ރޯދަމަސް

ކަރާ ކިލޯއެއް 45އަށް، ގިތެޔޮ މިރުސް 1000އަށް އަދި ލެޓިޔުސް ކިލޯއެއް 150 އަށް އަރައިފި

3

މާދަމާ ރޯދަ މަސް ފެށޭ އިރު، ބާޒާރުގައި ބައެއް ތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް މައްޗަށް އަރައިފި އެވެ.

ދިވެހީން ރޯދަ ވީލާ ގަޑިޔަށް ފަނިގިރަން އެންމެ އާންމުކޮށް ބޭނުންކުރާ ކަރާގެ އަގު މިފަހަރު ވަނީ ފާއިތުވި އެއްވެސް ރޯދަ މަހަކު ނާރާ ވަރަށް މައްޗަށް އަރައިފަ އެވެ. އެ ގޮތުން އިއްޔެ 30 ރުފިޔާއަށް ކަރާ ކިލޯއެއް ލިބެން ހުރި ނަމަވެސް މިއަދު ކަރާ ކިލޯއެއްގެ އަގު ވަނީ 45 ރުފިޔާއަށް އުފުލިފަ އެވެ. ކަރާގެ އަގާ ގުޅޭ ގޮތުން، "ވަން އޮންލައިން"ގެ ނޫސްވެރީންނާ ވާހަކަދައްކަމުން ތޮއްޑޫ ދަނޑުވެރީން ބުނީ މާލެއަށް ކަރާ ގެނެވޭ މިންވަރު އަދި ތަންކޮޅެއް މަދު ކަމަށާއި ކުރިޔަށް އޮތް ދުވަސްތަކުގައި ގިނައިން ގެންނަން ފެށުމުން އަގު ދަށަށް ދިއުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

"ގިނައިން ގެންނަން ފެށީމަ ކޮންމެވެސް ވަރަކަށް އަގު ދަށަށް ދާނެ. އެކަމަކު ކުރީގެ ރޯދަމަސްތަކުގައި ލިބުނު އަގުގައި ލިބޭނެއޭ ބުނާކަށް ނުކެރޭނެ." ކަރާ ވިއްކަން މިއަދު ހެނދުނު މާރުކޭޓުގައި އިން މީހަކު ބުންޏެވެ.

ރޯދަމަސް ފެށުމުގެ ދުވަސްކޮޅެއް ކުރީން އާންމުކޮށް 300 ރުފިޔާ އާއި 450 އާ ދެމެދުގެ އަގުތަކެއްގައި ހުރި ދިވެހި ގިތެޔޮ މިރުހުގެ އަގުވެސް މިހާރު ވަނީ ދެގުނައަށް ވުރެ ވެސް ބޮޑުވެފަ އެވެ. މީގެ މަހެއްހާ ދުވަސް ކުރީން ބޮޑުވަމުން އައިސް، މިއަދު ދިވެހި ގިތެޔޮ މިރުސް ކިލޯއެއް ލިބެން ހުރީ 950 އަށް އަދި 1000 އަށެވެ. މީގެ 10 ވަރަކަށް ދުވަސް ކުރީން 650 އާއި 700 އާ ދެމެދުގެ އަގުތަކުގައި ގިތެޔޮ މިރުސް ލިބެން ހުއްޓެވެ. މާލެއަށް އެންމެ ގިނައިން ގިތެޔޮ މިރުސް ގެންނަ ތ. ކަނޑޫދޫ ދަަނޑުވެރީން ބުނީ ހޫނު މޫސުމުގައި ދަނޑުތައް ވަރަށް ބޮޑަށް ހަލާކުވުމާ ގުޅިގެން މި ފަހަރުގެ ރޯދައަށް މިރުސް ހެއްދުނު މިންވަރު ވެސް ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކުގައި މިރުހުގެ އަގު ކޮންމެެވެސް ވަރަކަށް ދަށަށް ދާނެ ކަމަށް ބުންޏެވެ.

އަގުގެ ގޮތުން ބަލާ އިރު، ލެޓިއުސް ވެސް ލިބެން ހުރީ ބޮޑު އަގުގަ އެވެ. ލެޓިޔުސް ކިލޯއެއް މިއަދު ލިބެން ހުރީ 150 ރުފިޔާއަށެވެ.

މިއަދު ހެނދުނު 11:00 އެހާ އިރު ބާޒާރުގެ އަގުތައް:

1. ކަރާ 45ރ ކިލޯ
2. ލެޓިޔުސް 150ރ ކިލޯ
3. ތޮޅި މިރުސް 200ރ ކިލޯ
4. ގިތެޔޮ މިރުސް 1000ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 50ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާށްޓެއް 8ރ އާއި 20އާ ދެމެދު
9. ގަބުޅި 30 އާއި 40އާ ދެމެދު
10. ކުރުނބާ 20 އަދި 25ރ
11. ފޭރު 65ރ ކިލޯ
12. ފެޝަން ފުރުޓް 50ރ ކިލޯ
13. ބީންސް 60ރ ކިލޯ
14. މުރަނގަތޮޅި 45ރ ކިލޯ

މަސް:
15. ގޮދާ 50ރ ކިލޯ
16. ކަންނެލި 35ރ ކިލޯ
17. ދޮން ނޫމަސް 20ރ އަށް 4 މަސް
18. މުށިމަސް 20ރ އަށް 3 މަސް
19. ބޯވަދިލަމަހެއް 100ރ
20. މާނިޔާމަހެއް 40ރ.
21. ރިއްމަސް 20ރ އަށް 4 މަސް
22. ގިއުޅެއް 50ރ.
23. ހަންޖެއް 100 އާއި 200އާ ދެމެދު
24. ރަތްމަސް 100ރ އާއި 150 އާ ދެމެދު