އިމްތިޔާޒް ފަހުމީ

ހަލާކުވެ ދާންދެން ފަނޑިޔާރުގެއިން ހިންގަމުންދާ ނާއިންސާފުތަކުގެ ވާހަކަދައްކާނަން: އިމްތިޔާޒް

ހަލާކުވެ ދާންދެން ފަނޑިޔާރުގެއިން ހިންގަމުންދާ ނާއިންސާފުތަކުގެ ވާހަކަދައްކަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިމްތިޔާޒު މިހެން ވިދާޅުވެފައިވާ އިރު، ފަނޑިޔާރުގެއާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދު އިއްޔެ ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައެވެ.

އިމްތިޔާޒް ވިދާޅުވީ ފަނޑިޔާރުގެއާ ގުޅޭގޮތުން ސުއޫދު ދައްކަވާފައިވަނީ ވަރަށް ރަނގަޅު ވާހަކަތަކެއް ކަމަށާއި އަދުލު އިންސާފަކީ އެންމެންގެ ހައްގެއް ކަމަށެވެ. އަދި ކޮންމެ ތަނެއްގައި ވެސް ހައްގަށް ވަކާލާތުކުރަން ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެންމެ ބައެއްގެ މަގާމަށްޓަކައި، އެ ވާހަކަނުދައްކާ ނުތިބެވޭނެ. އަޅުގަނޑުމެންގެ ދަރިންގެ ހައްގަށްޓަކައި މި ވާހަކަ ދައްކާނަން. އަޅުގަނޑުމެން ހަލާކުވެދާނީ މި ވާހަކަ ދައްކައިގެން. އަޅުގަނޑުމެން ހަލާކުވަންޏާ، ހަލާކުވެގެންދާނީ މި ވާހަކަ ދައްކައިގެން. މި ރާއްޖޭގެ ފަނޑިޔާރުގެއިން ހިނގަމުންދާ ނާއިންސާފުތަކުގެ ވާހަކަދައްކައިދޭން، އޮޅުންފިލުވައިދޭން، މިކަންތައްތައް ހާމަކޮށްގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިމިގެންދަންޏާ ނިމިގެންދާނީ ވެސް،" އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކުރީ ބިރުދައްކަން ކަމަށް ގަބޫލުކުރެވޭ ކަމަށާއި ސުޕްރީމް ކޯޓަށް ސުއޫދު ހާޒިރުކުރުމުން އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގައި މީގެ ކުރީން ވެސް އެތައް ފަހަރަކު ސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށްފައިވާކަން އިމްތިޔާޒް ފާހަގަކުރެއްވިއެވެ.

"ގާނޫނީ ވަކީލުންނަށް، އަދި މި ރާއްޖޭގައި ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަދައްކާ ދެއްކުން، އެ ދައްކާ ބޭބޭފުޅުންނަށް ބިރުދެއްކުމުގެ އަމަލެއްގެ ގޮތުގައި އަޅުގަނޑަށް މާނަކުރެވެނީ، އަދި ގަބޫލުކުރެވެނީ ވެސް. އެކަން އޮތީވެސް އެގޮތަށް ކަމަށް ގަބޫލުކުރަން ޖެހޭ ހަމަތައް އެބަހުރި. ހުސްނުއްސުއޫދު މިގޮތަށް މިގެންދިޔައީ ކިތައް ފަހަރު ކަމެއް ވެސް ނޭނގެ. އަދި އެތައް ފަހަރެއްގެ މަތިން ސަސްޕެންޑްކޮށްފައި ވަނީ. އެގޮތަށް ކިތަންމެ ވަކީލުންނެއް ގަނޑުކޮށް އެއްފަހަރާ އެބަހުރި ސަސްޕެންޑްކޮށްފައި،" އޭނާ ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ރާއްޖޭގައި ޕްރެކްޓިސް ކުރާ ވަކީލުންގެ ތެރެއިން ގާތްގަނޑަކަށް 100 ޕަސަންޓު ވަކީލުން މީގެ ކުރީން ސަސްޕެންޑް ކުރި ކަމަށާއި އެއީ ދުނިޔޭގައި ދުވަހަކު ވެސް ހިނގި ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގައުމެއްގައި ވިޔަސް، ވަކީލުންނަކީ އަދުލު އިންސާފު ގާއިމުކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކޮށްދޭ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.