ހެރިޓޭޖް މިނިސްޓްރީގެ މުވައްޒަފުން އިސްވެ މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.
އިއްޔެ ފަށައިގެން ކުރިއަށް ގެންދާ އެ މަސައްކަތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންވަނީ ބައިވެރިވެވަޑައިގެންފައެވެ. މިނިސްޓަރުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަހްމަދު މުހުސިން އާއި ކަލްޗަރަލް ހެރިޓޭޖް މެނޭޖަރު އަހްމަދު ހާޝިމް އާއި ރިސާޗް އެނަލިސްޓް އަލާ ދީދީ އާއި ނާޖިހު މުހައްމަދު އާއި އެންވަޔަރަންމެންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް މުހައްމަދު ޒާހިރު އާއި މާފަންނު މެދު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން އާއްމު ރައްޔިތުންވެސް މިމަސައްކަތުގައި ބައިވެރިވި ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.
ހެރިޓޭޖް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިއީ ރަމަޟާން މަހާ ދިމާކޮށް މާލޭ ހުކުރު މިސްކިތުގެ ހަރިންމަ ފާރުގައި ކުލަ ލައި، ގަބުރުސްތާނު ސާފުކޮށް، ވަޅުދިޔަ ހިއްކައި ވެލިލުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިހަރަކާތް މިއަދުވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.