ސްރީލަންކާ

ލަންކާގެ ޗެކްޕޮއިންޓަކުން ތިން ދިވެހިން ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

ސްރީލަންކާގެ ޗެކްޕޮއިންޓަކުން ތިން ދިވެހިން ހައްޔަރުކޮށްފި އެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ލިބުން ގޮތުގައި އިއްޔެގެ ވަގުތެއްގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ލަންކާގެ ޗެކްޕޮއިންޓަކުން މި ތިން މީހުން ފާސްކުރުމަށް ފަހުއެވެ. މިހާތަނަށް މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޮން ސަބަބަކާ ގުޅިގެންކަން އަދި ސާފެއްނުވެއެވެ.

''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު ލަންކާއަށް ދިން ބޮމުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ދިވެއްސަކާ އެކަމާ ގުޅިގެން ސުވާލުނުކުރާކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. މީގެ އިތުރުން ލަންކާގައި މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ކަމަށް ވުމުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެކި ތަންތަން ފާސްކުރަމުން އަންނަ ކަމަށާއި، މިގޮތުގެ މަތިން ދިވެހިން ދިރިއުޅޭ ތަންތަން ފާސްކޮށްފައި ވެދާނެކަމަށް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ލަންކާގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ކުރާ އެކި މަސައްކަތުން ބައެއް ދިވެހީންގެ ވިސާގައި އެކި މައްސަލަ ހުރިކަން ފާހަގަވެ، އެކަމާ ބައެއް ދިވެހިންނާ ސުވާލުކޮށްފައިވާކަމަށް ވެސް މިއުވާން ވިދާޅުވިއެވެ. އެހެންކަމުން ލަންކާގައި އުޅޭ ދިވެހިންގެ ވިސާގެ އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން ވީހާވެސް އަވަހަށް ހައްލު ކުރުމަށް މިއުވާން އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ލަންކާގައި ގާއިމްކޮށްފައިވާ އެކި ޗެކްޕޮއިންޓުތަކުގައި ފުލުހުންނާ ރީތިކޮށް ހަމަޖެހިގެން މުހާތަބު ކުރުމަށް މިއުވާން ވިދާޅުވިއެވެ. އަދި ލަންކާގެ ގާނޫނުތަކާއި ގަވައިދުތަކަށް ދިވެހިން އިހްތިރާމްކުރުމަށް ވެސް މިއުވާން ވިދާޅުވިއެވެ.