ކޮލަމް

މުސްލިމުންގެ ތައުލީމީ ނިޒާމުގެ ތާރީޚީ ކުރިއެރުން - 3

އަބްދުﷲ ފާރޫގް ހަސަން

ތައުލީމު – ޚުލަފާއުއްރާޝިދޫންގެ ދައުރުގަައި

ކައުސާހިބާ ސައްލަﷲ އަލައިހިވަސައްލަމަގެ ދައުރުގައި ރޯކޮށްލެއްވި އިލްމީ ދަންމަރުތައް އަލްޚުލަފާއުއް ރާޝިދޫން ގެ ދައުރުގައިވެސް ކަނިވިޔަކަ ނުދެއްވައެވެ. އަދި ކީއްތޯއެވެ. މުސްލިމުންގެ ޢިލްމީދަތުރު ކުރިއަށް ގެންދެވުމަށްޓަކައި އިތުރު ސާހިބާ ރޭއްވެވި ހުރިހާ ރޭއްވެވުންތަކެއް ހަމަ އެބާރުމިނުގައި ކުރިއަށް ގެންދެވިއެވެ. ކީރިތި ޤުރްއާން އެއްފޮތެއްގެ ސިފައިގައި ޖަމާކުރެވުނީ ވެސް އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައެވެ،

އިސްލާމީ ފުތޫހާތުގެ ސަބަބުން މުސްލިމުންނަށް އަރަބި ކަރައިން ބޭރަށް ނިކުންނާން ޖެހުނެވެ.މިސުރާއި ، ފަލަސްތީނާއި ، އިރާގާއި ޝާމުކަރަ ފަތަހަވުމުން މުސްލިމުން އެތަންތާގައިވެސް ޢިލްމީ ފަނާރުތައް ބިނާކުރިއެވެ. ޢިލްމުގެ ނޫރުފެތުރިއެވެ. ޢިލްމީ މަރުކަޒުތައް ހުޅުވިއެވެ. އެބަރަކާތްތެރި މަސައްކަތަށް ސަހާބީންގެ ބޮޑެތި ޢާލިމުން އެކި ދިމަދިމާއަށް ވަޑައިގެންނެވިއެވެ. ފަލަސްތީނުގައި މުޢާޛު ބިން ޖަބަލު ރަޟިޔަﷲ އަންހުއެވެ.މަދީނާގައި އަބްދުﷲ ބިން މަސްއޫދު ރަޟިޔަﷲ އަންހުއެވެ. ދިމިޝްޤުގައި އަބުއްދަރްދާއު ރަޟިޔަﷲއަންހުއެވެ. ދިމިޝްޤު ފިޔަވައި ޝާމުކަރައިގެ އެހެން ދިމަ ދިމާގައި އަބްދުއްރަހްމާން ބިން ޤާސިމެވެ. މިސުރުގައި ޖިބާން ބިން ޖިބިއްލަތެވެ. މިފަދަ އަފޫރުއްބަ ޢިލްމުވެރީން ޢިލްމު ފަތުރުއްވަން ޚާއްޞަ ކުރެވުނެވެ. އަލްޚުލަފާއުއް ރާޝިދޫންގެ ދައުރުގައި ވަރުގަދަކުރެއްވި ތައުލީމީބިންގާ ޒަމާންތަކަކަށް ދެމި އޮތެވެ. އިސްލާމީ ދައުލަތުގެ މާސިންގާ ސަރަހައްދުގެ އެކިކަންކޮޅުތަކުގައި މަދަރުސާތައް ހުޅުވުނެވެ. އެތަންތާގައި ލިޔެކިޔާން ދަސްކޮށްދެވުނެވެ. ކީރިތި ޤުރްއާނާއި ދީނީ ޢިލްމުތައް އުނގަންނައި ދެވުނެވެ. މަދަރުސާތަކާއި މަކްތަބުތަކާއި މިސްތިތްތަކުގައި ކިޔަވައިދެއްވާ މުދައްރިސުންނަށް ސަރުކާރުން މުސާރަ ހަމަޖެހުނެވެ. އަސްކަރީ ފަންނުތައް ދަސްކޮށްދޭ މަދަރުސާތައްވެސް ހުޅުވުނެވެ.

