މިނިސްޓަރު ފައްޔާޒް އިސްމާއީލް

އެންމެ ކުޑަ މުސާރަ ކަނޑައަޅާނީ މަސައްކަތްތެރީންނާއި އިންޑަސްޓްރީގެ މަޝްވަރާއާ އެކު: މިނިސްޓަރު ފައްޔާޒް

ވަޒީފާ އަދާކުރާ މަސައްކަތްތެރީންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައަޅާނީ މަސައްކަތްތެރީންނާއި ވަޒީފާދޭ ފަރާތްތައް ހިމެނޭ އިންޑަސްޓްރީތަކާ ވެސް މަޝްވަރާކުރުމަށް ފަހު އިގުތިސޯދަށް ލޮޅުން ނާންނާނެ ގޮތަކަށް ވިސްނަވައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މަސައްކަތް ކުރާ މުވައްޒުފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރަށް ލަފާ ދެއްވުމަށް "މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ އެކުލަވައިލައްވައިފަ އެވެ. އިންޑަސްޓްރީން ދެ މީހަކާއި މަސައްކަތްތެރީންގެ ތެރެއިން ދެ މީހަކާއި ސަރުކާރުން އެކަކު ތަމްސީލުވާ ގޮތަށް އެބޯޑު އެކުލަވައިލައިފައިވާ އިރު، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރީންގެ ދުވަސް ކަމަށް ވާ އިރު، މިއަދާ ދިމާކޮށް އެ ބޯޑު އެކުލަވައިލެއްވުމަކީ ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށެވެ.

"ވަން އޮންލައިން"އަށް މިއަދު ދެއްވި އިންޓަވިއުއްގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ ވެގެން ލިބޭނެ މުސާރައެއް ކަނޑައެޅުމަކީ އެމަނިކުފާނަށް އޮތް އެންމެ ބޮޑު އެއް ޗެލެންޖު ކަމަށާއި އެއީ ލުއިލުއިކޮށް ކޮށްފައި ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށެވެ.

"އެންމެ ކުޑަ މުސާރައޭ ބުނީމަ އަދަދެއް އަދި ޖެހިޔަކަސް ކަމަކު ނުދާނެ. އެއަށްވުރެ ބޮޑަށް ދިރާސާ ކުރަން ޖެހޭނެ. ވަޒީފާދޭ އެންމެނަށް ވެސް ދެވޭނެ އަދަދަކަށް އެ އަދަދު ވާން ޖެހޭނެ. މިސާލަކަށް ބުނާ ނަމަ ރަށްރަށުގައި މަސް ކައްކައިގެން އަވީލާ މީހާއަށް އޭނާ ގެންގުޅޭ މަސައްކަތު މީހާގެ މުސާރަ ދެވޭނެ އަދަދަކަށް އެ އަދަދު ވާން ޖެހޭނެ. ހެދިކާ ހަދައިގެން ވިއްކާ ރަށު މީހާއަށް ވެސް އޭނާ ގެންގުޅޭ މަސައްކަތު މީހާއަށް ވެސް ދެވޭނެ އަދަދަކަށް އެ އަދަދު ވާން ޖެހޭނެ. އަދި ހަމަ އެ އަދަދު އެބަ ޖެހޭ އެކަށީގެންވާ އަދަދަކަށް ވެސް ވާން. އެހެންވީމަ މި ހުރިހާ ގޮތަކުން ބެލެންސް ވާ ގޮތަކަށް ގެންދިއުން ވިސްނުމަކީ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ހަމަ މިހެން ތިބެފަ ޖަަހައިލެވޭ އަދަދަކުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ލޮޅުން އަރައި ބައެއް އިންޑަސްޓްރީތައް އެއްކޮށް އުވިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެން ކަމުން މި ކަމުގައި ބައިނަލް އަގުވާމީ ފަރާތްތަކުގެ ތަޖުރިބާއާއި ފަންނީ ލަފާ ބޭނުންކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ސަރުކާރުން ބޭނުން ވަނީ މިކަން ކުރާ އިރު، މަސައްކަތްތެރީންނާއި އިންޑަސްޓްރީތަކުގެ ހައްގުވެސް ހިމާޔަތްވެ، އެކަށީގެންވާ އަދަދަކަށް އެންމެ ކުޑަ މުސާރަ ހަމަޖެހިގެންދާން. އެހެންވެ މި ކަމުގައި ގިނަ ދިރާސާތަކެއް ކުރާން ޖެހޭ. އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، (އައިއެލްއޯ)ގެ އެހީތެރިކަމަށް ސަރުކާރުން އެދުމުން އެފަރާތުން މިހާރު ވަނީ މި ކަމުގައި އަޅުގަނޑުމެންނަށް ބޭނުންވާ ލަފަޔާއި ފަންނަނީ އެހީތެރިކަން ދޭން އެއްބަސްވެފަ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ހަމަ ކުއްލިއަކަށް ތިބެފަ ދިރާސާއަކާ ވެސް ނުލައި، މުސާރަތަކަށް ބަދަލު ގެނެސް ވަކި ވަރެއް ދޭން ނިންމުމަކީ އޭގެން ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެއް ކަމަށެވެ. އެގޮތުން މިހާރު ހުރި ބައެއް ކަހަލަ ވަޒިފާތައް އެއްކޮށް ނެތިގެން ދިއުމުގެ ބިރު ވެސް އޭގެން އޮންނާނެ ކަމަށާއި އެ ހުރިހާ ކަމަކީ ވެސް ފުންކޮށް ވިސްނަން ޖެހޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެޖެންޑާ 19ގެ ދަށުން އެމްޑީޕީން ވެސް އަދަދުތަކެއް ކިޔާ ކަމަށާއި އާ މަޖިލިސް ފެށުމުން އެ ޕާޓީން ވެސް އެ އަދަދުތަކާ ގުޅޭ ގޮތުން ސަރުކާރާ އެކު މަޝްވަރާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ މި މަސައްކަތް މިހާރު ވެސް ބޭނުންވެވަޑައިގަންނަވާ ވަރަށް ވުރެ ލަސްވެފައިވާ ކަމަށާއި އެހެން ނަމަވެސް ސަރުކާރުން ބޭނުންވަނީ ރަނގަޅު ދިރާސާތަކެއް ކޮށް އެންމެ ރަނގަޅު ގޮތުގައި މިކަން ކުރާން ކަމަށެވެ.