ސިއްހަތު

ރޯލާ ކޯސްޓާ ދުއްވައިގެން ކިޑްނީގައި އުފެދޭ ހިލަ ނައްތާލެވޭ

މުހައްމަދު އައުޒަމް

ކިޑްނީގައި ހިލަ އުފެދުން ކަހަލަ ބަލިތަކުގައި ދުވަސްތައް ހޭދަކުރަމުންދާ މީހުން ތީމް ޕާކްތައް ބޭނުން ކުރުމުން ބަލިން ފަސޭހަވުން އަވަސްވާނެ ކަމަށް އެމެރިކާގެ ޕްރޮފެސަރުންތަކެއް ކުރި ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރު ޑޭވިޑް ވާޓިންގާ ބުނެފައިވާގޮތުން އެމީހުން މި ދިރާސާ ކުރުމަށް މަގުފަހިވީ އޭނާގެ ބަލިމީހެއްގެ ފަރާތުން ފެނުނު އާދަޔާ ހިލާފު ކަމަކުންނެވެ.

ޕްރޮފެސަރު ޑޭވިޑްގެ މި ބަލިމީހާ ޗުއްޓީ ހޭދަކުރުމަށް ފްލޮރިޑާގެ މަޝްހޫރު ތީމް ޕާކް 'ވޯލްޓް ޑިސްނީ ވޯލްޑް' ގައި ޗުއްޓީ ހޭދަކުރުމަށްފަހު އައިއިރު ކުރިން އޭނާގެ އެއް ކިޑްނީގައި އުފެދިފައި ހުރި ހިލަ ނެއްޓިފައިވާ ކަމަށެވެ. އަދި އޭނާއަށް ބޮޑަށް ލަފާކުރެވެނީ ވޯލްޓް ޑިސްނީގައި ހުންނަ ބިގް ތަންޑާ މައުންޓަން ރައިޑް ކިޔާ ރޯލާކޯސްޓަރއަށް ގިނައިން އެރުމުން ވީ ކަމެއް ކަމަށެވެ.

ޕްރޮފެސަރު ޑޭވިޑް ވަނީ ބަލިމީހާގެ ތަޖުރިބާއަށް ބެލުމަށްފަހު ސިލިކަން ބޭނުންކޮށްގެން ކިޑްނީ ނިޒާމެއް އުފެއްދުމަށްފަހު އާޓިފިޝަލް ކިޑްނީ ހިލައެއް ލައްވައި ޑިސްނީގައި ހުންނަ ބިގް ތަންޑާ މައުންޓަންގައި ދަތުރުތަކެއް ކޮށްފައެވެ. ބިގް ތަންޑާ މައުންޓަން ރައިޑްގައި ދަތުރުކުރާއިރު ކުއްލި ކުއްލިއަށް މައްޗަށް ދިއުމާއި ތިރިއަށް ދިއުމުގެ އިތުރުން ބާރު ދުވެލީގައި ދަތުރުކުރުމުން އެއީ ބުރަބޮޑު ދަތުރަކަށްވާ ކަމަށް އޭނާ ހާމަކުރިއެވެ.

ޕްރޮފެސަރު ޑޭވިޑްގެ ޓީމުން މިކުރި ދިރާސާ ވަރަށް ކާމިޔާބެވެ. މި ދިރާސާއަށް ވަނީ މެޑިސިންގެ ދާއިރާއިން މިއަހަރު 'އައިޖީ ނޯބެލް އެވޯޑް' ލިބިފައެވެ.