އިލެކްޝަންސް ކޮމިޝަން

ވަގުތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅައި 39 ކެންޑިޑޭޓުން އެބަތިބި: އިލެކްޝަންސް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވިއިރު، މާލީ ބަޔާން ހުށަނާޅައި 39 ކެންޑިޑޭޓުން އެބަތިބި ކަމަށް އިލެންޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ކެންޑިޑޭޓުންނަށް ދީފައިވާ މުއްދަތު ރޭގެ 12:00އަށް ހަމަވިއިރު 386 ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅަނީ އަމިއްލަ ގޮތުން 31

- ޕީޕީއެމް 2

- ޕީއެންސީ 1

- އަދާލަތު 1

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް 2

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ 2

އިންތިހާބާ ބެހޭ އާއްމު ގާނޫނުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވެއެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރި އެވެ. އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން އެބޭފުޅެއްގެ މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެ އެވެ.

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވާދަ ކުރި ކެންޑިޑޭޓުންގެ ތެރެއިން ކެމްޕޭނަށް ހޭދަކުރި ގޮތުގެ މާލީ ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު އަމަލު ކުރާނެ ގޮތެއް މާދަމާ ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.