ރޯދަ މަސް އަންނަން ހައެއްކަ ދުވަހަށްވީ އެވެ. މިދިޔަ އަހަރުގެ ރޯދަ މަހުގެ އިނާޔަތް ނުދޭ ކިތައް އޮފީސް އެބަހުރި ހެއްޔެވެ؟ އެ ޝަކުވާ ހިފައިގެން ދާނެ ތަނެއް ހުއްޓަސް ވަޒީފާގެ ބިރަށް ޓަކައި، ކަމާ ބެހޭ ފަރާތަށް ޝަކުވާ ހުށަހަޅަން ބޭނުން ނުވާ އެތައް މުވައްޒަފުންނެއް ރާއްޖޭގައި އެބަތިއްބެވެ.
ރިސޯޓުތަކުގައި ބަރާބަރަށް ސާވިސް ޗާޖާއި މުސާރަ ނުލިބޭ އެތަކެއް ދިވެހިންނެއް އެބަތިއްބެވެ. އެކަމަކު ވަޒީފާގެ ބިރަށް އެކަން މެނޭޖްމަންޓާ ހަމައަށް، ނުވަތަ އެންމެ ކުޑަވެގެން މީޑިއާއާ ހަމައަށް ވެސް ތިލަކޮށްލަދޭނެ މުވައްޒަފަކު ނެތެވެ. ރިސޯޓުތަކުގައި ވަރަށް ދަށް މުސާރަތަކުގައި އުޅޭ ސްޓާފުންނާއި، ވަރަށް ނިކަމެތިކޮށް ނިދައި، ކައިބޮއިގެން އުޅޭ ސްޓާފުން އެބަތިއްބެވެ.
މިއީ ގަބޫލުކުރަން ޖެހޭ ހަގީގަތެވެ؛ ރާއްޖޭގައި ވަޒީފާތަކުގައި އުޅޭ އެތައް ހާސް މީހުންގެ ތެރެއިން އޮފީސްތަކުގައި މަޖުބޫރުން އުޅޭ މީސްމީހުން އެބަތިއްބެވެ. އޭގައި އޮތީ އެންމެ ސަބަބެކެވެ. ވަޒީފާގެ ދަތިކަމެވެ. އެ ވަޒީފާ ދޫކޮށްލައިފައި އެހެން ވަޒީފާއެއް ނުލިބުމުގެ ބިރު ރާއްޖޭގައި އެބައޮތެވެ. ވަޒީފާގެ ތަނަވަސް ބާޒާރެއް ރާއްޖެއަކު ނެތެވެ.
އެކަމަކު އެ ވާހަކަ ނުދައްކައި އަބަދު ތިބެވޭކަށް ވެސް ނެތެވެ. މިއަދަކީ އެ ވާހަކަތައް ދައްކަން އެންމެ މުނާސަބު ދުވަހެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް، ނުވަތަ މެއިޑޭ އަކީ މިއަދެވެ. މިއަދު މިއީ އެ ވާހަކަ ދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ހޯދަން ނުކުންނަންވީ ދުވަހެވެ. އެ ހައްގުތައް ކަށަވަރުކޮށް، ކަމާ ބެހޭ ފަރާތްތަކަށް އެކަންކަން ސަމާލުކަމަށް ގެންނަންވީ ދުވަސް ވެސް މެ އެވެ.
ރާއްޖޭގައި ހަމައެކަނި ސިވިލް ސާވިސްގައި އެކަނި 25،000އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އެބަ އަދާކުރެ އެވެ. މިއީ ރާއްޖޭގެ ނިސްބަތުން އެންމެ އާދައިގެ މުސާރަތައް ވެސް ހިމެނޭ ދާއިރާ އެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުންގެ މުސާރަތައް 3،000ރ. ގައި ވެސް އެބަހުއްޓެވެ. ހަމަ އެފަދައިން ބައެއް ރިސޯޓްތަކުގައި ވެސް 2500ރ. ގެ މުސާރަ ލިބޭ ވަޒީފާތައް އެބަހުއްޓެވެ.
ދެ ހާސް އަށް ވަނަ އަހަރު އަމަލު ކުރަން ފެށި ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އެންމެ ދަށް މުސާރައެއް ކަނޑައެޅުމުގެ ބާރު ސަރުކާރަށް އޮތީ ދީފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން 10 އަހަރު ވީ އިރު ވެސް އެ ގާނޫނުގެ އެބައި އޮތީ ފުރިހަމަނުވެ އެވެ. މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވާހަކަ ދެކެވެނީ ހަމައެކަނި ސިޔާސީ މީހުންގެ ދޫތަކުންނެވެ. ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި އެ ވާހަކަ ލިޔެފައި ހުރި ނަމަވެސް އެކަމަށް ބާރު ލިބޭ ހަމަ އެއްވެސް ކަމެއް ކުރިއަކަށް ނުދެ އެވެ.
