ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފުތަރު މި އަހަރުގެ ތެރޭގައި އެކުލަވައިލައްވާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މެއި ޑޭ) ގެ މުނާސަބަތުގައި މަސައްކަތްތެރިންނަށް ތަހުނިޔާ ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ދަފުތަރު މި އަހަރުގެ ތެރޭގައި އެކުލަވައިލާނަން. ހެޔޮ ބަދަަލުތައް މުޅި ސިނާއަތަށް ގެންނާނީ އެންމެން އެކީގައި،" ކަމަށެވެ.
މެއިޑޭގެ މުނާސަބަތުގައި ރައީސުލް ޖުމްހޫރިއްޔާ އާއި ސަރުކާރުގެ މިނިސްޓަރުންގެ އިތުރުން މަސައްކަތުުގެ ދާއިރާގެ އިސް ފަރާތްތަކުން ގެންދަވަނީ މިއަދުގެ މުނާސަބަތުގައި ތަހުނިޔާ އާއި މުބާރަކް ބާދީ ފޮނުވަމުންނެވެ.
މެއިޑޭގެ ތަހުނިޔާ އާއެކު، މަސަކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދިނުމަށްޓަކައި "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު"، ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެކުލަވައިލައްވައިފައެވެ.
ރައީސުލް ޖުމްހުރިއްޔާގެ އޮފީހުން ބުނީ، ފގާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްތައްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާ ގޮތް ބަލައި ދެނެގަތުމަށާއި، އެ ތަންތަނުގައި މަސަކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭ ގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި އުފައްދާފައިވާ "މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު"، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އެކުލަވައިލައްވައިފިކަމަށެވެ.
އެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ، ގ. ސިލްވަރުގެ މަރްޔަމް ހާލިދާ، އާއި މއ. މާންދޫގެ އިބްރާހީމް ނޫރައްދީން، އާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހް، އާއި ހއ. ހޯރަފުށި ޗާނދަނީގެ އަލީ އާދަމްގެ އިތުރުން ބ. ކެންދޫ ދާއިރާއިން މައުރޫފް ޒާކިރުއެވެ.