ފޮރިން މިނިސްޓްރީ

ލަންކާގައި މީހުން އެއްވެ އުޅޭ ތަންތަނަށް ދިވެހީން ދިއުން އަދިވެސް ރަނގަޅެއް ނޫން: ފޮރިން މިނިސްޓްރީ

މިދިޔަ މަހުގެ 21ގައި ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގައި އުޅޭ ދިވެހިން އަދިވެސް، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ރަނގަޅު ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތު ދެއްވަމުން، ފޮރިން މިނިސްޓްރީގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ ހަމަލާތައް މިހާރު ނުދިން ނަމަވެސް ދިވެހިންނަށް މީގެ ކުރިން އިލްތިމާސްކޮށްފައިވާ ގޮތަށް އަމަލުކުރަން އެދޭ ކަމަށެވެ.

އެގޮތުން ރޭގަނޑު ބޭރުގައި ނޫޅުމަށާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި އެގައުމުގައި އުޅޭއިރު ގާނޫނުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

މީގެއިތުރުން މިއުވާން ވިދާޅުވީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު ލަންކާގެ ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން ތިން ދިވެއްސަކު އަދިވެސް ތިބީ ބަންދުގައި ކަމަށާއި އެމީހުންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ބަންދުގައި ހުރި ދެމީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހުގެ 10ގައި ކޯޓަށް ހާޒިރު ކުރާއިރު ހައްޔަރުގައި ހުރި އަނެއް މީހާގެ ބަންދާ މެދު ގޮތެއް ނިންމަން މިމަހުގެ ހަވަނަ ދުވަހު ކޯޓަށް ގެންދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ލަންކާގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 250 އަށްވުރެ މައްޗަށް އަރާފައިވާ އިރު، ބަލައި ފާސްކުރުމުގެ ޚާއްސަ އޮޕަރޭޝަނުގެ ދަށުން އެތައް ސަތޭކަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެއްޗާއި އެތަކެތި އުފައްދާން ބޭނުންކުރާ ސާމާނުވެސް ވަނީ ލަންކާގެ އެކި ސަރަހައްދުތަކުން ހޯދައިފަ އެވެ.

މި ހަމަލާއާ ގުޅިގެން ލަންކާގެ ސްކޫލުތައް ބަންދުކޮށްފައިވާތީ ގިނަ އަދަދެއްގެ ދިވެހީން ވަނީ އެނބުރި ރާއްޖެވެސް އައިސްފަ އެވެ. މިހާރު މައުލޫމާތު ލިބޭ ގޮތުގައި މި މަހުގެ ހަވަނަ ދުވަހު ލަންކާގެ ގިނަ ސްކޫލުތައް ހުޅުވަ އެވެ. އަދި ކޮންމެ ސްކޫލެއްގައި ފުލުހަކު ބަހައްޓަން ވެސް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.