ކޮލަމް

ޖެނަރަލް ސީސީއަކީ ކޮންބޭކަލެއްތޯއެވެ.

އަބްދުﷲ ފާރޫގް ހަސަން

2

މިފަހަރު އަޅުގަނޑު ގަލަން މިނެގީ ފަހަކަށް އައިސް މިސުރުގެ ތާރީޚުގައި އުފެދުނު ހަމައެކަނި އިސްލާމީ ސަރުކާރު އަސްކަރީ ބަޣާވާތަކުން ވައްޓައިލި ޝަޚްސިއްޔަތާމެދު އެއްޗެއް ދަންނަވާލުމަށެވެ. ހިތެއްފިތެއް ނެތި އެތަކެއްހާސް މުސްލިމުންގެ ލޭބޮއިފައިވާ ޑްރެކިއުލާ ޖަނަރަލް ސީސީ އަކީ ކާކުކަން ބަޔާން ކުރުމުގެ ގޮތުން ފޮޅުވަތްތަކެއް ލިޔެލުމަށެވެ. މިކަމަކީ އެއް ނަޒަރަކުން ބަލާއިރު މޫސުން ފަސްވެފައިވާކަމެކެވެ. އޭނާގެ ގޮށްމުށު ބާރުގެ ދަށުގައި މިސްރުގެ އިޚްވާނުން ހަފުސްކުރަމުން ގެންދާތާ އަހަރުތަކެއްވެފައިވާތީއެވެ. ނަމަވެސް އަނެއްކާވެސް މިދުވަސްވަރަކީ އޭނާގެވާހަކަ ދައްކައިލަން އެންމެ ރަނގަޅުދުވަސްވަރެއް ކަމުގައި ދެކެމެވެ. އޭނާގެ ރިޔާސީ ދައުރު ދިގުދަންމައިލުމުގެ ވާހަކަ ތަކެއްދެކެވެވުންދާ ދުވަސްވަރަކަށް ވުމާއެކުގައެވެ. އެހެންކަމުން އޭނާގެ ޙަޤީޤަތް ހާމަކޮށްލުމަކީ އަޅުގަނޑުގެ ނަޒަރުގައި އެހައި މުނާސަބު ނޫންކަމެކޭވެސް ނުބުނެވޭނެއެވެ.

ޖަނަރަލް ސީސީގެ މަންމަޔަކީ މުރާކިޝީ ނަސްލުގެ ޔަހޫދީ އަންހެނެކެވެ. ސީސީގެ މަންމަ މަލީކާ ތީތާނީ ޖަނަރަލް ސީސީގެ ބައްޕަޔާ ކާވެނިކުރީ 1953ގައެވެ. އޭނާ ސީސީ ވިހެއީ 1954 ގައެވެ. މުރާކިޝްގެ ރަށްވެހިކަމާއެކު މަލީކާއަށް މިސްރުގެ ރަށްވެހިކަން ލިބުނީ 1958 ގައެވެ. ނަމަވެސް1973 ގައި މަލީކާވަނީ މުރާކިޝްގެ ރަށްވެހިކަން ދޫކޮށްލައިފައެވެ. އޭނާގެ ދަރިފުޅު އައްސީސީ އަށް މިސުރުގެ ސިފައިންގެ ތެރެއަށް ވަނުމުގެ ދޮރުހުޅުވައިދިނުމަށްޓަކައެވެ.

ޖަނަރަލް ސީސީގެ ޙަޤީޤީ މާބެ (މައިފުށުގެ ބޮޑުބޭބެ) ޢައުރީ ސަބާޣު އަކީ އިސްރާއިލް އުފެދުމަށްފަހު 1951 ނެ 1968 އާ ހަމައަށް އިސްރާއީލުގެ ތައުލީމާއި ތަރުބިއްޔަތާބެހޭ ވަޒީރެވެ. އޭނާވަނީ އިސްރާއީލުގެ ބައެއް އެހެނިހެން މަތީ މަގާމުތައްވެސް ފުރައިފައެވެ. އެނގިވަޑައިގަންނަވާނެފަދައިން ޔަހޫދިއްޔަތަކީ ތަބްލީޣުކުރާ ދީނެއްނޫނެވެ. ޔަހޫދީން ޔަހޫދީއަކު ކަމުގައި ބަލަނީ ޔަހޫދީ މައިންގެ ދަރިންނެވެ. ޖަނަރަލް ސީސީ އާބެހޭގޮތުން މިޙަޤީޤަތް ހާމަވުމަށްފަހު އަރަބީންގެ މުހައްލިލުންނާއި، ދުނިޔޭގެ ދީންތަކުގެ މާހިރުންގެ އެތައްބަޔަކު މިހާރު ވިދާޅުވަނީ ޖަނަރަލް ސީސީ އަކީ ޔަހޫދީއެއްކަމުގައެވެ.

ދުނިޔެއަށް ހާމަވެފައިވާ މޯސާޑުގެ ސިއްރު ރިޕޯޓެއް ގައި ވާގޮތުން 1948 އަށްފަހު އިސްރާއިލުންވަނީ އެބައިމީހުންގެ ޖާސޫސުންގެ ތެރެއިން ކުލަފަތި އެތައް އަންހެނުންނަކާއި ފިރިހެނުންނެއް އަރަބި ޤައުމުތަކަށް ފަތުރައިފައެވެ. އެމީހުންނަށް އަންގައިފައިވަނީ އަރަބީންނާ ކާވެނިކުުރުމަށެވެ. ލިބޭދަރިންނަށް މަތީ ތައުލީމުދީ ސަރުކާރުގެ އިސްމަޤާމުތައް ހޯދައިދިނުމަށެވެ. ޚާއްސަގޮތެއްގައި ސިފައިންގެ ތެރެއަށް ވެއްދުމަށެވެ. އިސްރާއިލާމެދު ކުލުނުހުންނަ ބަޔަކު ސިވިލްސާވިސްގައްޔާއި ސިފައިންގެ ތެރޭގައި އުފައްދައި އިސްރާއީލުގެ މަސްލަހަތުތައް ޙިމާޔަތްކުރުމަށްޓަކައެެވެ.

އަރަބި ދުނިޔޭގެ މަޝްހޫރު ވެބްސައިޓެއްކަމުގައިވާ " އަލްމުސްތަޤްބަލުލް އަރަބީ " އިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. މިސުރުގެ ވަޒީރުއްދިފާޢު އަދި ހަތިޔާރުއެޅި ލަޝްކަރުތަކުގެ ވެރިޔާ ޖަނަރަލް އަބްދުލް ފައްތާހު އައްސީސީ އާބެހޭގޮތުން ފާޅުވެ އެނގިފައިވާގޮތުގައި އޭނާގުޅިފައިވަނީ މުރާކިޝްގެ ވަރަށް މަޝްހޫރު ޔަހޫދީ ޚާންދާނަކާއެވެ. ޖަނަރަލް ސީސީގެ މަންމަ މަލީކާ އަކީ ވަރަށް މަޝްހޫރު ޔަހޫދީ ހާންދާނެއްކަމުގައިވާ ސިބާޣުގެ މެމްބަރެކެވެ. އެއީ ވަރަށް ތަނަވަސް އަދި ދީންވެރި ޔަހޫދީ ޚާންދާނެކެވެ. އިސްރާއިލް އުފެދުމާއެކު އެޚާންދާނުގެ ވަރަށް ގިނަމީހުން ވަނީ އިސްރާއީލަށް ދިރިއުޅުން ބަދަލުކޮށްފައެވެ. ނަމަވެސް "ޚާއްސަ މަގުސަދެއްގައި " މަލީކާ ބަދަލުވީ މިސުރަށެވެ. އެނުފޫޒުހުރި އަރަބި ޔަހޫދީ ޚާންދާނަށް އިސްރާއިލުން ވަރަށް ޚާއްޞަ އިނާޔަތްތަކެއް ދިނެވެ. ޖަނަރަލް ސީސީގެ މާބެ ޢައުރީޞިބާޣު އިސްރާއިލަށް ބަދަލުވީ 1951 ގައެވެ. އޭރުއްސުރެ 1968 އާހަމައަށް އޭނާވަނީ އިސްރާއީލުގެ މަތީ މަޤާމުތައްފުރައިފައެވެ. އޭނާއާ އެންމެ ފުރަތަމަ ހަަވާލުކުރެވުނީ ދިފާއީ ވުޒާރާގެ މުހިއްމު މަޤާމެކެވެ. އެއަށްފަހު އޭނާވަނީ އިސްރާއީލު ރައްޔިތުންގެ މަޖްލިސް މެމްބަރުކަމާއި ތައުލީމާއި ތަރުބިއްޔަތުގެ ވަޒީރުކަން ކޮށްފައެވެ. އޭނާ މަރުވިއިރު އޭނާހުރީ އިސްރާއީލުގެ ޔަހޫދީ އިމާމެއްކަމުގައެވެ.

އަލްމުސްތަޤްބަލުލް އަރަބީ އިން ބަޔާންކުރާގޮތުގައި ޢައުރީޞިބާޣު އަކީ ވަރަށް ތައުލީމީ މީހެކެވެ. މުރާކިޝްގައި އޭނާ ދިރިއުޅުނު ދުވަސްވަރު އޭނާވަނީ މުރާކިޝީ ޔަހޫދީންގެ ބައިނަލްއަޤުވާމީ ޖަމާއަތެއްކަމުގައިވާ " ހާމާޖީން " ގެ މެމްބަރުކަމަށް އިންތިޚާބުވެފައެވެ. އަދެ، ޔަހޫދީންގެ މިއަރާހުރި ދީނީ އަދި ސިޔާސީ ޝަހްޞިއްޔަތުގެ އުޙުތު މަލީކާ ތައިތާނީ އަކީ ކުރިން ވެސް ދެންނެވިފަދައިން ޖަނަރަލް ސީސީގެ މަންމައެވެ.

ރިޕޯޓުގައިވާގޮތުން މަލީކާގެ އެދުމަކީ އޭނާގެ ދަރިފުޅު ސީސީ މިސްރުގެ ސިފައިންގެ އޮފިސަރަކަށްވުމެވެ. އެކަމާހުރެ އޭނާހުރީ މޮޔަވެފައެވެ. މިސްރުގެ އަސްކަރީ ޤާނޫނު އޮންނަގޮތުން މަލީކާގެ މުރާކިޝީ ރަށްވެހިކަންވެފައި އޮތީ ސީސީ ސިފައިންގެތެރެއަށް ވަނުމަށްއޮތް ހުރަހަކަށެވެ. އެހެންކަމުން މަލީކާ އޭނާގެ މުރާކިޝީ ރަށްވެހިކަން ދޫކޮށްލިއެވެ. ޖަނަރަލް ސީސީ އަށް ސިފައިންގެ ތެރެއަށް ވަދެވުނީ 1973 ގައެވެ. ރިޕޯޓުގައި ވާގޮތުން ޖަނަރަލް ސީސީގެ ގާތްފަރާތްތަކުން މައުލޫމާތުދޭގޮތުގައި ޖަނަރަލް ސީސީގެ "މޫތައް" ވަނީ ޔަހޫދިއްޔަތާ ގުޅިފައެވެ. އެކުވެ ލާމެހިފައެވެ. ޚުދު އޭނާ ޔަހޫދީންނާ ގާތްކަން ބާއްވައެވެ. އޭނާ މުނިއަަވަސްފިލުވަނީ ޔަހޫދީންނާއެކުގައެވެ.

