އެނާޖީ އެފިޝިއެންސީ ބެޖްގެ ނަމުގައި ޚާއްސަ ބެޖެއް އިފްތިހާހުކޮށްފިއެވެ.
އެނާޖީ އެފިޝިއެންސީ ބެޖަކީ، މޫސުމަށް އަންނަ ބަދަލުތަކާއި އެނާޖީ އެފިޝިއެންސީއާ ބެހޭގޮތުން ހޭލުންތެރި ކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ގާލްގައިޑު އެސޯސިއޭޝަން އަދި ސްކައުޓް އެސޭސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ބެޖެކެވެ.
މިއަދު މިއަދު ހެނދުނު ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިޔާތެއްގައި މިބެޖް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު ހަސަން އެވެ. އެއަށްފަހު މިބެޖުގެ ރަމްޒީ ފިލާ ގާލްގައިޑު އެސޯސިއޭޝަން އާއި ސްކައުޓް އެސޭސިއޭޝަން އޮފް މޯލްޑިވްސް އަށް ވަނީ ހަވާލުކުރައްވައިފައެވެ. އެންވަޔަރމަންޓް މިނިސްޓަރު ޑރ ހުސެއިން ރަޝީދު މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ގާލްގައިޑުންނާއި ސްކައުޓުންނަކީ ޒިންމާދާރު އަދި މުޖުތަމައުގެ ކަންތައްތަކުގައި ބައިވެރިވެ ކަންތައްތަކުގައި ނަތީޖާ ނެރޭ ބައެއް ކަމަށެވެ.
ގާލްގައިޑު އެސޯސިއޭޝަންގެ ފަރާތުން މި ބެޖާ ބެހޭގޮތުން ޝުއޫރުފާޅު ކުރައްވަމުން ގައިޑް ލީޑަރު މަރިޔަމް މިރްފަތު ވިދާޅުވީ މިބެޖަކީ ތިމާވެށި ރައްކާތެރި ކުރުމަށާއި، ތިމާވެއްޓަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރެވޭ އެކިއެކި މަސައްކަތްތަކުގެ ތެރެއަށް އިތުރު ކުރި ބޮޅެއްކަމުގައެވެ. އަދި މިބެޖުގެ މައުލޫމާތު ލީޑަރުން ތަމްރީނު ކުރުމުގެ ޕޮރްގުރާމުގައާއި އެ އެސޯސިއޭޝަންގެ އެކިއެކި ޓްރެއިނިން ޕޮރްގުރާމުތަކުގައި އޮޅުފިލުވައިދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކާއި، އެނާޖީ އެފިޝިއެންސީއާ ބެހޭ މައުލޫމާތު ގާލްގައިޑުން މެދުވެރިކޮށް އެކުދިންގެ އާއިލާއާއި ރައްޓެހިންނަށް ދެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސްކައުޓް އެސޭސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން މި ބެޖާ ބެހޭގޮތުން ޝުއޫރުފާޅު ކުރައްވަމުން އެ އެސޯސިއޭޝަންގެ ރައީސް ހުސެން އަހްމަދު މަނިކު ވިދާޅުވީ، މިފަދަ ބެޖެއް ތައާރަފު ކުރުމަކީ މުސްތަގްބަދުލުގައި ތިމާވެށީގެ ކަންކަމަށް ސަމާލުކަން ދިނުމަށް އިތުރު ބާރެއް އަޅައިދޭނެ ކަމެއް ކަމުގައެވެ. މިފަދަ ކަންތައްތައް ހުއްޓާނުލައި ނުވަތަ މެދުކެނޑުމެއްނެތި ކުރިއަށް ގެންދިމަކީ މުހިއްމު ކަމެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.