ތާރީޚު

އެންމެފަހުން ހުންނެވި ކަންނަންނޫރު އަލީ ރާޖާ މިއަދު އަވަހާރަ ވެއްޖެ

އިބްރާހިމް ޒަކީ

1

އެންމެފަހުން ހުންނެވި ކަންނަންނޫރު އަލީ ރަޖާ މިއަދު އަވަހާރަ ވެއްޖެއެވެ.

އަލީ ރާޖާ ދަރިކޮޅަކީ ކުރީޒަމާނުގައި ރާއްޖެއާ އެކި ގޮތްގޮތުން ގުޅުން ބޭއްވި ދަރިކޮޅެކެވެ. އަލީ ރާޖާ އެ ލަގަބަކީ، ކަންނަންނޫރުގައި އޭރު ރަސްކަންކުރި އިރު އެފަހަރަކު ރަސްކަމުގައި ހުންނަވާ ބޭފުޅަކަށް ނަގުލުވަމުން އަންނަ ލަގަބެކެވެ. ނަމަވެސް މިހާރު ރަސްކަން ނެތްނަމަވެސް އެމަގާމަށް ރަމްޒީގޮތުން ބޭފުޅަކު އިސްކޮށް އެލަގަބު އަންނަނީ ނަގުލު ކުރަމުންނެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، ސުލްތާން އަރައްކަލް ފާތިމަތު މުތު ބީވީ އަވަހާރަވެފައިވަނީ އުމުރުފުޅުން 86 އަހަރުގައި ކަމަށެވެ. ކަންނަންނޫރަކީ، އިންޑިއާގެ ކެރެލާގެ އުތުރުގެ ޑިސްޓްރިކްޓް ތަކުގެ ތެރެއިން ޑިސްޓްރެކްޓެކެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެގައުމަށް މިނިވަންކަން ލިބުމުގެ ކުރިން، ކަންނަންނޫރު އަލީ ރާޖާއަކީ ކަންނަންނޫރު ޓައުނާއި ލަކްޝަދީބުގެ ބައެއް ހިމެނޭ ގޮތަށް ބާރުގަދަ ވެރިކަމެއް ކުރަމުން އައި، ރަސްކަލުންތަކެއް ކަމަށެވެ. ނަމަވެސް އިނިްޑިއާއަށް މިނިވަންކަން ލިބުނުފަހުން "އަލީ ރާޖާ" ބޭނުން ކުރަމުން އަންނަނީ އެ މަގާމަށް އައްޔަންކުރާ މީހަކަށް ދޭ ލަގަބެއްގެ ގޮތުގައެވެ.

ރާއްޖޭގެ ތާރިހީ އިލްމުވެރިއެއް ކަމުގައިވާ އިޔާސް ނަސީމް (ވަން އޮންލައިން) އަށް މިއަދު ވިދާޅުވީ، ކަންނަންނޫރު އަލީ ރާޖާއަކީ ރަސްމަތިފުށުން މިހާރުވެސް އެއާއިލާގައި އެވަގުތަކު އެމަގާމަށް އައްޔަންކުރާ މީހަކަށް ދެމުން އަންނަ ލަގަބެއް ކަމަށެވެ.

"އެއީ ކުރީގެ ރަސްކަމުގެ އާއިލާއެއް، ނަމަވެސް މިހާރުވެސް އިންޑިއާގެ ސަރުކާރުން އެ ލަގަބު ދީފަ އޮންނަނީ، އަދި އެ އިހުތިރާމްވެސް ދީފަ އޮވޭ، އެގޮތުން އެހިސާބުގައި ކަމެއް ބާއްވާނަމަ ޝަރަފްވެރިމެހުމާނުކަން ދިނުން ފަދަ ކަންތައްތައްވެސް އޮވޭ،" އިޔާޒް ވިދާޅުވިއެވެ.

"އަލީ ރާޖާ" ލަގަބަކީ އަންހެނަކަސް ފިރިހެނަކަސް އެ މަގާމަށް އައްޔަންކުރާ މީހަކަށް ހަމަޖެހިފައި އޮންނަ ލަގަބެކެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ، މިއަދު އަވަހާރަވި ކަންނަންނޫރު އަލީރާޖާ ސުލްތާން އަރައްކަލް ފާތިމަތު މުތު ބީވީ އަލީރާޖާކަމަށް އިސްކުރެވުނީ، އެކަމަނާގެ ކުރިން އެމަގާމުގައި ހުންނެވި އެކަމަނާގެ ދައްތާފުޅު ކަންނަންނޫރު އަލީރާޖާ ސުލްތާން ޒައިނަބު އައިޝާ ބީވީ އަވަހާރަވުމާ ގުޅިގެން 1 ޖުލައި 2018ގަ އެވެ.