އިސްލާމިކް މިނިސްޓްރީ

ކަދުރު ބަހާނީ ފުރަތަމަ ފަގީރުންނަށް، އޭގެ ފަހުން ކުރިން ދާ މީހަކަށް އިސްކަންދޭނެ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ރަމަޟާން މަހު ދިވެހި ރައްޔިތުންނަށް ބެހުމަށް ސައޫދީ އަރަބިއްޔާއިން ފޮނުވި 50 ޓަނު ކަދުރު ބެހުމުގައި ފުރަތަމަ އިސްކަން ދޭނީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އޭގެ ފަހުން ފުރަތަމަ ދާ މީހަކަށް އިސްކަން ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސައޫދީ ސަރުކާރުން ހަދިޔާ ކުރި ކަދުރު ބެހުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް ގެޒެޓުގައި ބުނެފައިވަނީ، މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ، އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު ބެލުމަށްފަހު، 2018 ވަނަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއް ޕަކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ.

އެގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި އެގޮތުގެ މަތިން ކޮންމެ ގޭބިސީއަކަށް ދޭނީ އެއް ޕަކެޓް ކަދުރު ކަމަށް ބުނެފައިވެއެވެ.

އަދި ސައޫދީ އަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 30 ޕަކެޓް ކަދުރު ކަމަށް ބުނެފައިވެއެވެ.

ނަމަވެސް ކުރިއަށްއޮތް ތަނުގައި ހެޔޮއެދޭ ދައަލަތްތަކުން ކަދުރު ލިބޭ މިންވަރަކުން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބީސީއެއްގެ ސައްހަކަން އަންގައިދޭ ލިޔުމެއް ގެނައުމުން، އެ ލިޔުމުގެ ސައްހަކަމަށް ބެލުމަށްފަހުއެވެ. ސައޫދީން ފޮނުވި ކަދުރު ހުސްވި އޭޕްރީލް މަހުގެ 30ގައި ވަނީ އެމިނިސްޓްރީއާ ހަވާލުކޮށްފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ގޭބީސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެ ގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ. އަދި ކަދުރާ ހަވާލުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަން ޖެހޭނެއެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށާއި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ދޫކުރާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:45 އިން 13:00 އަށް، އަދި 1440 ވަނަ އަހަރުގެ ރަމަޟާން މަހު ހެނދުނު 9:30 އިން 12:00 އަށް ކަމަށެވެ. އެހެންކަމުން ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުން ފޮނުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ކަދުރު ބަހާނީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ބުނެފައިވެ އެވެ.