ނައިބު ރައީސް ފައިސަލް ނަސީމް

ގައުމެއް ކުރިއަރައި ދަނީ ހީވާގި މަސައްކަތްތެރިންގެ މަތިވެރި ހިދުމަތުން: ނައިބު ރައީސް

މަރިޔަމް ޝަހުދާ

ގައުމެއް ކުރިއަރައި ދަނީ ހީވާގި މަސައްކަތްތެރީންގެ މަތިވެރި ހިދުމަތުންކަން ކަށަވަރު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މި ޓުވީޓު މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންނަށް ނައިބު ރައީސް ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވަވައިފައެވެ. އަދި ވަޒީފާގެ ފުރުސަތު ހައްގު ގޮތުގައި ހުރިހާ އެންމެނަށް ލިބެންޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު މެއި އެއްވަނަ ދުވަސް މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނައިރު، މިއަދުގެ މުނާސަބާގައި ރައީސް ސޯލިހު ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާދޭ ބޯޑެއް މިއަދު އެކުލަވައިލައްވައިފަ އެވެ.