ޗައިނާ

ސަރުކާރުގެ އިސްވެރިން ޗައިނާއަށް ޒިޔާރަތްކޮށް، ލޯނު ތަކާމެދު މަޝްވަރާކުރަން ވަނީ ހުޅުވާލައިފައި: ސަފީރު

ޗައިނާއިން ރާއްޖެއަށްދޭ ލޯނު ތަކާއި، އެގައުމުން ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާބެހޭގޮތުން، ދިވެހި ސަރުކާރުގެ އިސް ވެރިން ޗައިނާއަށް ޒިޔާރަތްކޮށް މަޝްވަރާކުރުމުގެ ފުރުސަތު އެގައުމުން ހުޅުވާލާފައިވާކަމަށް ޗައިނާއިން ބުނެފިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ތަރައްގީއަށް ޗައިނާއިން ބޮޑެތި މާލީ އެހީތަކެއް ހޯދާފައިވާ މައްސަލައިގައި މިހާރުގެ ސަރުކާރުން ވަނީ ކަންބޮޑުން ފާޅުކޮށްފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ޗައިނާ "ބެލްޓް އެންޑް ރޯޑް" ބީއޭއާރުގެ ދެ ދެވަނަ ފޯރަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޮންގް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ޗައިނާ ސަރުކާރުން މިހާތަނަށް އައިއިރު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި އެ މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނު ތަކާބެހޭގޮތުން ސަފީރު ވިދާޅުވީ، އެ ލޯނުތަކަކީ ފަސޭހައިން ދެއްކޭނެ، ކުޑަ އިންޓެރެސްޓަކާއެކު ދޫކޮށްފައި ހުރި ލޯނުތަކެއް ކަމަށެވެ. އަދި ލޯނު ދޫކޮށްފައި ހުރި ޕްރޮޖެކްޓްތަކަކީ އާމްދަނީ ލިބޭނެ ޕްރޮޖެކްޓްތަކަށް ދޫކޮށްފައި ހުރި ލޯންތަކެއްކަމަށެވެ.

އެ ލޯނުތައް ދެއްކުމުގައި ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޗައިނާއަށް ދަތުރުފުޅެއް ކުރެއްވޭނެ ތޯ ބަލަމުން އަންނަކަމަށްވެސް ސަފީރު ވިދާޅުވިއެވެ

ސަފީރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ދިވެހިރާއްޖޭގައި ތަރައްގީގެ އިތުރު މަޝްރޫއުތައް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާ ނިޒާމުތައް ގާއިމުކުރުމުގައި ރާއްޖެއަށް އިތުބާރުހިފޭ ޕާޓްނަރެއްގެ ގޮތުގައި ޗައިނާ އޮންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް ޒޭންގް ވިދާޅުވިއެވެ.