އަމީރުލް މުއުމިނީން އުމަރުބުނުލް ޚައްތާބު ރަޟިޔަﷲ އަންހުގެ ދައުރުގައި އިސްލާމީ ދައުލަތުގެ ސަރަހައްދުގައި ހުރި މިސްކިތްތަކުގެ އަދަދު ހަތަރުހާހަށްވުރެ މައްޗައެރިއެވެ. އެމިސްކިތްތަކުގައި ސަރުކާރުން މުސާރަ ދެެއްވާ އިމާމުންނާއި މުދިމުން ތިއްބެވިއެވެ އެއިން ކޮންމެ މިސްކިތަކީވެސް އިލްމީ އިދާރާއެކެވެ.
ޚުލަފާއުއްރާޝިދޫންގެ ދައުރުގައި ޢިލްމީގޮތުން މުސްލިމުން ކުރިއަރައިފައިވާ ކުރިއެރުމުގެ އެއްމިސާލަކީ ހަމައެކަނި ކޫފާގައި ތިންސަތޭކަ ހާފިޒުން ތިއްބެވިކަމެވެ. އެދުވަސްވަރު މަދީނާ ފިޔަވައި ދެވަނައަށް އެންމެ ބޮޑު ޢިލްމީ މަރުކަޒަކީ ކޫފާއެވެ.މައްކާ އާއި، ބަސަރާ އާއި، ދިމިޝްގާއި ފުސްތާޠަކީ ވެސް ބޮޑެތި ޢިލްމީ މަރުކަޒެުތަކެވެ. އެދުވަސްވަރު މަދީނާގައި ތިއްބެވި އެދުރުބޭކަލުންގެ ތެރެއިން އުމަރުގެ ފާނާއި ، އަލީގެ ފާނާއި، އައިޝަތުގެ ފާނާއި، ޒައިދު ބިން ސާބިތުގެ ފާނާއި އަބްދުﷲ ބިން އުމަރު (ރަޟިޔަﷲ އަންހުމް) ޚާއްސަ ގޮތެއްގައި ފާހަގަ ކޮށްލެވެއެވެ. މައްކާގެ އިސް މުދައްރިސަކީ އަބދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހުމާއެވެ. ކޫފަގައި އަބްދުﷲ ބިން މަސްއޫދު ރަޟިޔަﷲ އަންހުއެވެ.

މިދެންނެވި ބޭބޭކަލުންގެ ދަރުސްގައި ކީރިތި ޤުރްއާނާއި ،ތަފްސީރާއި، ހަދީސު ގެ އިތުރަށް ފިޤުހާއި ، އަރަބިބަހާއި، ތާރީޚާއި ޅެމާއި ޅެންވެރިކަންވެސް ކިޔަވައިދެވުނެވެ.

ތައުލީމު – އުމަވީ ދައުރުގައި

ނަބަވީ ދައުރުގައި މުސްލިމުންގެ މެދު އުފެދުނު ޢިލްމީ ރޫޙް އުމަވީ ދައުރުގައިވެސް އައީ އިތުރަށް ވަރުގަދަވަމުންނެވެ. ސަހާބީންގެ ވަރަށް ގިނަބޭކަލުން އޭރުވެސް ދުނިޔޭގައި ތިއްބެވިއެވެ. އެބޭކަލުންގެ ހަޔާތްޕުޅުގެ މަޤްސަދަކަށް ހައްދަވައިފައިވަނީ ޢިލްމު ފެތުރުއްވުމެވެ. އެދުވަސްވަރު ދީނީ ޢިލްމު ފެރުއްވި ބޭކަލުންގެ ތެރޭގައި އަބްދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހުމާ އާއި އަބްދުﷲ ބިން އުމަރު ރަޟިޔަﷲ އަންހުމާ އާއި އަނަސް ބިން މާލިކު ރަޟިޔަﷲ އަންހު އާއި ޙަސަނުލް ބަސަރީ ރަޙިމަހުﷲ އާއި، އިމާމު ޒުހުރީ ރަޙިމަހުﷲއާއި ޤާޟީ ޝުރައިހު ރަޙިމަހުﷲއާއި އައްސައްޔިދާ އާއިޝާ ޞިއްދީޤާ ރަޟިޔަﷲ އަންހާ ފަދަ ބޭބޭކައުކަނބަލުން ހިމެނިވަޑައިގެންނެވިއެވެ. ދީނީ ޢިލްމުތަކުގެ ފޮތްތައް ލިޔެވޭންފެށީވެސް އުމަވީ ދައުރުގައެވެ. އިލްމުގެ ތަފާތު އާގޮފިތައްވެސް އެދައުރުގައި ތައާރަފުވިއެވެ.

އުމަވީ ދައުރުގައި ވަރަށް ގިނަ ޢިލްމުވެރީން ކޮންމެ ދުވަހަކުވެސް މިސްކިތްތަކުގައި އިލްމީ މަޖިލިސްތައް ބާއްވަވަމުން ގެންދެވިއެވެ. އަބްދުﷲ ބިން އައްބާސް ރަޟިޔަﷲ އަންހުމާއާއި ރަބީޢަތުއްރާއީ ރަޙިމަހުﷲ ގެ ޢިލްމީ މަޖިލިސް ވަކީން ފުޅާކަން ބޮޑެވެ. ތާބިޢީންގެ ވަރަށް ގިނަ ބޭކަލުން މިސްކިތްތަކުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އެދުވަސްވަރު ތައުލީމުގެ އެންމެ ކުރިއަރާފައިވާ މަރުކަޒުތައްހުރީ ހިޖާޒުކަރައާއި ، އިރާޤު ކަރައިގައެވެ. މިސްކިތްތަކުގެ އިތުރަށް އިބްތިދައީ މަދަރުސާތަކުގެ ގޮތުގައި ބޭނުންކުރެވޭ ވަރަށް ގިނަ ގޭގެވެސް ހުއްޓެވެ. އެތަންތަނަށް ކިޔަނީ މަކުތަބެވެ. އެތަންތާގައި ކިޔަވައިދެއްވަނީ ކުޑަކުދިންނަށެވެ. ކީރިތި ޤުރުއާނާއި ޙަދީޘާއި ، ހިސާބު ޢިލްމެވެ. އުމަވީ ދައުރުގައި އެންމެ ހާއްޞަގޮތެއްގައި ކުރިއެރީ އަރަބި ބަހާބެހޭ ބަހަވީ ޢިލްމުތަކެވެ. އިސްލާމީ އުންމަތުގެ އެންމެފުރަތަމަ ޔުނިވަރސިޓީ ޖާމިޢާ ޒައިތޫނާ ހުޅުވުނީ ވެސް އުމަވީދައުރުގައެވެ.

ތައުލީމު – އައްބާސީ ދައުރުގައި

މުސްލިމުންގެ ޢިލްމީ ކުރިއެރުން އޭގެ އެންމެ އުސް ކުންނާ ހަމަޔަށް އެރީ އައްބާސީ ދައުރުގައެވެ.އިރުމަތީގެ ޤައުމުތައް ދުވަހަކުވެސް ދެކެފައި ނުވާފަދަ ޢިލްމީ ކުރިއެރުންތަކެއް އައްބާސީ ދައުރުގައި މުސްލިމުން ހޯދިއެވެ. ޔޫރަޕްގެ އެދުރުންކަމުގައި މުސްލިމުންވީ އައްބާސީ ދައުރުގެ ޢިލްމީ ތަރައްޤީގެ ސަބަބުންނެވެ. މުސްލިމުން ގްރީކާއި، އީރާނާއި އިންޑިއާގެ ހިކުމަތާއި ފަލްސަފާ ދަސްކޮށް އިތުރަށް ފުޅާކޮށް ކުރިއެރުވީ އައްބާސީދައުރުގައެވެ. އެދުވަސްވަރު މުސްލިމުން މަދަރުސާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތައް ގާއިމްކުރިއެވެ. އެތަންތާގެ ސިލަބަހުގައި އެކުލެވިފައިވަނީ ހަމައެކަނި ޤުރްއާނާއި ޙަދީޘާއި ފިޤުހާއި އަދަބިއްޔާތެއްނޫނެވެ. އަދި ކިއެއްތޯއެވެ. މަންޠިޤާއި ފަލްސަފާއާއި ހިސާބު ޢިލްމާއި ފަލަކިއްޔާތާއި ޠަބީޢިއްޔާތާއި ކީމިޔާވެސް ހިމެނުނެވެ.

