕަނެޓް ފައިބަރު ބްރޯޑްބޭންޑް ފުވައްމުލަކުގައި އިއްޔެ ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލްއެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދާއި ފުވައްމުލަކުގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޖީބު ހާން ވިދާޅުވީ ފުވައްމުލައް ސިޓީއަކީ، ރާއްޖޭގެ އެންމެ ދެކުނުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބު ކަމަށާއި، މި ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، އުރީދޫ ގިގަބިޓް ކޭޕަބަލް ފައިބަރު ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، ލިބުނު ވަރަށް ވެސް ބޮޑު އުފަލެއް ކަމުގައެވެ.
ޓެކްނޮލޮޖީ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުނެއެވެ.