ސްރީލަންކާ އިން ހަ ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
މިކަން ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަނީ "ވަން އޮންލައިން"އަށް ކަށަވަރުކޮށްދީފައެވެ. މި ހަ ދިވެހިން ހައްޔަރުކޮށްފައިވަނީ ލަންކާގެ އެކި ސަރަހައްދުތައް ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނުގެ ތެރެއިން ސުވާލުކުރުމަށެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރި ދިވެހިންގެ ތެރޭގައި ހަތަރު ދިވެހި ދަރިވަރުން ހިމެނެއެވެ. މި ހަތަރު ދަރިވަރުންނަކީ ފްލައިޓް އިންޖީނިއަރިންގ ކިޔަވަމުން އަންނަ އެއް ގެއެއްގައި އުޅޭ ހަތަރު ދަރިވަރުން ކަމަށް މައުލޫމާތު ލިބެއެވެ.
އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ ލަންކާ ފުލުހުން ކުރިއަށްގެންދާ ތަހުގީގަށް އެގައުމުގައި ދިރިއުޅޭ ދިވެހިން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރާ ކަމަށާއި ލަންކާގެ ގާނޫނާއި ގަވާއިދުތަކަށް ބޯލަނބައި، އެގައުމުގެ މުއައްސަސާތަކުން އަންގާ އެންގުންތަކާ އެއްގޮތަކަށް އަމަލުކުރުމަށް އެދޭ ކަމަށެވެ. އަދި ހައްޔަރުކޮށްފި ނަމަ، އެކަން ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އެންގުމަށް ވެސް އެދޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ވަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެކަކު ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގެއިން އައިއެސް ޖަމާއަތާ ގުޅޭ ފޮތެއް ފެނުމުންނެވެ. ލަންކާ އިން ގަނެފައިވާ އެ ފޮތަކީ އެ ގޭގައި ކިޔަވަން ތިބޭ ކުދިންތަކެއްގެ ފޮތެކެވެ. އޭނާ މާދަމާ ކޯޓަށް ގެންގޮސް، ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެއިން އެއާ ރައިފަލްތަކެއް ފެނުމުންނެވެ. އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއެކުއެވެ. މާދަމާގެ ވަގުތެއްގައި އެމީހުން ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވެއެވެ.
މި ހުރިހާ އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ ލަންކާގެ ލަޔަން ސިޓީ ނެގަމްބޯ އިންނެވެ.