އޯޑާސްޓީ ނިއުސް ޚަބަރު ދީފައިވާގޮތުން ޖަނަރަލް ސީސީ ޑޮކްޓަރ މުރުސީގެ ސަރުކާރު ވައްޓައިލުމުގެ ކުރީން އޭނާވަނީ އިސްރާޢީލާ މަޝްވަރާކޮށްފައެވެ. ސީސީ އޭނާގެ ބަޣާވާތުގެ ތިންދުވަސްކުރީން ވަނީ އޭނާ ބަޣާވާތް ކުރާނެ ދުވަސްވެސް އިސްރާޢީލަށް އަންގައިފައެވެ. މިދެންނެވި ރިޕޯޓުގައި ވާގޮތުން ޔަހޫދީ ފަސްމަންޒަރެއްގެ ބޭކަލެއްކަމުގައިވާ ޖަނަރަލް ސީސީއަށް ދިފާއީވަޒީރުކަމާއި މިސްރުގެ ސިފައިންގެ ކޮމާންޑަރ އިން ޗީފްކަން ދެއްވީތީ ޑޮކްޓަރ މުރުސީއަށްވެސް ފާޑު ކިޔުންތަށް އަމާޒުވިއެވެ. ބައްލަވާން ޖެހޭވަރަށް ނުބައްލަވައި ޖަނަރަލް ޠަންޠާވީ މަގާމުން ދުރުކުރައްވައި ސީސީ އަށް އެމަގާމު ދެއްވައިފައިވާކަން ބަޔާން ކޮށްފައެވެ.
ޑޮކްޓަރ މުރުސީއަށް ކިޔެމުންދާ ފާޑުކިޔުންތަކާގުޅޭގޮތުން އިޚްވާނުލް މުސްލިމީންގެ ފަރާތުން މައްސަލަ ސާފުކޮށްދިނުމުގެ ގޮތުން ވަނީ ބަޔާނެއްދީފައެވެ. އެބަޔާނުގައި ވާގޮތުން ޑޮކްޓަރ މުރުސީއަށް އިންތިޚާބު ކާމިޔާބު ކުރެއްވިދާނެކަމުގެ ލިސާންތައް ފެންނާން ފެށުމާއެކު ޖަނަރަލް ސީސީ ވަނީ އޭނާއަކީ އިސްލާމީ އުސޫލުތަކުގައި ވަރުގަދަޔަށް ހިފަހައްޓާ ތެދުވެރި އަސްކަރީ އޮފިސަރެއްކަން ހާމަކުރުމަށްޓަކައި ވަރަށްގިނަ ކުޅިތަކެއް ކުޅެފައެވެ. މުރުސީގެ ލޯފުޅުގައި އަނދުން އެޅުވުމަށްޓަކައެވެ. އެެގޮތުން އޭނާ އެންމެފުރަތަމަ ކުރިކަމަކީ ވިކިޕީޑިއާގައި އޭނާގެ ޕްރޮފައިލްގައި އޭނާއަކީ އިޚްވާނުލް މުސްލިމީންގެ ބާނީ ޝަހީދު ހަސަނުލް ބަންނާގެ ދަރިވަރެއްކަމުގައި ބަޔާންކުރުމެވެ. ދެވަނަ ކަމަކީ އޭނާގެ އަންހެނުން ބުރުގާއެޅުވުމެވެ. ތިންވަނަކަމަކީ އޭނާގެ ދެދަރީން ކީރިތި ޤުރްއާން ދަސްކޮށްދޭ ހިފުޒުކްލާހަކަށް ވެއްދުމެވެ. ސީސީގެ މަޅީގައި ޑޮކްޓަރ މުރުސީ ޖެހިވަޑައިގެންނެވީ މިގޮތުންނެވެ. ޖަނަރަލް ސީސީ އަށް އޭނާގެ މަގްސަދުގައި ކާމިޔާބު ލިބުމާއެކު އޭނާއެރިގެން އުޅުނު ގިރިޓީކުރި ތޮށިގަނޑު ނައްޓައިލައިފިއެވެ.