ޚަލީފާ މައުމޫނުއްރަޝީދުގެ ދައުރުގައި ބަޣުދާދުގައި ވަރަށް ޚާއްޞަ ޢިލްމީ މުއައްސަސާއެއް އުފެއްދެވިއެވެ. އެތާގެ މަޤްސަދަކީ ހުރިހާ ބާވަތެއްގެ އިންސާނީ ޢިލްމުތައް އާލާކޮށް ކުރިއެރުވުމެވެ. އެތާގެ ނަމަކީ ދާރުލް ޙިކުމަތެވެ. ނުވަތަ ބައިތުލް ޙިކުމަތެވެ. އެތާގެ ބެލުމުގެ ދަށުން ގްރީކާއި އިންޑިއާގެ ޢިލްމީ ފޮތްތައްއަރަބިބަހަށް ތަރުޖަމާކުރެވުނެވެ.

ނިޒާމުލް މުލްކު ތޫސީ ރަޙިމަހުﷲ ވެސް ވަރަށްގިނަ މަދަރުސާތައް އުފެއްދެވިއެވެ. ބަލްޚާއި، ނިޝާޕޫރާއި ، ހަރާތާއި، އިސްފަހާނާއި، ބަސަރާއާއި، މުރޫއާއި، މޫސަލްގައި ވަރަށް މަޝްހޫރު ޢިލްމީ އިދާރާތައް އުފެއްދެވިއެވެ. އެތަންތަނާގުޅިގެން ދާރުލްއިގާމާތައްވެސް އުފެދުނެވެ. ބަޣުދާދުގެ މަޝްހޫރު ޔުނިވަރސިޓީ ތަކުގެ ތެރޭގައި ހިމެނޭ ނިޒާމިއްޔާއާއި ، މުސްތަންސިރިއްޔާ އަކީ މިޒަމާނުގެ މުސްލިމުންނަށް ވެސް ފަޚުރުވެރިކަމާއެކު އެދެޔުނިވަރސިޓީއެއްގެ ނަން ކިޔައިލެވޭފަދަ ދެޔުނިވަރސިޓީއެވެ. މިޒަމާނުގައި އިސްލާމީ ދުނިޔޭގެ އެންމެ ނަންވިދާޔުނިވަރސިޓީ އެއްކަމުގައިވާ އަލްޖާމިއުލް އަޒްހަރު އުފެދުނީވެސް އައްބާސީ ދައުރުގައެވެ. މުޅިދުނިޔޭގައިވެސް އެންމެގިނަ އެންމެ ބޮޑެތި ލައިބްރަރީތައް ބިނާކުރީ ވެސް މުސްލިމުންނެވެ. ނަތީޖާއެއްގެ ގޮތުން އިސްލާމީ އުއްމަތުގައި މަތީފެންވަރުގެ އެތަކެއް ޢިލްމީ ޝަޚްޞިއްޔަތުތަކެއްއުފެދުނެވެ. އިމާމު އަބޫ އިސްޙާޤު ޝިރާޒީއާއި،އިބްނުލް ކާތިބުއާއި، ޤުޠުބުއްދީނުއްޝާފިޢީއާއި ، އިމާމު ޣަޒާލީ ރަޙިމަހުﷲ ފަދަ އަރާތިއްބެވި ޢިލްމުވެރިން ތަކެއް އުފެދުނެވެ.

މުސްލިމުންގެ ތެރޭގައި އުފެދުނު ޢިލްމީ ހޭލުންތެރިކަމަކީ ކީރިތި ޤުރްއާނުގެ ވަހީ އާއި ކައުސާހިބާގެ ހިދާޔަތުގެ ނަތީޖާއެވެ. އެމަތިވެރި އިރުޝާދުތައް ވަނީ އިންސާނީ ސިކުނޑިތަކުގައި ލެވިފައިހުރި ތަޅުތައް ހުޅުވައިދީފައެވެ. އެތަޅުތައް ހުޅުވުމާއެކު މުސްލިމުންވަނީ ދުނިޔޭގެ އެހެން ހުރިހައި ޤައުމުތަކެއް ފަހަތަށް ޖައްސައިލައި ޢިލްމީގޮތުން ކުރިޔަށް އަރައިފައެވެ. އިސްލާމީ ދުނިޔެވަނީ ޢިލްމުގެ ދަނޑުބިންކަމުގައި ވެފައެވެ. އިލްމުގެ ނާސަރީއަކަށް ވެފައެވެ. ދުނިޔޭގެ ހަތަރުބިތުން ޢިލްމުގެ ޢާޝިގުން މިސުރާބުޖަހާ ތަނަކަށް ވެފައި އޮތީ އިސްލާމީ ދިނިޔެއެވެ. އެދުވަސްވަރު މުސްލިމުން ނުހަނު މަތީ ދަރަޖަޔަކަށް ކުރިއެރުވި ޢިލްމުތަކުގެ ތެރޭގައި ތާރީޚާއި، ޖޯގްރަފީއާއި، މަޢުދަނިއްޔާތާއި (މިނަރަލޮޖީ) ނަބާތިއްޔާތާއި (ބޮޓްނީ) ހަޔަވާނިއްޔާތާއި (ޒޫލޮޖީ) ހިސާބު އިލްމާއި (މެތަމެޓިކްސް) ބޭސްވެރިކަމާއި، ފަލްސަފާ ހިމެނެއެވެ. މިހުރިހައި ޢިލްމުތަކެއްގައި ވެސް އެދުވަސްވަރު ދުނިޔޭގެ އިމާމުންނަކީ މުސްލިމުންނެވެ. ޔޫރަޕު ޖާހިލުކަމުން މިންޖުވީ ސްޕޭނާއި ސިސިލީގައި މުސްލިމުން ބިނާކުރި ޢިލްމީ ފަނާރުތަކުން ފޯރި އަލިކަމުގެ ސަބަބުންނެވެ.

އާދެ، މިދެންނެވި ފަޚުރުވެރި ރަން ދައުރަށް ފަހުު އިސްލާމީ އުއްމަތަށް ވެރިވީ ކަންނެތްކަމާއި ލޮޑުކަމެވެ. މުސްލިމުން ޢިލްމީ އައު ހޯދުންތަކާއި ، އައުއީޖާދުތަކުގެ މަސައްކަތް ދޫކޮށްލިއެވެ. ރަޖާލައިގެން ގޭގައި މަޑުކޮށްލިއެވެ. ނަތީޖައަކަށްވީ އިސްލާމީ އުންމަތުގެ ފަޚުރުވެރި ކަމުގެ އިރު މެދުންލަނބައިލުމެވެ. ހުރިހައި ގޮތަކުންވެސް އުންމަތް ދަށަށްދިޔުމެވެ.

އިސްލާމީ އުންމަތަށް މިވަޅޯކަމާއި މޯޅިކަމާއި، ކަންނެތްކަން ވެރިވީ އިސްލާމްދީން ޢިލްމުހޯދަން ގޮވައިލާ ގޮވައިލުމަށް ބަދަލެއް އައިސްގެނެއް ނޫނެވެ. އިސްލާމްދީން މިއަދުވެސް މުސްލިމުންނަށް ހަރުއަޑުން ގޮވައިލަނީ ޢިލްމީ ހުރިހައި މައިދާންތަކެއްގައި ވެސް ބުންވަރު އެލުވައިނުލައި ކުރިޔަށް އެރުމަށެވެ. ވަރުބަލިފިލުވުމުގެ ނަމުގައި ކަންފަސޭހަކޮށްނުލުމަށެވެ. ކަންނެތްވެފައި ނިދިޖެހިފައި ނުތިބުމަށެވެ. އިސްލާމީ ދުނިޔެ އިލްމީ ފަނާރުތަކުން އަލިކޮށްފާންކުރުމަށެވެ. ވިދުވައި ބެބުޅުވުމަށެވެ. ކާބަފައިންގެ ޝަރަފްވެރި މަޤާމު މުސްލިމުންނަށް އަލުން އަތުވާނީ އޭރުންނެވެ. ދުނިޔޭގެ އިސްވާރުން ކަމުގައި މުސްލިމުންނަށް ވެވޭނީ އޭރުންނެވެ.
(ނިމުނީ)