ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަސައްކަތްތެރީންގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ހައްގުތަކާއި މިނިވަންކަން ހޯދަން ތެދުވުމުގެ ހިތްވަރު އާކޮށްދިނުން: ރައީސް

ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތެރީންގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި އެމީހުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދިނުމާއި އެ ހައްގުތަކާއި މިނިވަންކަމުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ދެއްވި ޚިތާބުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގައިވެސް މަސައްކަތްތެރީންނަކީ މި ގައުމުގެ ކުރިއެރުމާއި ތަރައްގީގެ ސަރަކަ ކަމަށާއި ގައުމީ އާމްދަނީ އުފަންވެގެން އަންނަނީ މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ތެރެއިން ކަމަށެވެ. އަދި ގައުމުގެ އިގުތިސޯދު ދިރިގެން އަންނަނީ މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިން ކަމަށާއި އެހެންކަމުން މިއީ ގައުމަށްޓަކައި އެމީހުން ކޮށްދެމުން އަންނަ މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް އެމީހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ދުވަސް ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރާއިރު މަސައްކަތްތެރީންގެ އެތައް ހައްގުތަކެއް ނިގުޅައިގަނެވިފައިވާކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ގާނޫނުއަސާސީ އާއި ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި މުވައްޒަފުންނަށް އިންޒާރު ދިނުމާއި ވަޒީފާއިން ވަކިކުރުމަކީ ސަރުކާރުގެ ތެރޭގައި ނޫނަސް މިހާރުވެސް ހިނގަމުންދާ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަކީން ހާއްސަކޮށް އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަށު ދަރަޖައިގެ ތަންތަނުގައި ބިދޭސީ މަސައްކަތްތެރީން ނިންދެވުމާއި މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމަކީ ހައްލުކުރަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށް ރައީސް ސޯލިހުގެ ޚިތޯބުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އަރާމުކުރުމަށް އެކަށީގެންވާ ވަގުތު ނުދީ މަސައްކަތް ކުރުވުމާއި މަކަރާއި ހީލަތުން އޮޅުވާލައިގެން އެމީހުން ލައްވައި މަސައްކަތް ކުރުވުމަކީވެސް މިހާރުން މިހާރަށް ހުއްޓުވަން ޖެހިފައިވާ ކަންކަން ކަމަށް ރައީސްގެ ޚިތޯބުގައި ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހުގެ ޚިތޯބެ ފައްޓަވައިފައި ވަނީ މުޅި ދުނިޔޭގައި މިއަދު ފާހަގަކުރަމުން އަންނަ މި އަހަރުގެ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އެންމެހައި މަސައްކަތްތެރީންނަށާއި އެމީހުންގެ އާއިލާތަކަށް މަރުހަބާ އާއި ތަހުނިޔާ ފޮނުއްވަމުންނެވެ.