ޖަނަރަލް ސީސީ ވަނީ އިސްލާމީ ޚިޔާލުގެ އާންމުންގެ ގަތުލުއާއްމެއް ހިންގައިފައެވެ. ހަހާހަށްވުރެގިނަ މުސްލިމުން ޝަހީދުކޮށްފައެވެ. މިސުރުގެ އެތައްހާސް މިސްކިތްތަކެއްގެ އިމާމުން މިސްކިތްތަކުން ފައްސައިލައިފައެވެ. ތޭރަހާސް މިސްކިތުގައި ޖަމާއަތުގައި ހުކުރުނަމާދު ކުރުން މަނާކޮށްފައެވެ.
ޖަނަރަލް ސީސީއަށް ތާއީދުކުރާ މިސްރުގެ ސިބުޠީން(ޔަހޫދީފިރުޤާއެއް) ނާއި، ޤިބްޠީ(އީސާއީން) ވަނީ ސޫރަތުއް ސީސީގެ ނަމުގައި '' ސޫރަތެއް '' ހަދައިފައެވެ. އެސޫރަތް ފަށައިފައިވަނީ ކީރިތި ޤުރްއާނުގެ ސޫރަތްތައް ފެށޭގޮތަށް ބިސްމީންނެވެ. ނިންމައިފައިވަނީ '' މަތިވެރިވަންތަﷲގެ ބަސްފުޅު ތެދެވެ '' މިޖުމްލައިންނެވެ. '' އެސޫރަތުގައި '' ވަނީ ކީރިތި ޤުރްއާންގެ ދެސޫރަތެއް ކަމުގައިވާ ޔާސީން ސޫރަތާއި އަލްޤާރިޢަތު ސޫރަތުގެ އުސްލޫބު ކޮޕީ ކޮށްފައެވެ. އަށާރަ '' އާޔަތުގެ '' މައްޗަށް އެކުލެވޭ '' އެސޫރަތުގައި '' ބުނެފައިވަނީ ޖަނަރަލް ސީސީގެ ނަމުގައި ޤުރްއާނުގައި ސޫރަތެއް އޮންނަން ޖެހޭނެކަމަށާއި '' އެސޫރަތް '' ވާނީ ޤުރްއާނުގެ ނޫރަކަށްކަމުގައެވެ. (ނަޢޫޛުބިﷲ)

އޭގައި ބަޔާންކޮށްފައިވަނީ އިޚްވާނުންނަކީ ޝައިތާނުންކަމަށާއި، ޑޮކްޓަރ މުރްސީ މިސުރުގެ ރިޔާސީ ގަނޑުވަރު ރާމާމަކުނުތަކުން ފުރާލައި ބިމުގައި ފަސާދަ އުފައްދައި ހަޑިމުޑުދާރުކޮށްފައި ވަނިކޮށް މިސުރުގެ ހީރޯ އައްސީސީ މައިދާނަށް ނިކުމެވަޑައިގެން އިޚްވާނުންގެ މަކަރުވެރިކަމުގެ މަކުނުވާތައް ބުރިބުރިކޮށްލައިފިކަމަށެވެ. ސީސީ އަކީ މާޔޫސްކަމުގެ ކަނު އަނދިރީގެތެރެއިން ފާއްދާލި އުއްމީދުގެ އަލިކަމެއްކަމުގައެވެ. އޭނާއަކީ މިސްރުގެ މަޝްހޫރު ރަސްރަސްކަލުން(ފިރުއައުނުން) ކަމުގައި އަހްމަސް އާއި ރަމްސީސްގެ ކާފަ ދަރިކަލެއްކަމުގައެވެ. މީގެ އިތުރުންވެސް މިފަދަ ތާކުން ތަނަކު ނުޖެހޭވާހަކަ ތަކެވެ. ދީނާ ފުށުއަރާ އެތައްވާހަކަތަކެކެވެ. ނަމަވެސް ސީސީގެ ސަރުކާރުން މިބޮޑުސިންގާ ޖަރީމާއާމެދު ޗުޕުވެސް ނުބުނެއެވެ.

މިސުރުގައި ހުރި އިސްރާއީލުގެ ސަފީރެއްކަމުގައިވާ ޔައުޤޫބު އާމްނާއީ ބަޔާންކުރާ ގޮތުގައި ޖަނަރަލް ސީސީއަކީ ޔަހޫދީންގެ ގައުމީ ބަތަލެކެވެ. މިސުރުގެ މުސްލިމުންގެތެރޭގައި އޭނާ މަޤްބޫލުކަން ކުޑަވިވަރަކަށް ޔަހޫދީންގެ ހިތްތައްދާނީ ސީސީއާމެދު ޝުކުރާއި ތާރީފުން ފުރެމުންނެެވެ.

(ނިމުނީ)