ކޮކާ ކޯލާ

ކޮކާކޯލާ އީޕީއެލް ފިއެސްޓާ ޕްރޮމޯޝަނުގެ ނަސީބުވެރީންނަށް ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ބަލައިލުމުގެ ފުރުސަތު

ކޮކާކޯލާ އީޕީއެލް ފިއެސްޓާ ޕްރޮމޯޝަނުގެ ނަސީބުވެރީންނަށް މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބައްދަލުކުރާ މެޗު ބަލައިލުމުގެ ފުރުސަތު ލިބިއްޖެއެވެ.

މިމަހުގެ 28 ވަނަ ދުވަހު ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު، އޯލްޑް ޓްރެފަޑުގައެވެ.

ޔުނައިޓެޑާއި ޗެލްސީއަކީ އިނގިރޭސިވިލާތުގެ ދުވަސްވީ ދެ ވާދަވެރިންނެވެ. އެ މެޗު ވެގެންދާނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ދެ ޓީމަށް ވެސް ވަރަށް މުހިންމު މެޗަކަށެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ ތިން މެޗު އޮތް އިރު، ހަތަރުވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 67 ޕޮއިންޓެވެ. ޔުނައިޓެޑް އޮތީ 66 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައި އޮތް އާސެނަލްގެ ފަހަތުން ހަ ވަނައިގައެވެ. ޔުނައިޓެޑަށް ލިބިފައިވަނީ 64 ޕޮއިންޓެވެ.

ކޮކާކޯލާގެ އެ ޕްރޮމޯޝަނުގެ ނަސީބުވެރީންގެ ގޮތުގައި ހޮވުނު ހަތް މީހުންނަށް ވެސް އިތުރު މީހަކު ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ދީފައެވެ. މިއަދުގެ ވަގުތެއްގައި އެ 14 މީހުން ވަނީ އިނގިރޭސިވިލާތަށް ފުރައިފައެވެ.

ދަތުރުގެ ހުރިހާ ހަރަދެއް ކޮކާކޯލާ އިން ކުރުމަށް ހަމަޖެހިފައިވާ އިރު، އެ ދަތުރުގައި މެޗު ބަލައިލުމުގެ ފުރުސަތުގެ އިތުރުން އިނގިރޭސިވިލާތުގެ ހާއްސަ ތަންތަން ބަލައިލުމާއި ތަފާތު ގިނަ ހަރަކާތްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.

ކުރިއަށް އޮތްތަނުގައި ވެސް ކޮކާކޯލާ އިން އެފަދަ ޕްރޮމޯޝަންތައް ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.