ގާނޫނީ ވަކީލު އަދި ގޮތް ނޭނގޭ މަރުތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދުގެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރު ދެއްކުމަށް ހިންގާ އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާނޫނު އަސާސީގައާއި ގާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައި ނުވާ ކަންކަމުގައި، ސްޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލަ ބަލަން ފެށުމަކީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ވާހަކަދައްކާ ފަރާތްތަކަށް ބިރުދެއްކުން ކަމަށް ދެކޭ ކަމަށެވެ.
އަދި ފަނޑިޔާރުގެއާ މެދު ހިޔާލުފާޅުކުރުމުގެ ސަބަބުން މީގެ ކުރިން ވެސް އެކި ފަހަރުމަތިން ސްޕްރީމް ކޯޓުން ވަނީ ސުއޫދާއި އަދި އެތަކެއް ގާނޫނީ ވަކީލުން ސަސްޕެންޑްކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
ސުޕްރީމް ކޯޓަށް ސުއޫދު ހާޒިރުކުރައްވައި، ފަނޑިޔާރުގެ އިސްލާހުކުރެއްވުމާ މެދު ދެއްކެވި ވާހަކައަކާ ގުޅިގެން އެމައްސަލަ ބައްލަވަން ފެއްޓެވުމުން އެމްޑީޕީން އިން އިންތިހާއަށް ކަންބޮޑުވާ ކަމަށް ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ރާއްޖެޓީވީގެ ޕްރޮގްރާމްގައި ސުއޫދު ފާޅުކުރައްވާފައިވާ ހިޔާލަކީ ފަނޑިޔާރުގެއިން އިންސާފުނުލިބޭތީ ރާއްޖޭގެ ގިނަ ރައްޔިތުންނާއި ބައިނަލްއަގްވާމީ ދުނިޔެއިން ވެސް ދައްކަމުންގެންދާ ވާހަކައާއި އެއްވާހަކައެއް ކަމަށެވެ.
އަދި އޭނާ ވާހަކަދައްކަވާފައިވަނީ ފަނޑިޔާރުގޭގައި ހުރި މައްސަލަތަކާއި ސާބިތުވާން ހުރި މައްސަލަތަކުގެ މައްޗަށް ތެދު ނިޔަތުގައިކަން ފާހަގަކުރެވޭ ކަމަށް ބަޔާނުގައި ވެއެވެ.
އަދި ގާނޫނާ އެއްގޮތަށް ދެފުށްފެންނަ ގޮތަށް ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަ ކުރުމަށްފަހު، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށްފަހުގައި މެނުވީ ފަނޑިޔާރުން ވަކިކުރެވިގެން ނުވާނޭކަމަށް ސުއޫދު ބާރުއަޅުއްވާފައިވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެއެވެ.
ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމާއި ފަނޑިޔާރުގެއާ މެދު ވަރަށް ގިނަ ރައްޔިތުންނާއި އަދި ބައިނަލްއަގުވާމީ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ ޝަރުއީ ނިޒާމް ވަގުތުން އިސްލާހުކުރުމަށް ގޮވާލަމުންދާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ފަނޑިޔާރުންނާއި ވަކީލުންނާ ބެހޭ އދ. ގެ ހާއްސަ މުޝީރު ވެސް މީގެ ކުރިން ރާއްޖެ ވަޑައިގެން ދިރާސާކުރެއްވުމަށްފަހު ރާއްޖޭގެ ވަކީލުން ސަސްޕެންޑްކުރާ ކުރުމާއި، އަދި ޝަރުއީ ނިޒާމު އޮތް ހާލަތާމެދު ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރައްވާފައިވާކަން އެމްޑީޕީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އދ. ގެ ހިޔުމަން ރައިޓްސް ކޮމިޝަނާއި، ކޮމެންވެލްތާއި، ޔޫރަޕިއަން ޔޫނިއަން އާއި އެކިއެކި ޑިމޮކްރެޓިކް ގައުމުތަކުންނާއި ދުނިޔޭގެ ބޮޑެތި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަންކަން ވަގުތުން އިސްލާޙުކުރެއްވުމަށް ގޮވާލަމުންދާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނަގަައިފައިވެއެވެ. ސުއޫދު ވިދާޅުވީ އެވާހަކަތައް ދެއްކެވީ ކޮން މަގުސަދެއްގައިތޯ އޭނާއާ ސުވާލު ކުރެއްވި ކަމަށެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ގެ ޕްރޮގްރާމްގައި ސުއޫދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އިތުބާރު ނެތް ކަމަށާއި އެ ހުރިހާ ބޭފުޅުން މަގާމުން ދުރުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމައިފައެވެ.