ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް

މިނިވަން އަދި ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް މީޑިއާ މިނިވަންވެ ބާރުވެރިވާން ޖެހޭ: މިނިސްޓަރު މަލީހު

މިނިވަން އަދި ބާރުވެރި މުޖުތަމައެއް ބިނާކުރުމަށް މީޑިއާ މިނިވަންކޮށް ބާރުވެރިކުރުވަން ޖެހޭނެ ކަމަށް މިނިސްޓަރު އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ޔުނެސްކޯއިން އިންތިޒާމުކޮށްގެން އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ކޮންފްރެންސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކައިގަ އެވެ.

މިނިސްޓަރު މަލީހުގެ ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި، ޑިމޮކްރެސީއެއް ދިރުވައި ކުރިއެރުވުމަށް ޓަކައި މީޑިއާ ދިރުވައި ކުރިއަރުވަން ޖެހޭނެ އެވެ. މީޑިއާ އަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ޑިމޮކްރެސީއެއްގެ ހަތަރު ވަނަ ބާރުކަން ފާހަގަކުރައްވަމުން މަލީހު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މީޑިއާއަށް އެމީހުންގެ ހައްގު މަގާމު ހޯދއިދޭނެ ކަމަށެވެ.

"ސަރުކާރުގެ މޫނު ބަލާ ލޯގަނޑަކީ މީޑިއާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ. ސަރުކާރުގެ ހިންގުން ޒިންމާދާރުކޮށްދެނީ މީޑިއާއިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ. ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމު ކުރިޔަށް ދާއިރު، އިތުބާރު ކުރެވޭ ޕާޓްނަރެއްގެ ގޮތުގައި މީޑިއާ އޮތުމާ އެކު މުޖުތަމައުގައި މީޑިއާއަށް ލިބެން ޖެހޭ ހައްގު މަގާމު ލިބޭނެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން." މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މަލީހުގެ ވާހަކައިގައި އިތުރަށް ވިދާޅުވީ ޒަމާނީ ތަރައްގީއާ އެކު ޓެކްނޯލޮޖީ ކުރިއަރައިގެން އަންނަ އިރު، މީޑިއާވެސް އެއާ އެއްހަމައިގައި ފައިހަމަކޮށް ކުރިއަރައިގެން އަންނަން ޖެހޭނެ ކަމަށާއި އެކަމަށް ޖާގަދީ މަރުހަބާވެސް ކިޔަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު މަލީހު އިތުރަށް ވިދާޅުވީ ޑިޖިޓަލް މީޑިއާގެ އާ ޒަމާނެއް އަޅުގަނޑުމެން ދެކެމުން އަންނަ އިރު، އެޔާ ފައިހަމަކުރެވޭނެ ގޮތަށް އަޅުގަނޑުމެންގެ ގާނޫނު ތަކާއި ގަވައިދުތައް ވެސް ހަދަން ޖެހޭ ކަމަށެވެ. އެ ގޮތުން ސައިބަ އަދި ސޯޝައަލް މީޑިއާ ގާނޫނާއި ޑިޖިޓަލް މުއާމަލާތްތަކާ ބެހޭ ގާނޫނު އަދި ޑޭޓާ ހިމާޔަތްކޮށްދޭ ގާނޫނު ފަދަ ގާނޫނުތަކުގެ ބޭނުންތެރިކަން ބޮޑުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑިޖިޓަލް މީޑިއާ މިހާ ބާރަށް ކުރިއަރައިގެން އަންނަ އިރު، މީޑިއާއާ ގުޅިފައި ހުރި ޒަމާނީ ވަސީލަތްތަކާ އެކު ޓެކްނޯލޮޖީގެ ބޭނުން ހިފާއިރު، އެ މީޑިއާތަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭނެ ގާނޫނީ އޮނިގަނޑުގެ ބޭނުންތެރިކަން އިންތިހާއަށް މި އޮތީ ބޮޑުވެފަ. ރައްޔިތުންނާއި މީޑިއާތަކަށް ވެސް ފުރިހަމަ ހިމާޔަތެއް ހޯދައިދެވޭނީ އެ ފަދަ ގާނޫނީ އޮނިގަނޑެއް އޮވެގެން. އެކަން އަވަސްކުރުމަށް އަޅުގަނޑު މި އަންނަނީ މަސައްކަތް ކުރަމުން." މިނިސްޓަރު މަލީހު ވިދާޅުވި އެވެ.