އިލެކްޝަންސް ކޮމިޝަން

މާލީ ބަޔާން ހުށަނޭޅި 36 ފަރާތަކަށް ދައުވާކުރަން ބުރާސްފަތިދުވަހު ޕީޖީއަށް ފޮނުވަނީ

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ކަނޑައެޅިފައިވާ މުއްދަތުގައި މާލީ ބަޔާން ހުށަނޭޅި 36 ފަރާތަކަށް ދައުވާ ކުރުމަށް، އިލެކްޝަންސް ކޮމިޝަން (އީސީ)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި އެ ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، އެ ފަރާތްތަކަށް ދައުވާކުރުމަށް އެދި އެ މައްސަލަތައް އަންނަ ބުރާސްފަތި ދުވަހު ޕީޖީ އޮފީހަށް ފޮނުއްވާނެ ކަމަށެވެ.

އަކުރަމް ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތުގައި މާލީބަޔާން ހުށަހެޅި 11 ކެންޑިޑޭޓެއްގެ ބަޔާން ފުރިހަމަ ކުރުމަށް އެ ކެނޑިޑޭޓުންނަށް ފޮނުވުމަށްވެސް އީސީން ނިންމާފައިވާ ކަމަށެވެ. އެއީ ކޮމިޝަނަށް ހުށަހެޅި މާލީ ބަޔާންތައް ޗެކް ކުރުމުން ފުރިހަމަ ނުވާކަމަށް ފާހަގަ ކުރެވުނު 11 ކެންޑިޑޭޓެއްގެ މާލީ ބަޔާނެވެ.