ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން: ރައީސް

ހަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚިތާބުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ އިންސާނަކަށް ވީތީ ކޮންމެ މީހެއްގެ ކޮނޑުގައި ވެސް އެޅިފައިވާ ފަރުދީ އަދި އިޖުތިމާއީ ވާޖިބެއް ކަމަށެވެ. ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ މަސައްކަތެއް ނުކޮށް ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް މިހާރުވެސް ރާއްޖޭގައި އެބަތިބި ކަމަށާއި އެކަން އެހެން އޮތްއިރު ތަފާތު މަސައްކަތްތައް ކުރުވުމަށް ކޮންމެ އަހަރަކު ވެސް އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެންނަ ކަމަށެވެ.

ދިރިއުޅުމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަމިއްލައަށް އުފުލުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ޒުވާނުން ގަބޫލުކޮށް ކޮންމެވެސް މަސައްކަތަކުން އާމްދަނީ ހޯދަން ތެދުވުމަކީ މިފަދަ ދުވަހެއް ފާހަގަކުރާއިރު އަޒުމް ކަނޑައަޅަންވީ އެއް ކަންތައް ކަމަށް ރައީސްގެ ޚިތޯބުގައި ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ބިދޭސީން ކުރަމުންދާ މަސައްކަތްތަކާ ދިވެހީން ހަވާލުވުމަކީ ގައުމުގެ އިގުތިސޯދަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެއީ ރާއްޖޭން ބޭރުވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ނާޖާއިޒު ގޮތުގައި ސިޔާސީ ބާރާއި ނުފޫޒު ބޭނުންކޮށް މީހުން ވަޒީފާއިން ވަކިކުރުމާއި ވަޒީފާ އަދާކުރާ ތަން ބަދަލުކުރުމަކީ މިދިޔަ އަހަރުތަކުގައި މަސައްކަތްތެރީން ކުރި އެންމެ ހިތްދަތި ތަޖުރިބާ ކަމަށެވެ. އެފަދަ މީހުންގެ ވަޒީފާ އަލުން އިއާދަކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށައިގެން ކުރަމުން އަންނަ ކަމަށް ރައީސްގެ ޚިތޯބުގައި ވިދާޅުވި އެވެ.

ނުޙައްގުން ވަޒީފާއިން ވަކިކުރުމުގެ 300 އަށްވުރެ ގިނަ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މައްސަލަ ނިންމާފައިވަނީ، އެމީހުންނަށް އަލުން އަނބުރާ ވަޒީފާ ދިނުމަށް ކަމަށް ވެސް ރައީސް ގެ ޚިތޯބުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަޒީފާގެ ބާޒާރަށް ވީހާ ގިނަ ދިވެހީން ނެރުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުމެވެ. ގާނޫނީ އޮނގަނޑުގެ ތެރެއިން އެކަން ކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަށައިގަތުމުން އެ މަސައްކަތް ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިރިއުޅުމަށްޓަކައި ބުރަ އުފުލަނީ އުފަލާއި އަރާމުގައި ދިރިއުޅުމުގެ ބޭނުމުގަ. މިއަދަކީ އެ ބުރަ އުފުލުމަށްފަހު އުފާ ފާޅުކޮށް އަރާމު ކުރުމުގެ ދުވަސް. ހުރިހާ މަސައްކަތްތެރީންނަށް ވަރަށް ފާގަތި ވަރަށް ބާއްޖަވެރި ދުވަސްތަކަކަށް އަޅުގަނޑު އުއްމީދުކުރަން." ރައީސް ސޯލިހުގެ ޚިތޯބުގައި ވިދާޅުވި އެވެ.