ސިއްހަތު

ދަރިންގެ ކޮންސަންޓްރޭޝަން ރަނގަޅު ކުރުމަށް ކެއުމަށް ބެލުން މުހިއްމު

ކޮންމެ ދުވަހަކުވެސް ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމަކީ މުހިއްމު ކަމެކެވެ. ރަނގަޅު ނިއުޓްރިއަންޓްސް ނުލިބޭ ނަމަ މޫޑު ގޯސްވެ، އުފެއްދުންތެރިކަމަށް ވެސް އަސަރު ކުރެއެވެ. މާ ގިނައިން ކޮފީބޮއެ ހެދުމަކީ ވެސް ވަގުތު ބޭކާރުވުމުގެ އިތުރުން ސިއްހަތަށް އެހާ ފައިދާ ހުރި ކަމެއް ނޫނެވެ.

މިއީ ބޮޑު މީހަކަށް ރަނގަޅު ޑައިޓެއް ނުހިފެހެއްޓޭތީ ދިމާވެދާނެ ބައެއް ކަންކަމަށް ވާއިރު ކުޑަ ކުދިންނަށް ބޭނުންވާ ނިއުޓްރިއަންޓްސް ނުލިބޭ ނަމަ އެކުދީންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވެސް ދިމާވާނެ ކަންކަން އަދި މިއަށްވުރެ ގިނަވާނެ ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި އާޓިކަލްގައި ދަރިންގެ ކޮންސަންޓްރޭޝަން ރަނގަޅުކުރުމަށް ކެއުމުގައި ފަރުވާތެރި ވެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ހެނދުނުގެ ނާސްތާއަށް ހޯލް ގްރެއިން އިހްތިޔާރު ކުރާށެވެ.

ދަރިފުޅު ކަންކަމަށް ފޯކަސް ނުކުރެވި، މޫޑީ ވުމަކީ، ހަށިގަނޑުގައި ހަކުރު މަދުވުމުން ދިމާވެދާނެ ކަމެކެވެ. މިކަން ރަނގަޅު ކުރުމަށް ހެނދުނުގެ ނާސްތާގައި ހޯލް ގްރެއިން ހިމެނުން ރަނގަޅުވާނެ އެވެ. އޭގެ ތެރޭގައި އޯޓްސް މޭވާ އަޅައިގެން ނުވަތަ ސީރިއަލް ހިމެނެއެވެ. ދަރިފުޅަކީ ހަފައިގެން ކާން ފޫހިވާ ކުއްޖެއް ނަމަ ސްމޫތީ ނުވަތަ ޝޭކްސް ގޮތަށް އޯޓްސް ތައްޔާރު ކުރެވިދާނެއެވެ. ހެނދުނުގެ ނާސްތާގައި މި ބާވަތުގެ ކާނާ ބޭނުން ކުރުމުން، ދަރިފުޅުގެ ކްރޭވިންގްސް މަދުވެ، ގިނަ އިރު ބަނޑުހައި ނުވެ ހިފަހައްޓާލަދޭނެއެވެ.

ގޭގައި ހަކުރު ކޮންޓްރޯލް ކުރުން

ބޭރުގައި ނުވަތަ ސްކޫލުގައި އުޅޭއިރު ދަރިފުޅު ހަކުރު ބޭނުން ކުރާވަރަކީ ހިފަހައްޓަން އަދި މޮނިޓަރ ކުރަންވެސް މާ ފަސޭހަ ކަމަށް ނުވާއިރު އެންމެ ރަނގަޅު ގޮތަކީ ގޭގައި މިކަން ކޮންޓްރޯލް ކުރުމެވެ. މިކަން ކުރުމަށް ކުރެވިދާނެ ކަންކަމުގެ ތެރޭގައި ހަކުރު ބޭނުންކުރުމުން ދިމާވާ ގެއްލުމާއި ވާ ގޯސްތައް ގަނޑު ކޮޅު ނުވަތަ ސްޓިކީ ނޯޓްސް ގޮތަށް ލިޔެފައި ދަރިފުޅަށް އަބަދު ފެންނަ ތަންތަނުގައި ބެހެއްޓިދާނެއެވެ. ދެވަނަ ކަމަކަށް ކެއުމުގައި ހަކުރު ބޭނުން ކުރާވަރު މަދުކުރެވިދާނެއެވެ. ބޭނުމަކީ އެއްފަހަރާ ކަންކަން ހުއްޓާލުމުގެ ބަދަލުގައި މަދުމަދުން ބަދަލުތައް ގެނައުމެވެ. މިސާލަކަށް ބުއްތައްޓަށް ދެ ސަމުސާ ހަކުރު އަޅައިގެން ބޯން ދަރިފުޅަށް އާދަވެފައިވާނަމަ ފުރަތަމަ ދޮޅު ސަމުސަލަށް ބަދަލުކޮށް ކުއްޖާއަށް އެގޮތް އާދަ ވުމުން އަނެއްކާ އެއް ސަމުސަލަށް މަދުކޮށް މިގޮތަށް މަޑު މަޑުން މަދުކުރަމުން ގެންދިޔުމެވެ.

އަލުވީގެ ބަދަލުގައި ކައްޓަލަ

އަލުވީގެ ބަދަލުގައި ކައްޓަލަ ކޮށާފައި ފްރެންޗް ފްރައިސްހެން ނުވަތަ ބޭކްޑް ޗިޕްސް ހެން ހަދާލާށެވެ. މިއީ ރަހަވެސް މީރު އަދި ދަރިފުޅުގެ ސިއްހަތަށް އަލުތްވަށް ވުރެ ފައިދާ ބޮޑު ކެއުމެކެވެ.

ދަރިންގެ ކޮންސަންޓްރޭޝަން ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ކެއުން ކަމަށް ވާތީ، ކެއުމަށް ފަރުވާތެރިވާން ފެށުމުން ކުއްޖާއަށް އަންނަ ބަދަލުތައް އަމިއްލައަށް ވެސް ނޯޓިސްވާން ފަށާނެއެވެ. ބައެއް ކުދިން ބަނޑުހައި ވުމުން ބޮޑާހާކާއިރު އަނެއްބައި ކުދިން ރުޅިގަދަ ވެސް ވާނެ އެވެ. އެހެން ކަމުން މޭވާ އާއި ތަރުކާރީ ކާންދިނުމަށް އިސްކަން ދިނުން މުހިއްމެވެ.