އެހެން ނަމަވެސް އެ ގާނޫނާ އެކު ވަޒީފާއާ ބެހޭ ޓްރައިބިއުުނަލެއް އުފެދިގެން ދިޔަ އެވެ. އޭގެ ސަބަބުން ނުހައްގުން ވަޒީފާ ގެއްލޭ މީސްމީހުންނަށް ހައްގު ލިބެން ފެށި އެވެ. އެކަމަކު، ޓްރައިބިއުނަލަށް މިހާތަނަށް ހުށަހެޅި ގިނަ މައްސަލަތަކަކީ ހަމައެކަނި ވަޒީފާ ގެއްލިގެން ނުވަތަ ނުހައްގުން ވަޒީފާއިން ވަކިކުރުމުން އޭގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލަތަކެެވެ. ވަޒީފާގެ ހައްގުތަކާއި އުޖޫރަ އާއި މިކަހަލަ މައްސަލަތައް ހުށަހެޅެނީ މަދުންނެވެ. އެތަނުން ބުނެފައިވާ ގޮތުގައި، އެ ވާހަކަތައް ދައްކަން ގިނަ ބަޔަކު އަދިވެސް ބިރުގަނެ އެވެ.
ރާއްޖޭގައި މުސާރައިގެ ފަރަގުތައް ވަރަށް ބޮޑެވެ. އެއް އޮފީހެއްގައި އެއް ވަޒީފާއެއްގައި އުޅޭ ދެ މީހެއްގެ ދޭތެރޭގައި ވެސް އެ މައްސަލަ އެބައޮތެވެ. އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭގައި ވެސް މުސާރައިގެ ތަފާތުކުރުންތައް އެބައޮތެވެ. ސަރުކާރާއި މުއައްސަސާތަކާ ދޭތެރޭގައި ވެސް އެ މައްސަލަ އެބައޮތެވެ. މި ހުރިހާ ކަމެއް ނައްތާލަން އެބަޖެހެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ ސިނާއަތް ކަމަށްވާ ޓޫރިޒަމާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަކީ މަސައްކަތްތެރިންގެ ހައްގު އެންމެ ކަށަވަރު ނުވެ އޮތް ދެ އިންޑަސްޓްރީ އެވެ. އެކި ރިސޯޓްތަކުގައި މެނޭޖްމަންޓްތަކުން މުވައްޒަފުންނާ ދޭތެރޭ އެކިގޮތްގޮތަށް އިހުމާލު ވެފައިވާތީ އެ ރިސޯޓުތަކުގައި މީގެ ކުރިން ވެސް ހަޅުތާލުކޮށް މަސައްކަތް ހުއްޓާލައިފައި ވެ އެވެ. ދިވެހިންނާއި ބިދޭސީންނާ ދޭތެރޭ ވަރަށް ބޮޑަށް ތަފާތު ކުރާ ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ކުންފުނިތައް އެބަހުއްޓެވެ. އިނާޔަތްތައް ދިނުމުގައި ތަފާތުކުރުންތަކާއި ކެއުމާއި އާއިލާއާ ބައްދަލު ކުރުމުގައި ތަފާތުކުރުންތައް ގެންގުޅޭ ވަރަށް ގިނަ މެނޭޖްމަންޓްތައް މި ދެންނެވި ދެ ދާއިރާގައި ވަރަށް ގިނައެވެ. ހަމައެހެންމެ، މުވައްޒަފުންނާ މެދު ސަލާމަތީ ގޮތުން އެކަށީގެންވާ ފިޔަވަޅުތައް އަޅައިފައި ނެތް ކުންފުނިތައް ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ކޮންމެ އޮފީހަކީ ވެސް، ކޮންމެ ކުންފުންޏަކީ ވެސް އަދި ދިވެހި ސަރުކާރަކީ ވެސް މުވައްޒަފުން ހިންގާ ތަންތަނެވެ. މުވައްޒަފުންނަކީ ކޮންމެ ތަނެއްގެ ވެސް މައި ތަނބެވެ. މަސައްކަތްތެރިންގެ ބުރަ މަސައްކަތާ ނުލައި އެއްވެސް ތަނެއް ކުރިއަރައިގެނެއް ނުދާނެ އެވެ. މިކަމާ ވިސްނަންވީ މެނޭޖްމަންޓަށް ވުރެ ބޮޑަށް މުވައްޒަފުންނެވެ. މުވައްޒަފުން ގަބޫލުކުރަންވީ އެ މީހުންނަކީ އެތަނެއްގެ ރައުސްމާލު ކަމެވެ. އެހެންކަމަށް ވާނަމަ، އެ މީހުންނަށް ލިބެން ޖެހޭ ހައްގުތައް ހޯދަން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭނެ އެވެ. އެކަންކަމަށް ޑިމާންޑް ކުރަން ޖެހޭނެ އެވެ.