މަސައްކަތްތެރިންނަށް ދޭންޖެހޭ އުޖޫރަ އާއި މުސާރައާ ބެހޭގޮތުން ލަފާދިނުމަށް، ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހާއްސަ ބޯޑެއް އެކުލަވާލައްވައިފިއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލް އަގުވާމީ މަަަސައްކަތްތެރިންގެ ދުވަހުސް (މެއިޑޭ) ގެ މުނާސަބަތުގައި، ރައީސުލް ޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މެއިޑޭ އާ ދިމާކޮށް، މަސައްކަތް ކުރާ މުވައްޒުފުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރަށް ލަފާ ދެއްވުމަށް "މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑު" މިއަދު އެކުލަވާލުމަކީ ލިބިވަޑައިގެންނެވި ވަރަަށްބޮޑު އުފާފުޅެއް ކަމަށެވެ.
މިނިސްޓަރަށް ލަފާދިނުމަށް އުފެއްދެވި ފަސް މެންބަރުންގެ މި ބޯޑުގެ ޗެއާމަން އަކީ ގ. ސިލްވަރުގެ މަރިޔަމް ހާލިދާ އެވެ. އެ ބޯޑުގައި ދެން ހިމެނި ވަޑައިގަންނަވާ ހަތަރު މެންބަރުންނަކީ، މއ. މާންދޫ އިބްރާހިމް ނޫރައްދީން އާއި ހ. ސީސްސައިޑް މުހައްމަދު އަލީ ޖަނާހް އާއި ހއ.ހޯރަފުށީ ޗާންދަނީގެ އަލީ އާދަމްގެ އިތުރުން ބ. ކެންދޫ ދާއިރާއިން މަައުރޫފް ޒާކިރެވެ.
މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އެކުލަވައިލެއްވި ބޯޑާބެހޭގޮތުން މިނިސްޓަރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވީ، ބޯޑު އެކުލަވާލައިފައިވަނީ ވަރަށް ބޮޑު ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި އެ ބޯޑުގެ މަސައްކަތުގެ ތެރެއިން ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނަށް ވެސް ހަމަހަމަ އަދި ފައިދާވާ ނިންމުންތައް ނިންމޭނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެ ބޯޑު އެކުލަވާލައްވާފައިވަނީ، ވަޒީފާދޭ އިންޑަސްޓްރީތަކުގެ ދެ މެންބަރުންނާއި، މަސައްކަތްތެރީން ތަމްސީލު ކުރައްވާ ދެ މެންބަރުންނާއި، ސަރުކާރު ތަމްސީލު ކުރައްވާ މެންބަރެއްގެ ހިމެނޭގޮތަށް ކަމަށެވެ.